މީހުން

ބުރުގާގެ ނިވަލުގައި ފޮރުވިފައިވާ ޒީނަތްތެރިކަން

މޫނު ބުރުގާ އެޅި ދިވެހި އަންހެނުންނާ މެދު މި މުޖުތަމައުގެ ބައެއް މީހުންގެ ހިޔާލު ހުންނަނީ ކިހިނެއް ހެއްޔެވެ؟ އެމީހުން ތިބޭނީ ގޭގައި ދަރިން ބަލާށެވެ. އެއީ ދީނީ ގޮތުން ހައްދުފަހަނަޅައި ގޮސްފައިވާ މީހުންނެވެ. ތަނެއް ދޮރެއް އެމީހުންނަކަށް ނޭނގޭނެ އެވެ.

މޫނު ބުރުގާ އެޅި އަންހެނުން މި ގޮތަށް ސްޓީރިއޯޓައިޕްކޮށް އެފަދަ ފަރާތްތަކަށް މިފަދަ އިބާރާތްތަކުން މި މުޖުތަމައުގައި ބައެއް ފަހަރަށް ހަމަލާ ދެވިގެންދާ މަންޒަރު، މަދުން ނަމަވެސް ފެނެ އެވެ.

އެކަމަކު މޫނު ބުރުގާ އެޅި އަންހެނާ އަކީ އޭނާގެ "ސިކުނޑި ފޮއްޓަކަށް ލައިގެން" އުޅޭ މީހެއް ނޫނެވެ. އަދި ސިކުނޑި ހުޅުވައިގެން ހުންނަ ހުނަރުވެރި މިނިވަން އަންހެނާގެ ދަރަޖަ ލިބެން ޖެހެނީ އައުރަ ނިވައު ނުކޮށް ހުންނަ އަންހެނާ އަށް އެކަންޏެއް ވެސް ނޫނެވެ.

މޫނު ބުރުގާ އަޅައިގެން އާންމުންގެ ލޮލަށް "ގެއްލިފައިވިޔަސް" އޭގެ ތެރޭގައި ވެސް ވަރަށް ހުނަރުވެރި އަންހެނުން އެބަތިއްބެ އެވެ. އަދި އެފަދަ ހުނަރުވެރިއެއްގެ ވާހަކަ ދައްކަން މި އަށް ވުރެ މުނާސަބު ދުވަހެއް ވެސް އަންނާނެ ހެއްޔެވެ؟

މިއީ އަންހެނުންގެ ދުވަހެވެ.

"ހުނަރުވެރި އަންހެނާ" ގެ މި ހާއްސަ ދުވަހުގެ ހޮވުމަކީ 29 އަހަރުގެ އަނީގާ އުމެއިމާ އެވެ. އޭނާގެ މަސައްކަތް އޮންލައިންކޮށް ވިއްކަނީ "އައިނީސް ވޯލް ޑެކޯ" ގެ ނަމުގަ އެވެ.

"އައިނީ އަކީ އަޅުގަނޑުގެ ފުރަތަމަ ދަރިފުޅު. އޭނަ ލިބިގެން ބޭނުންވީ އޭނާ އަށް ކޯނާއެއް ހަދައިދީ އެ ކޯނާ ނަލަކޮށްދޭން. އެގޮތުން އެންމެ ފުރަތަމަ މި މަސައްކަތް ފެށުނީ،" ދެ ކުދިންނާއި ފިރިމީހާ އެކު ދިރިއުޅެމުން އަންނަ ކުޑަކުޑަ އެޕާޓްމަންޓުގައި މަސައްކަތްތައް ދައްކާލަމުން އަނީގާ ކިޔައިދިނެވެ.

އޭނާގެ މަސައްކަތަކީ ތުއްތު ކުދިންނަށް ލޯބިލޯބި ކަންތައް ކޮށްދޭން ބޭނުންވާނެ ކޮންމެ މީހެއްގެ ހިތް ވެސް އެ މަސައްކަތަކަށް ބަންޑުންވާހާ ފުރިހަމަ މަސައްކަތެކެވެ. ކޮޓަރި ތެރޭގައި ދަރިފުޅަށް ހާއްސަކޮށްފައި ހުންނަ އޭރިއާ ޑެކަރޭޓްކުރުމަކީ އޭނާގެ ހާއްސަ ހުނަރެވެ.

ކަރުދާހުން އެކި ޑިޒައިންތައް ހަދައިގެންނާއި ފޯމް ބޯޑްތަކުގައި ބޮޑު އަކުރު އަޅައިގެން އެ އަކުރުތައް ކަފައިގެން އެކި ގޮތްގޮތަށް ޑިޒައިންކޮށްގެންނެވެ. ދަރިފުޅުގެ ކޯނާ ޑެކަރޭޓްކުރުމަށް ފެށި މި މަސައްކަތާ އެކު އަނީގާގެ ދިރިއުޅުން ވެސް ވަނީ ގާތްގަނޑަކަށް ބަދަލުވެފަ އެވެ.

އޭނާގެ އަމިއްލަ ޚަރަދުތައް ހަމަޖައްސަނީ މި މަސައްކަތުން ލިބޭ އާމްދަނީއަކުންނެވެ. އޭނާ އަދާކުރާ ވަޒީފާ އަކީ މިއީ އެވެ. ބިޒްނަސްގެ ދާއިރާ އިން ޑިގްރީއާ ހަމަ އަށް ތައުލީމު ހާސިލުކޮށްފައިވިޔަސް އަނީގާ ބުނީ ދުވަހަކު ވެސް އޮފީހެއްގެ ވަޒީފާއަކަށް ނުނިކުންނަ ކަމަށެވެ.

"މިހާރު މި މަސައްކަތް މި ކުރަނީ ވެސް ފޯމްބޯޑްގައި. އެކަމަކު އާންމުކޮށް މިފަދަ މަސައްކަތުގައި މީހުން ބޭނުން ކުރަނީ ލަކުޑި ފިލާ. ފިލާ ކަފައިގެން އެއިން އަކުރު އަޅައިގެން މި މަސައްކަތް ފުޅާކުރަން ބޭނުން މިހާރު،" އަނީގާ ބުންޏެވެ.

"ހުވަފެނަކީ މިކަހަލަ ކްރާފްޓިން މަސައްކަތް ލިބޭ ފިހާރައެއް ކަހަލަ ތަނެއް ހުޅުވައިގެން މި މަސައްކަތް އިތުރަށް ފުޅާކުރުން."