ބޭރު ކުޅިވަރު

ފެންވަރު ދައްކާލުމަށްފަހު ޓޭބަލްގެ ލީޑަރަކަށް ލިވަޕޫލް

Nov 6, 2016
  • ސުވާންސީ އަތުން ޔުނައިޓެޑަށް މޮޅެއް
  • ޕޯގްބާ އާއި އިބްރޮހިމަވިޗްވެސް ލަނޑު ޖެހި
  • އާސެނަލް އާއި ޓޮޓެންހަމް ހަމަހަމަ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އާއި ޓޮޓެންހަމް، އެމިރޭޓްސް ސްޓޭޑިއަމްގައި ބައްދަލު ކުރި މެޗް 1-1 އިން އެއްވަރުވެ، ލިވަޕޫލާއި ވޮޓަފޯޑް ބައްދަލު ކުރި މެޗުގައި ލިވަޕޫލް 6-1 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ. މީގެ އިތުރުން ދަށް ނަތީޖާ ތަކުގެ ސަބަބުން ފާޑު ކިޔުންތަކާ ކުރިމަތިލާންޖެހިފައިވާ ހޯސޭ މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑް ވެސް މިރޭ ވަނީ މި ސީޒަންގައި އެދެވޭ ކުޅުމެއް މިހާތަނަށް ދެއްކިފައި ނުވާ ސުވާންސީ އަތުން 3-1 ގެ ނަތީއަކުން މޮޅުވެ ނޭވާއެއް ލައިގެން ޓޭބަލްގެ ހަ ވަނަ އަށް ޖެހިލާފަ އެވެ.

މެޗުތަކުގެ ނަތީޖާ މިގޮތަށް ނުކުތުމުން 26 ޕޮއިންޓާއެކު ލިވަޕޫލަށް ވަނީ ޓޭބަލްގެ ކުރި ލިބިފަ އެވެ. ދެވަނަގައިގައި 25 ޕޮއިންޓާއެކު އޮތީ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އެންޓޯނިއޯ ކޮންޓޭގެ ޗެލްސީ އެެވެ. މެންޗެސްޓާ ސިޓީ އާއި އާސެންލް 24 ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ނަމަވެސް ރަސްމީ ގޮތުން ސިޓީއަށް ތިން ވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ. އެހެން ކަމުން އާސަނެލް ހަތަރުވަނާގަ އެވެ. ޓޮޓެންހަމް ފަސް ވަނާގަ އެވެ.

ލިވަޕޫލުން ވޮޓަފަޑްގެ ކޮޅަށް ލަނޑުތައް ޖަހައިދިނީ ފެންވަރުގެ މޮޅު ކުޅުން ދައްކާލުމަށްފަހު އެވެ. ވަރަށް ބޮޑަށް ހަމައަކަށް އެޅިގެން މޮޅަށް ކުޅުނު ޖާގެން ކްލޮޕްގެ ޓީމުން ލަނޑުތައް ޖަހައިދިނީ ނުރައްކާތެރި ފޯވާޑް ސައިދޯ މާނޭ އާއި ފިލިޕް ކޫޓިނިއޯ އާއި އެމްރޭ އަދި ޜޮބާޓޯ ފްރިމިނޯގެ އިތުރުން މެޗުގެ އިތުރު ވަގުތުގައި ޖޯޖީނިއޯ ވިޖެނަލްޑަމް އެވެ. މިރޭގެ މެޗުގައި ސައިދޯ މާނޭ ދެ ލަނޑު ޖަހައިދިނެވެ. ވޮޓަފަޑުގެ ސުން ކަނޑުވައި ދިނީ ޑެރީލް ޖަންމާޓް އެވެ.

ނޯތު ލަންޑަން ޑާބީގެ ވާދަވެރި މެޗުގައި އާސެނަލް އަށް ލީޑް ލިބުނީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ކެވިން ވައިމާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޓޮޓެންހަމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން އެވެ. މިމެޗުގައި ދެ ޓީމަށް ވެސް މޮޅުވެގެން ފައިވާނެ ފުރުސަތުތައް ލިބިފައި ވެއެވެ. ހާއްސަކޮށް ޓޮޓެންހަމަށެވެ.

