ރައްޔިތުންގެ މަޖިލިސް

"މަސީހުގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓް ދާނީ ފަނުފުލުން"

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އިދިކޮޅު ފަރާތްތަކުން ފަށާފައިވާ މަސައްކަތް މަޖިލީހުގައި ދާނީ ފަނުފުލުން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވެސް ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިހެން ވިދާޅުވީ، މަސީހާއި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހިމެނިވަޑައިގަންނަވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި މިއަދު އެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު ނިހާން ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތް ދަނީ ފަނުފުލުން ކަމަށާއި އެ މަސައްކަތް މަޖިލީހުގައި ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.

މަސީހާއި ރިޒާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ބައެއް މެންބަރުން މަސައްކަތް ކުރައްވާ އިރު، މިހާރު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަންގައި ތިއްބެވި މަޖިލިސް މެންބަރުން ވެސް އިދިކޮޅު ޕާޓީތަކާ މަޝްވަރާކޮށް މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނަމުން ދެ އެވެ. ނަމަވެސް މަސީހާ ރިޒާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަސައްކަތް ކުރަނީ އެ މެންބަރުން ކަމަށް ދައްކާ ވާހަކަތައް މައުމޫން ފެކްޝަނުން ދޮގު ކުރެއެވެ. މައުމޫން ފެކްޝަނުން ބުނަނީ އެއީ އަމިއްލަ މެންބަރުންތަކެއް ކުރައްވާ މަސައްކަތެއް ކަމަށެވެ.

މައުމޫން ފެކްޝަންގައި ހުންނެވި އަދި މަޖިލީހުގެ ރައީސަށް އަބަދުވެސް ފާޑު ވިދާޅުވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ ރައްޔިތުންގެ އަޑު ކަނޑުވާލަން މަސީހު މަސައްކަތް ކުރައްވާތީ ކަމަށާއި ރިޒާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ރިޒާ ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާތީ ކަމަށެވެ. އަދި އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

މަޖީލީހުގެ މެޖޯރިޓީ އޮތް ގޮތުން މިފަދަ މައްސަލަ އެއް އަދި މަޖިލީހުގައި ކާމިޔާބު ވުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ގިނަ މެންބަރުން ވެސް ބުނެ އެވެ.