ގައުމީ އިނާމް

ޝަރަފުގެ އިނާމު ހަތަރު ބޭފުޅަކަށް، ހިތްވަރު 22 ބޭފުޅަކަށް

Nov 8, 2016

މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 ބޭފުޅަކަށް ދޭން ގައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފި އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ހަތަރު ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ހަތަރު ބޭފުޅުންނެވެ.

ރައީސް އޮފީހުން ބުނީ އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަންނަ ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށާއި
ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮވަން ގައުމީ އިނާމާބެހޭ ކޮމިޓީން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރި ކަންކަމުގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު 20 ބޭފުޅަކަށް ދޭން ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ޙާޞިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވަނީ ދެ ބޭފުޅުންނެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވަނީ 15 ބޭފުޅުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، ސައިންޓިފިކް ތަޙުލީލެއް ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ނުވަތަ ފާހަގަކޮށްލެވޭފަދަ އާދަޔާޚިލާފު އުފެއްދުންތެރި މަސައްކަތެއް ކޮށްގެން ނުވަތަ އައު އީޖާދެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލު ކުރައްވަނީ އެއް ބޭފުޅެކެވެ. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ޙާޞިލު ކުރައްވަނީ ދެ ބޭފުޅުންނެވެ.

ސަރުކާރުން ދޭ ބައެއް ޚާއްޞަ މެޑެލްވެސް އެ ޖަލްސާގައި ދޭނެ އެވެ. އެގޮތުން މެޑެލް ދެއްވަނީ، ކީރިތި ގުރްއާން ހިތުދަސްކުރައްވައިގެން ހާފިޒް ކަމުގެ ސަނަދު ހާސިލު ކުރެއްވި ހަ ބޭފުޅަކަށާއި، 2015 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، މިއަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ޙާޞިލުކުރި ދަރިވަރުންނަށެވެ.