ލައިފްސްޓައިލް

ކުދިން ބޮޑަށް ފަލަވަނީ ސްކޫލް ދުވަސްވަރަކު ނޫން، ޗުއްޓީގައި

Nov 4, 2016

ސްކޫލްތައް ބަންދުވެ އަހަރުގެ ބޮޑު ޗުއްޓީ ފެށެނީ އެވެ. ޗުއްޓީއަށް ތަންތަނަށް ދިއުމުގެ ޕްލޭންތައްކޮށް މިހާރު ތިބީ ޓިކެޓުވެސް ނަގައިގެންނެވެ. މާދަންވެސް ޗުއްޓީވުމުން ފުރަން ހަމަ ތައްޔާރުވެެގެންނެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ ގިނަ މީހުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެކިކަންކޮޅުތަކަށް ދެ އެވެ. ނަމަވެސް ޗުއްޓީ ނުލިބިގެން ނުވަތަ ލިބޭ އާމްދަނީން ޗުއްޓީ ބަޖެޓަށް ފައިސާ ނުލެވުނު މީހުންވެސް މަދެއް ނޫނެވެ. ޗުއްޓީއަށް ތަނަކަށް ނުގޮސް ގޭގައި ތިބެންޖެހޭ ކްރައުޑްގެ ތެރޭގައި އެތައް ކުޑަކުދިންނެއް އެބަތިއްބެވެ.

މާލޭގައި ދިރިއުޅޭ މިފަދަ ކުދިންނަށް ޗުއްޓީވެ އެއްވެސް ތަނަކަށް ނުދެވޭނަމަ ޖަލަކަށް ލާފައި ހުންނަ ކަމުގެ އިހުސާސެއް ކުރެވެ އެވެ. މާލޭގެ ކާރުބާރު ބޮޑުވުމުން ބޭރުތެރެއަށް ނުކުމެ އުޅުމަކީ މައިންބަފައިން އެއްވެސް ގޮތަކަށް ހުއްދަދޭ ކަމެއް ނޫނެވެ. އެންމެފަހުން ގޭގައި ތިބެގެން ފާޑުފާޑުގެ ޖަންކްސް ފުޑް ކެއުން ނޫންކަމެއް ނުކުރެވެ އެވެ. ނަތީޖާއަަކަށްވަނީ ކުއްޖާ އޯވަވެއިޓްވެ އޮބޭސްވުމެވެ.

ޔުނިވާސިޓީ އޮފް ޓެކްސަސްގައި ދާދިފަހުން ކުރި ދިރާސާ އެކެވެ. ޕްރީ ސްކޫލަށްދާ އުމުުރުގެ 18،170 ކުދިން ބޭނުންކޮށްގެން ހަދާފައިވާ މި ދިރާސާއަކީ 2010 އަކުން 2013 އަށް ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ތިން އަހަރުވެސް ދިރާސާގައި ބައިވެރިކޮށްފައިވަނީ ފުރަތަމަ ގްރޭޑްގެ ކުދިންނެވެ.
މި ދިރާސާގައި ކުދިންގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަށް ބަލާފައިވެ އެވެ. މި ދިރާސާގައި ސްކޫލްގައި ކުދިން ކިޔަވާ ދުވަސްވަރާއި ސްކޫލް ޗުއްޓީގައި ކުދިންގެ ބަރުދަނަށް އައިސްފައިވާ ބަދަލު ދެނެގަނެފައިވެ އެވެ.

މި ދިރާސާއިން ދައްކަނީ ކުދިން ފުރަތަމަ ސްކޫލަށް ވަންނަ އިރުން ފެށިގެން ދެވަނަ ގްރޭޑް ނިމިގެންދާއިރު ކުދިން އޯވަވެއިޓްވެ އޮބޭސިޓީވެފައިވަނީ ސްކޫލް ޗުއްޓީތަކުގަ އެވެ.

މީގެ ދިރާސާއެއް 2007 ވަނަ އަހަރުވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ދިރާސާގެ ނަތީޖާ ދައްކާފައިވަނީ ފަހުންވެސް ދައްކާފައިވާ ނަތީޖާ އެވެ. މި ދެ ދިރާސާވެސް ކުރިއަށް ގެންގޮސްފައިވަނީ ޓެކްސަސް ޔުނިވާސިޓީގެ ޕްރޮފެސާ ވޮން ހިޕެލް އެވެ. ހިޕެލް ވިދާޅުވީ ސްކޫލްތަކުގެ ސަބަބުން ކުދިން އޮބޭސިޓީއާ ދުރުކޮށްދޭ ކަމަށެވެ. ނަމަވެސް އެލެމެންޓަރީ ގްރޭޑް ކުދިންނަށް މިއަދުވެސް ފެނިގެންދަނީ 1998 ހިސާބުގައި ފެނިގެން ދިޔަ ބަދަލު ކަމަށެވެ. އަދި އެއުމުރުގައި މިހާރުވެސް އަދި އޭރުވެސް އޯވަވެއިޓްވާ ކުދިން ވަރަށް މަދު ކަމަށެވެ.

ސްކޫލްތަކުން ކުދިންނަށް ފިޒިކަލް ހަރަކާތްތައް ކުރިއަށް ގެންދަން ޖެހޭނީ ހަމައެކަނި ސްކޫލް ދުވަސްވަރު ނޫން ކަމަށާއި ސްކޫލް ބަންދު ދުވަސްވަރުވެސް ކުދިންނަށް ހަރަކާތްތެރިވެ އުޅެވޭ ކަހަލަ ޕްރޮގްރާމްތައް ރާވަން ޖެހޭ ކަމަށެވެ.