މި ދެ ޓީމުގެ މި ނަތީޖާއަކީ އާސެން ވެންގާ އަށާއި ޓޮޓެންހަމްގެ ކޯޗަށް ވެސް ބޮލު ރިހުމަކަށްވާނެއެވެ. މި ސީޒަންގައި އާސެނަލް އެއްވާނެއްގައި ކުޅެ ރަނގަޅު ނަތީޖާތައް ހޯދަމުން އައިސް ވަރުގަދަ ޓީމާކާއެކު މިނަތީޖާ ނުކުތް އިރު ވެންގާއާ ދެން ކުރިމަތިލާނީ ޓަޗް ލައިންގައި އަބަދުވެސް މައްސަލަ އޮންނަ އޭނާގެ ވާދަވެރި މޮރީނިއޯގެ މެންޗެސްޓާ އާއެވެ. މޮރީނިއޯ ވަނީ އެދެވޭ ނަތީޖާތަކެއް ނުހޯދި ދާތީ ބޮޑު ޓީމެއްގެ އަތުން ކާމިޔާބު ހޯދަން ކެތްމަދުވެފަ އެވެ.

މިރޭގެ ނަތީޖާއިން ޓޭބަލްގެ ފުލަށް ދިޔަ ސްވާންސީ އާ ދެކޮޅަށް ނުކުމެ ޔުނައިޓެޑުން މެޗުގެ ކުރީ ކޮޅުގައި ލަނޑުޖަހައި ނުތަނަވަސް ކަން ފިލުވައި ދިނީ އެންމެ ފަހުން ކުޅު މެޗުގައި އަނިޔާވި ޕޯގްބާ އެވެ. އޭނާގެ ލަނޑަށް ފަހު، ޔުނައިޓެޑް ހަމަ ޖެހިލި އިރު ލަނޑު ނުޖެހުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ސްވިޑަންގެ އިބްރޮހިމަ ވިޗް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި ނަތީޖާ 3-0 އަށް ބަދަލު ކޮށްދީފަ އެވެ. މިރޭ މެޗުގެ 33 ވަނަ މިނެޓްގައި އޭނާ ޖަހައިދިން ލަނޑަކީ ކެރިއަރުގައި އޭނާ ޖެހި 400 ވަނަ ލަނޑެވެ. އެހެން ނަމަވެސް މި ސީޒަންގައި އޭނާ ހޯދި ފަސް ވަނަ ރީނދޫ ކާޑް މިރޭ ބޭކާރު ގޮތުގައި ލިބި ގަތުމުން އާސެނަލްއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ގެއްލޭނެ އެވެ. އެކަން ވެސް ވަނީ މޮރީނިއޯގެ ބޮލު ރިހުމަކަށެވެ. ސަބަބަކީ މާޝިއަލްގެ ފޯމް ގެއްލިފައިވާތީ އެވެ. ސުވަންސީން ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މިރޭ ހަލް ސިޓީ އާއި ސައުތެމްޓަން ބައްދަލު ކުރި މެޗުގައި ކުރި ހޯދީ ހަލް އެވެ. އެ ޓީމުން ދެލަނޑު ޖެހި އިރު ސައުތަމްޓެން އަށް ޖެހުނީ އެންމެ ލަނޑެކެވެ. ޗެމްޕިއަން ލެސްޓާ އާއި ވެސްޓްބްރޯމްގެ މެޗު ކުޅޭނީ ވެސް މިރޭގަ އެވެ. މި މެޗުތަކަށް ފަހު ދެން އަނެއްކާވެސް ދާނީ އިންޓަނޭޝަނަލް ބްރޭކަށެވެ. ބްރޭކަށް ދާއިރު ކޮންޓޭންގެ ޗެލްސީ އާއި ކްލޮޕްގެ ލިވަޕޫލް ފިޔަވައި ބޮޑެތި ޓީމްތަކުގެ ފޯމް ވަނީ ދަށްވެފައެވެ.