ހަބަރު

އެމްޑީޕީ އިން ހިންގަނީ ހަނގުރާމަވެރި ހަރަކާތްތަކެއް: އަދީބު

Mar 7, 2015
1

އެމްޑީޕީ އިން މިހާރު މަގުތަކުގައި ހިންގާ ހަރަކާތްތަކަކީ، "މިލިޓެންޓް" (ހަނގުރާމަވެރި) ހަރަކާތްތަކެއް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް އަވަސް ކުރުމަށް ގޮވާލާ ސަރުކާރަށް ސަޕޯޓް ކުރާ ފަރާތްތަކުން މިއަދު ބޭއްވި ސައިކަލް ބުރުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، އެމްޑީޕީ އިން އިންޒާރޭ ކިޔައިގެން މަގުތަކަށް ނިކުތް ނަމަވެސް ހިތައް އެއްވެސް އެއްޗެއް ނާރާ ކަމަށާއި އެކަމާ ބިރުން ސަރުކާރުން ނޫޅޭ ކަމަށެވެ. އަދި ނަޝީދުގެ ދިފާއުގައި އެކި ޖަރީމާތައް ހިންގައި ޖަލަށް ދާން މިހާރު ބޭނުންވާ ޒުވާނަކު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެއާޕޯޓު ހިފުމާއި ތަންތާ ހުޅު ޖެހުމަށް އެމްޑީޕީ އިން މަސައްކަތް ކުރާ މަންޒަރު މިފެންނަނީ. ނަމަވެސް މިއަދު ރައްޔިތުންނަށް އެބަ އެނގޭ މިވާގޮތް. ކެނެރީގޭ ނަޝީދަށް ޓަކައި ޖަލަށް ދާނެ މީހަކު ނެތް،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަމެއް ކުރަން ކެރޭ ނަމަ އެކަމާ މެދު މާގިނައިން ވާހަކަ ނުދައްކައި އެ ކުރާ ކަމެއް ކުރުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގައުމުގެ ސުލްހަ މަސަލަސްކަން ނަގާލައި ތަންތާ ހުޅުޖަހައި ޓުއަރިޒަމް ބޮއިކޮޓް ކުރަން އެއްވެސް ފުރުސަތެއް މި ސަރުކާރުން ނުދޭނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދި މިފަދަ ކަންތައްތައް ހިންގައިގެން މި ސަރުކާރަށް ބައިނަލްއަގުވާމީ ޕްރެޝަރެއް ނުދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ނަޝީދުގެ ޝަރީއަތާއި އެމަނިކުފާނު ހައްޔަރު ކުރުމަކީ ޒާތީ ގޮތުން ކޮށްގެން އުޅޭ ކަމެއް ނޫންކަން އެންމެންނަށް އެބަ އެނގޭ. އެކަން އެބަ ގަބޫލު ކުރޭ. މިއީ ސަރުކާރަށް ޕްރެޝަރެއް އޮތް ކަމެއް ނޫން،" އަދީބު ވިދާޅުވި އެވެ.

ޕީޕީއެމް- އެމްޑީއޭގެ ޒުވާނުން ގުޅިގެން ބޭއްވި ސައިކަލް ބުރުގައި ގިނަ ޒުވާނުންނާއި މަޖިލިސް މެންބަރުން ބައިވެރިވީއިރު އެ މީހުން އަޑުއުފުލީ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް އަވަސް ކުރުމަށާއި އިންސާފު ގާއިމް ކުރުމަށެވެ. އެ ސައިކަލް ބުރުގައި 5،000 އަށް ވުރެ ގިނަ ސައިކަލް ބައިވެރިވި ކަމަށް އެކަން އިންތިޒާމް ކުރި ފަރާތްތަކުން ބުންޏެވެ.