ވިޔަފާރި

ސެންޓާރާ ގްރޫޕުން ވިއެޓްނާމްގައި އިތުރު ރިސޯޓެއް ހިންގަން ފަށަނީ

ސެންޓާރާ ގްރޫޕުން ވިއެޓްނާމްގައި އިތުރު ރިސޯޓެއް ހިންގަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި ދެ ރިސޯޓު ހިންގަމުން އަންނަ ސެންޓާރާ ގްރޫޕުން ވަނީ ވިއެޓްނާމްގައި އެ ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން އެ ގައުމުގެ ޕޫކުވޮކް ރިސޯޓު ހިންގުމަށް މެނޭޖުމަންޓް އެއްބަސްވުމެއްގައި މި ރިސޯޓުގެ މައި ކުންފުނި ކަމަށްވާ ބިންލޭ ޒިއާން ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ސެންޓާރާ ބީޗް ރިސޯޓް އެންޑް ސްޕާ ފޫކްވޮކް ރިސޯޓަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ސެންޓާރާ ކުންފުނިން ބުނެ އެވެ.

އޭޝިޔާގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން ކަމަށްވާ ސެންޓާރާ ގްރޫޕުގެ ވައިސް ޕްރެޒިޑެންޓް ސޭލް އެންޑް މާކެޓިން ކްރިސް ބެލީ ވިދާޅުވި ގޮތުގައި މި ރިސޯޓަކީ މި ސަރަހައްދުގެ އެހެން ރިސޯޓުތަކާ ތަފާތު، ފުރިހަމަ ތަނަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސެންޓާރާ ބީޗް ރިސޯޓް އެންޑް ސްޕާ ފޫކްވޮކް ރިސޯޓު ހުންނަނީ އެއްގަމުމަގުން ދުއްވާފައި 10 މިނެޓުން ފޫކްވޮކް އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭނެ ރާސްތާގަ އެވެ. މި ރިސޯޓަކީ 143 ކޮޓަރީގެ ރިސޯޓެކެވެ.

ސެންޓާރާ ގްރޫޕުންދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި 77 ރިސޯޓު ހޮޓާ ހިންގަމުންނެވެ.