ދުނިޔެ

ތަޖިކިސްތާނުގެ އިދިކޮޅު ލީޑަރު އަވަހާރަކޮށްލައިފި

ތަޖިކިސްތާނުގެ އިދިކޮޅު ލީޑަރެއް ކަމުގައިވާ އުމަރުއަލީ ކުވަޓޯވަށް ދިން ބަޑީގެ ހަމަލާއެއްގައި އޭނާ އިއްޔެ އަވަހާރަކޮށްލައިފި އެވެ.

އޭނާ އަވަހާރަކޮށްލާފައި ވަނީ ތުރުކީގެ އިސްތަންބޫލްގަ އެވެ. ތަޖިކިސްތާނު ސަރުކާރުން ކުވަޓޯވްގެ މައްޗަށް ތަފާތު އެކި މައްސަލަތަކުގައި ދައުވާތައް އުފުލާފައިވާތީ އޭނާ ދިރިއުޅުއްވަމުން ގެންދެވީ ތުރުކީގަ އެވެ.

އޮފިޝަލުން ވިދާޅުވެފައި ވަނީ އޭނާ އަވަހާރަކޮށްލާފައި ވަނީ ބޮލަށް ދިން ބަޑީގެ ހަމަލާއެއްގައި ކަމަށެވެ. އޭނާ އަވަހާރަކޮށްލާފައިވާއިރު ތަޖިކިސްތާނުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޭނާގެ ސިޔާސީ ޖަމިއްޔާ "ގްރޫޕް 24" ވެސް މަނާކޮށްފަ އެވެ.

އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލާގައި ޝަރީއަތް ހިންގުމަށް އޭނާ ހައްޔަރުކުރުމަށް ވެސް ތުރުކީ ސަރުކާރުގައި އެދިފައިވެ އެވެ. ވިސާގެ މައްސަލާގައި ތުރުކީ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ހައްޔަރުކުރި ނަމަވެސް ވަނީ ދޫކޮށްލައިފަ އެވެ.

ކުވަޓޯވް އަވަހާރަކޮށްލާފައިވާއިރު ތަޖިކިސްތާނުގެ ކޯޓަކުން ވަނީ އޭނާގެ ސިޔާސީ ގްރޫޕްގެ މުހިންމު އެހެން ލީޑަރެއްގެ މައްޗަށް މީގެ ދެ ދުވަސް ކުރިން 17 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ. އެއީ ގައުމުގެ ރައީސަށް ހަޖޫ ޖެއްސެވި މައްސަލަ އަކާއި ބަޣާވާތަކަށް މަސައްކަތްކުރެއްވި ކަމުގެ ކުށް ސާބިތުކޮށްގެންނެވެ.

ތަޖިކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ބުނަނީ ކުވަޓޯވް މަރާލާފައި ވަނީ ބައެއްގެ ރޭވުމެއްގެ ދަށުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ބަޑިން ހަމަލާ ދިނުމުގެ ކުރިން އޭނާ އަށް ވިހަލާފައިވާ ކަމަށް ވެސް ގަބޫލުކުރެވޭ ކަމަށެވެ.

ކުވަޓޯވް އަވަހާރަކޮށްލާފައި މި ވަނީ ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި ފޯރި ހިފައި އޭނާގެ މަގްބޫލުކަން ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ.

މިދިޔަ ހަފުތާގައި ވަނީ ރަޝިއާގެ މަޝްހޫރު އިދިކޮޅު ލީޑަރަކު ވެސް ބަޑީގެ ހަމަލާއެއްގައި އަވަހާރަކޮށްލައިފަ އެވެ.