ހަބަރު

ގެއަށް ފުލުހުން ވަނީ އަދީބު އިންޒާރު ދެއްވި ފަހުން: ނާޒިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއަށް ވަދެ އެތަނުން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނީ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނާޒިމަށް " ހޭއަރުވާލާނެ" ކަމަށް ބުނެ އިންޒާރު ދީފައި ވަނިކޮށް ކަމަށް ނާޒިމްގެ ވަކީލުން ޝަރީއަތުގައި މިއަދު ބުނެފި އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދު ހަވީރު ބޭއްވި ޝަރީއަތުގައި ނާޒިމްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ނާޒިމްގެ އެޕާޓްމެންޓަށް ފުލުހުން ވަނުމުގެ ދެ ދުވަސް ކުރިން މިނިސްޓަރު އަދީބު ވަނީ ނާޒިމަށް ގުޅުއްވައި، ނާޒިމްގެ އެޕާޓްމެންޓުގައި ހުންނަނީ ކިތައް ކޮޓަރި ތޯ އާއި ނާޒިމްގެ ކޮޓަރި ހުންނަނީ ކޮން ތާކުތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އޭގެކުރިން މަޖީދީމަގުގައި ހުރި ފެން ފޯއް ރުށްތައް ކަނޑާލީ ފުލުހުން ކަމަށް ތުހުމަތު ކުރެވޭތީ އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެކަމުގެ ހިތްހަމަނުޖެހުން ނާޒިމް ފާޅު ކުރެއްވުމުން ނާޒިމަށް "ހޭ އަރުވާލާނެ" ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި އަދީބު އެގޮތަށް ނާޒިމަށް އިންޒާރު ދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ނާޒިމާ އަދީބާ އެކު ކޮންފަރެންސް ކޯލެއް ހައްދަވައިގެނެވެ. އެ ވާހަކަތައް ނާޒިމްގެ ވަކީލުން ދައްކަން ފެށިތާ ވަކި ހިސާބަކުން ފަނޑިޔާރުން ވަނީ އެ ވާހަކަތައް ދެއްކުން ހުއްޓުވައި، އެއީ މައްސަލައާ ގުޅުން ނެތް ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ.

މައުމޫން އިތުރަށް ވިދާޅުވީ ނާޒިމްގެ އެޕާޓްމެންޓް ފާސްކުރަން ދިޔަ ފުލުހުންގެ ސްވޮޓް ޓީމްގައި ހިމެނޭ ފުލުހުންގެ އެކައުންޓަށް ފައިސާތަކެއް ވަނީ ޖަމާވެފަ އެވެ. އަދި އެކަމުގެ ހެކިބަސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ނާޒިމާ ދެކޮޅަށް ހެކި ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ފަސް މީހަކާއި ބައެއް ސިއްރު ޑޮކިއުމަންޓްތަކެއް ހިމެނޭއިރު ފަސް މީހުންގެ ތެރެއިން ތިން މީހަކު ވެސް ހުށަހެޅީ ސިއްރު ހެކިންގެ ގޮތުގަ އެވެ. ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ އެ ހެކިންގެ ހެކިބަސް ނެގުން ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ދިފާއުގައި ހެކި ހުށަހެޅުމަށް ނާޒިމަށް ވަނީ ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ޝަރީއަތަށް ނުފޫޒު ފޯރާ ގޮތަށް ވާހަކަ ދައްކަވާ ނަމަ ނާޒިމްގެ ވަކީލުންނާ މެދު ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ނާޒިމްގެ އަނބިކަނބަލުން އަފާފްގެ މައްޗަށް ވެސް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވި އެވެ. ނަމަވެސް ފަހުން ވަނީ އެ ދައުވާ އަނބުރާ ގެނެސްފަ އެވެ.