ރިޕޯޓް

ސިނގިރެޓުގެ ޑިއުޓީ ބޮޑު ކުރަން ތާއީދު!

Nov 9, 2016
5
  • ޑިއުޓީ ބޮޑު ކުރިއަސް ރާއްޖޭގައި އަގު ހެޔޮ
  • ސިނގިރެޓަށް 1.1 ބިލިއަން ރުފިޔާގެ ހޭދަކުރޭ
  • ސިނގިރެޓުން 200 މިލިއަން ރުފިޔާ ލިބޭނެ

ޑިއުޓީއާ ކުޅުމަކީ ސަރުކާރަކުން ނިންމާނެ، އެންމެ އުނދަގޫ އެއް ނިންމުމަށް ވާނެ އެވެ. ސަބަބަކީ ޑިއުޓީ އަށް ގެންނަ ބަދަލުގެ، އަސަރު ކޮންމެވެސް ހިސާބަކުން ރައްޔިތު މީހާ ގެ ޖީބުގައި "ޖެހުމެވެ." އެހެންވެ، މިއީ އަލިފާނާ ކުޅުން ފަދަ ކަމެކޭ ވެސް ބުނެވިދާނެ އެވެ. ނަމަވެސް، ސިނގިރެޓުގެ ޑިއުޓީ ބޮޑު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމެނުމާއެކު، ގިނަ ބަޔަކު ފާޅުކުރި ހިޔާލު ތަކުން އެނގެނީ މިކަމަށް ގިނަ ބަޔަކު "އޯކޭ" ދީފިކަމެވެ. ސަބަބަކީ ގިނަ ބަޔަކަށް ސިނގިރެޓުގެ ދުމުގެ، އުނދަގޫ ބޮޑުވުމެވެ. ހަމަ ޔަގީނުން ވެސް ސިނގިރެޓުގެ ޑިއުޓީ ބޮޑު ކުރަން އަހަރެން ތާއީދު ކުރަމެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސަރުކާރުން ވަނީ ސިނގިރެޓަކުން 1.75ރ. ގެ ޑިއުޓީއެއް ނަގަން ނިންމާފަ އެވެ. މިހާރު ޑިއުޓީގެ ގޮތުގައި ސިނގިރެޓަކުން ނަގަނީ 1.25ރ. އެވެ. މިއީ 2014 ވަނަ އަހަރު ސިނގިރެޓުގެ ޑިއުޓީ ބޮޑު ކުރިފަހުން އަގަށް ބަދަލު ގެންނަ ފުރަތަމަ ފަހަރެވެ. ޑިއުޓީ ބޮޑު ކުރުމާއެކު ދައުލަތުގެ ބަޖެޓަށް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ލިބޭނެ އެވެ. މި ގެންނަ ބަދަލާއެކު، މި ބާވަތުގެ އަގަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟

ރާއްޖޭގައި އަދިވެސް އަގު ހެޔޮ؟

ސިނގިރެޓުގެ ޑިއުޓީ ބޮޑު ކުރިނަމަވެސް، ރާއްޖެއަކީ މިހާރު ވެސް އެންމެ އަގު ހެޔޮކޮށް މި ބާވަތްތައް ލިބޭ ގައުމަށް ވާނެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތައް ދައްކާ ގޮތުގައި ގެއްލުން ބޮޑު، ބޭކާރު ހަރަދު ހޭދަ ކުރުމަށް ދެވިހިފާފައިވާ ޔޫރަޕުގެ ބައެއް ގައުމުތަކުގައި ސިނގިރޭޓު ވިއްކާ އަގު ރާއްޖެއަށް ވުރެ މާ ބޮޑެވެ. އަދި ސިނގިރޭޓަކީ ބައެއް ގައުމުތަކުގެ ދޮރޯށި ތަކުން ވައްދަން ދަތިތަކާ ކުރިމަތިކުރާ އެއް ބާވަތެވެ. ސަބަބަކީ މީގެން ލިބޭ ގެއްލުން ބޮޑުވުމާއެކު، މީގެން އާއްމުނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ބާރު އެޅުމެވެ.

