ހަބަރު

"ނާޒިމްގެ ވަކީލުން އުޅެނީ ދޮގު ހަދައިގެން އަޅުގަނޑު ފްރޭމް ކުރަން"

Mar 7, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އެއްވެސް އިރެއްގައި އިންޒާރު ދެއްވާފައި ނުވާނެ ކަމަށާއި ނާޒިމްގެ ވަކީލުން މިއަދު ކޯޓުގައި ކުރި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ އެޕާޓްމަންޓް ފާސްކުރީ "ދުވަސް ދުއްވާލާނެ" ކަމަށް ބުނެ، އަދީބު އިންޒާރު ދިންތާ ދެ ދުވަސް ތެރޭގައި ކަމަށް ނާޒިމްގެ ވަކީލުން މިއަދު ކޯޓުގައި ވިދާޅުވުމާ ގުޅިގެން، އަދީބު މިއަދު "އަވަސް" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ނާޒިމާ މުޅިން ވެސް ވާހަކަ ދެކެވިފައި ހުންނާނީ ވަރަށް ވެސް އެކުވެރި މާހައުލެއްގައި ކަމަށެވެ. އަދި އުމަރާއި ނާޒިމް ހިމެނޭ ގޮތަށް އެއްވެސް އިރެއްގައި ކޮންފަރެންސް ކޯލެއް ހައްދަވާފައި ނުވާއިރު ނާޒިމަށް އިންޒާރެއް ވެސް ދެއްވާފައި ނުވާނެ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭނާއަކީ އެހެން މިނިސްޓަރުންނާ ގުޅައިގެން އޮފީހުގެ ރަސްމީ ވާހަކައެއް ފިޔަވައި އެހެން ވާހަކަތައް ދައްކަވާ ބޭފުޅެއް ނޫނެވެ. އަދި މާލޭގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ބަޔަކު ކެޑި މައްސަލައިގައި ނާޒިމް އެއްވެސް އިރެއްގައި ހިތްޕުޅު ހަމަޖެހި ވަޑައިނުގެން އުޅުއްވިކަން އެނގިވަޑައިގެންފައި ނެތް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑަށް މިހާރު މި ފެންނަނީ ނާޒިމްގެ ވަކީލުން ޒާތީ ވެގެން މި ޝަރީއަތް ވެސް ސިޔާސީކޮށް ވަކި ދިމާލަކަށް ގެންދަން އުޅޭތަން. އެންމެ ފަހުން މިކަމުގައި ވެސް އަޅުގަނޑު ޝާމިލް މި ކުރަނީ. އެކަމަކު މިއީ އަޅުގަނޑަށް އިނގޭ ކަމެއް ނޫން. ކޮންމެ ކަމެއްގައި ވެސް އަޅުގަނޑު އެކަމެއްގައި ޝާމިލް ކުރުވަން ވެގެން މި އުޅެނީ. އެހެން ވީމާ ސިޔާސީ ގޮތުން އަޅުގަނޑު ފްރޭމް އެ ކުރައްވަނީ ނާޒިމްގެ ވަކީލުން. އެ އުޅުއްވަނީ އަޅުގަނޑު ފްރޭމް ކުރަން،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާޒިމްގެ މައްޗަށް ފުލުހުން އެ ތުހުމަތުތަކެއް ކުރި، ފަހުން ވެސް ފޯނުން ވާހަކަ ދެއްކެވި ކަމަށާއި އޭރު ނާޒިމް ހަމައެކަނި ކަންބޮޑުވުން ފާޅު ކުރެއްވީ، ލޯޔަރު އާޒިމާ ޝަކޫރު މައްސަލަ ދޫކޮށްލެއްވުމުން ލޯޔަރު މައުމޫން ހަމީދުގެ ލީގަލް ފީގެ ގޮތުގައި ވަރަށް ގިނަ ފައިސާ ދޭން ޖެހޭތީ އެކަމާ ގުޅޭ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ލޯޔަރު މައުމޫން ހަމީދު މިހާރު މަސައްކަތް ކުރައްވަނީ، ނާޒިމްގެ ފަރާތުން ވަކާލާތު ކުރެއްވުމުގެ ބަދަލުގައި، ޕީޖީކަން ލިބި ވަޑައި ނުގަތުމުން އެކަމުގެ ޒާތީ ހަސަދައެއް ސަރުކާރަށް ފިލުވައިލައްވަން ކަމަށެވެ.

"މައުމޫން މި އުޅުއްވަނީ ޒާތީ މައްސަލައެއްގައި، އެއީ އެބޭފުޅާއަށް ޕީޖީކަން ނުލިބުން. ދެން އެ ރުޅި މި އުޅެނީ އަޅުގަނޑުގެ މައްޗަށް ބާލައި އަޅުގަނޑު ފްރޭމް ކުރުން. މިކަމާ ވަރަށް ބޮޑަށް ހިތާމަ ކުރަން. މިއީ މިކަހަލަ ޕްރޮފެޝަނަލް ލޯޔަރުން ކަމަށް ވިދާޅުވާ ބޭފުޅުންގެ ކިބައިން ފެނިގެން ވާނެ ކަމެއް ނޫން،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާޒިމް އަކީ އޭނާގެ ގާތްރަހުމަތްތެރިއެއް ކަމަށާއި އެއްވެސް އިރެއްގައި ނާޒިމަށް ލަނޑެއް ދޭން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ނާޒިމް އެޕާޓްމަންޓްގައި ހުންނަ ކޮޓަރީގެ އަދަދު ނާޒިމް ކައިރީގައި ދުވަހަކު ވެސް ނާއްސަވާ ކަމަށް ވެސް ވިދާޅުވި އެވެ. ސަބަބަކަށް ވަނީ އެ ގެއަށް ނާޒިމްގެ ދައުވަތަކަށް މީގެ ކުރިން ވެސް އަދީބު ވަޑައިގެންފައިވުމެވެ. އަދީބު ވިދާޅުވީ ނާޒިމްއަށް އަމިއްލަ ހައިސިއްޔަތުން ވެސް މީގެ ކުރިން އެހީވެފައި ހުންނާނެ ކަމަށާއި އެކި ތަންތަނުގައި ހަވާ އެރުވުމަށް ފަހު ނުދެއްކި ހުރި ބިލްތަކުގެ ފައިސާ ވެސް ރިސޯޓްތަކުން ސްޕޮންސަ ހޯދައިގެން ނާޒިމްގެ އެދިލެއްވުމަށް ދައްކަވާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"ކީއްކުރަންތޯ ދެން އަޅުގަނޑު ނާޒިމާ ޖައްސާލައިގެން އުޅެންވީ. އަޅުގަނޑު އެކަހަލަ ކަމެއް ކޮށްފައެއް ނޯންނާނެ،" އަދީބު ވިދާޅުވި އެވެ.