ހަބަރު

އަޅުގަނޑުގެ ޝަރީއަތް މި ދަނީ ހަވާ ފަޓާސް ބަރިއެއްހެން: ނަޝީދު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގަނީ "ހަވާ ފަޓާސް ބަރިއެއްހެން" ކަމަށް ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ ޝަރީއަތުގައި ނަޝީދު ވިދާޅުވީ އެ ޝަރީއަތް ކުރިއަށް ގެންދަނީ "ހަވާސް ފަޓާސް ބަރިއެއްހެން" ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމާ މެދު ފަނޑިޔާރުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ނަޝީދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކުގެ ތެރޭގައި ޑޮކިއުމެންޓް ހެކިތަކާ ބެހޭގޮތުން ވާހަކަދައްކަން އުޅުމުން ނަޝީދު ވިދާޅުވީ އެ ހެކިތަކާ ބެހޭގޮތުން ވާހަކަ ދައްކާ ނަމަ އެމަނިކުފާނަށް ރަނގަޅީ މިރެއިން މިރެއަށް ހުކުމް އިއްވައި ދިނުން ކަމަށެވެ. އެކަމާ ގުޅިގެން ފަނޑިޔާރުން ވިދާޅުވީ ޝަރީއަތް ކުރިއަށް ގެންދާނެ ގޮތް އެނގޭނީ ފަނޑިޔާރުންނަށް ކަމަށާއި އެކަމާ ގުޅޭގޮތުން ނަޝީދަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ.

ޑޮކިއުމެންޓް ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުން މާދަމާ އޮންނަ އެ މައްސަލައިގެ އަޑުއެހުމަށް ތާވަލް ކުރުމުން ނަޝީދުގެ ވަކީލުން ވަނީ އެކަމަށް ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަނޑިޔާރުން ވަނީ އެކަމަށް އިތުރު ފުރުސަތު ދިނުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން މާދަމާ ރޭ 8:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.