  • ޔޫކޭގައި ފޮއްޓެއް ވިއްކަނީ 167ރ. އަށް
  • ދެކުނު އެމެރިކާ، ޔޫރަޕުގައި ވިއްކަނީ 148ރ. އަށް
  • ސްރީލަންކާގައި ވިއްކަނީ 200ރ. އަށް

ޔޫރަޕުގައި ގިނަ އަދަދަށް ދުންފަތަށް ދެވި ހިފާފައިވާ މީހުން ތިބި އިނގިރޭސިވިލާތުގެ ބާޒާރުގައި ސިނގިރެޓު ފޮއްޓެއްގެ އަގު އުޅެނީ އާއްމު ގޮތެއްގައި 8.74 ޕައުންޑް، 10.84 ޑޮލަރު ( ގާތްގަނޑަކަށް 167ރ.) އަށެވެ. އަދި ދެކުނު އެމެރިކާގެ ގައުމުތަކާއި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގައި ސިނގިރެޓު ފޮއްޓެއްގެ އަގު އުޅެނީ 16.11 ޑޮލަރު (ގާތްގަނޑަކަށް 148ރ.) އަށެވެ. އަދި ދިވެހިންގެ ގިނަ ބަޔަކު މިސާލެއްގެ ގޮތުގައި ބަލާ ސިންގަޕޫރުގައި ސިނގިރެޓު ފޮއްޓެއްގެ އަގު އުޅެނީ ސިންގަޕޫރު 13 ޑޮލަރު (9.36 ޔޫއެސް ޑޮލަރު) ގާތްގަނޑަކަށް 144ރ. އަށެވެ. އަދި މިއަށް ވުރެ ކައިރިއަށް ބަލާނަމަ، ސްރީލަންކާގައި ވެސް ސިނގިރެޓު ފޮއްޓެއް ލިބޭނީ ރާއްޖޭގެ 200ރ. ވަރަށެވެ.

ބަޖެޓުގެ އަރަންޏާ އެއްވަރުގެ ހޭދައެއް ސިނގިރެޓަށް!

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި އަރަނިވާނެ ކަމަށް އަންދާޒާ ކުރީ 1.1 ބިލިއަން ރުފިޔާ އެވެ. މިވަރުގެ ހޭދައެއް އަހަރަކު ރާއްޖޭގައި ސިނގިރޭޓު ގައުމަށް ހޭދަ ކުރެ އެވެ. ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ސިނގިރެޓު ގަތުމަށް 1.1 ބިލިއަން ރުފިޔާ ހޭދަ ކުރެ އެވެ. ރާއްޖޭގައި "ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނެއް" ހެދިފައިވީ ނަމަވެސް، އަހަރުން އަހަރަށް ސިނގިރެޓަށް ކުރާ ހޭދަ ދަނީ އުފުލެމުނެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އަށް ދުންފަތް އެތެރެކުރި މިންވަރު ވަނީ 35 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެކަނި ވެސް 243 މިލިއަން ރުފިޔާގެ ދުންފަތް ރާއްޖެ އެތެރެކޮށްފައިވެ އެވެ.

މި ސަބަބާހުރެ، ސިނގިރެޓާއި ދުންފަތުގެ ޑިއުޓީ ބޮޑު ކުރަން ޖެހެ އެވެ. ހަމަ ޔަގީނުން ވެސް އަގު ބޮޑުވާނަމަ އެ އެއްޗެއް ގަންނަން ދަތިތަކާ ކުރިމަތިވާނެ އެވެ. އަދި ސިނގިރެޓުގެ ދުމުން ސަލާމަތްވުމަކީ އެންމެން ވެސް ބޭނުންވާނެ ގޮތަށް ނޫނީ ނުވާނެ އެވެ.