ހަބަރު

"އިންޒާރު" މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި

Mar 7, 2015

އެމްޑީޕީގެ "އިންޒާރު" މުޒާހަރާގެ ތެރޭން ރޭ ހައްޔަރުކުރި އެ ޕާޓީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒާއި، ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު، ގަމު ދާއިރާގެ ފައްޔާޒު އިސްމާއީލާއި ކުރީގެ މަޖިލިސް މެމްބަރު އިލިޔާސް ލަބީބާއި ހައްޔަރު ކުރި އެންމެން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން ބުނީ ރޭގެ މުޒާހަރާގައި އެ ޕާޓީގެ ލީޑަޝިޕުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މުޒާހަރާއަށް ދިޔަ ބައެއް މީހުން ހައްޔަރުކޮށް ލޮލަށް ޕެޕާ ސްޕްރޭ ޖަހާފައިވާއިރު  ނޫސްވެރިންނަށް ވެސް ފުލުހުން ހުރަސް އަޅާފައިވާ ކަމަށެވެ.

އަދި ބުނެފައި ވަނީ ރޭގެ މުޒާހަރާގެ ތެރެއަށް ބަޔަކު ވަދެ ސުލްހަ ނަގާލުމަށް މަސައްކަތްކުރުމުން ވެސް އެބަޔަކު ހައްޔަރުކޮށްފައި ނުވާތީ ކަން ބޮޑުވާ ކަމަށާއި މުޒާހަރާތަކާއި އިޙްތިޖާޖުތައް ގިނަވަމުންދާއިރު ވެސް ސަރުކާރުން ރައްޔިތުންގެ މަސްލަހަތު އޮތްގޮތް ބަލައި ހަމަޖެހުން ގާއިމްކުރަން އިސްކަން ދިނުމުގެ ބަދަލުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި މީހުންނާއި އެ ޕާޓީގެ އިސް ބޭފުޅުން ހައްޔަރުކުރަމުންދާ ކަމަށެވެ.

"އިންޒާރު" ގެ ނަމުގައި އެމްޑީ އާ މުޒާހަރާތަކެއް ފެށީ ރައީސް ނަޝީދު ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގަމުންދަނިކޮށެވެ. އެ ގޮތުން ރޭ ކުރި މުޒާހަރާގައި ހަމަނުޖެހުންތައް ހިނގައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.