މަރު

ބިލެތްފަހީގައި ދޯންޏެއް ނެރުފައިކައްޓަށް އަރައި މީހަކު މަރުވެއްޖެ

ށ. ބިލެތްފަހީގެ ނެރުތެރެއިން ވަންނަން އައި ދޯންޏެއް ނެރުގެ ފައިކައްޓަށް އެރުމުން ދޯނި ފުންކުރުމުގެ މަސައްކަތް ކުރަން އުޅުނު މީހަކު މަރުވެއްޖެ އެވެ.

މިއަދު ހަވީރު ތިނެއް ޖަހާކަށްހާއިރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ދޯނީގެ ވެރިފަރާތް މުހައްމަދު ސިރާޖް އިދުރީސް، 55 އެވެ. ބިލެތްފަހި ކައުންސިލްގެ ނައިބު ރައީސް އަލީ ސާމިރު ވިދާޅުވީ މިހާދިސާ ހިނގީ އެއަތޮޅު ކަނޑިތީމު ބޯޓުން މާލެ ފުރާ މީހުންނާއި މުދާ ރަށު ބޭރުގައި އޮތް ކަނޑިތީމު ބޯޓަށް އެރުވުމަށްފަހު އެނބުރި އައިސް ނެރުން ވަންނަނިކޮށް ކަމަށެވެ.

" ކަނޑިތީމު ބޯޓަށް މީހުންނާ މުދާ އަރުވާފަ އައިސް ރަށު ނެރުން ވަންނަނިކޮށް މި ހާދިސާ ހިނގީ. މޫސުންވެސް ރަނގަޅު ކަނޑުވެސް މަޑުކޮށް އޮތީ. އެކަމަކު ނެރު ތެރޭގައި މި ދެތިން ދުވަހު އެބައުޅޭ ރާޅުގަނޑެއް. އެ ރާޅަށް ބަލާފައި ނެރުން ވަދެ ނުކުމެ ހަދަނީ. އެކަމަކު ނެރުން ވަދެގެން އައި އިރު ރާޅަށް ނުބަލާ ވަދެވުނީމަ ރާޅު އައި ވަރީގައި ދޯނިގޮސް ނެރުގެ ހުޅަނގު ފަރާތަށް އަރާ ހިކިފަ އޮތީ. އެގަޑީގައި ސިރާޖުބެ ފުންމާލީ. އަނެއްކާ އެގަޑީގައި ރާޅުވަރި އައި. ފުދޭވަރަކަށް އޮއެވެސް ގަދަ. ސިރާޖުބެ ދެން ފަތާފަގޮސް އެރީ ނެރުގެ އިރުމަތީ ފައިކައްޓަށް. އެގަޑީގައި ދޯނީގައި ތިބި މީހުންނާ ވާހަކަވެސް ދެއްކި ކަމަށްވަނީ . ދޯނީގައި ހުރި އިތުރު ދެ މީހުން ބިދޭސީއަކާ އެކީގައި. އެމީހުން ކައިރީގައި ބުންޏޯ ދޯނީގައި މަޑުކުރާށޭ. ދެން އަނެއްކާ ރާޅުވަރި އައި ގަޑީގައި ސިރާޖުބެ މޫދަށް ވެއްޓުނީ" ސާމިރު ވިދާޅުވި އެވެ.

ސާމިރު ވިދާޅުވީ އެހާދިސާ ހިނގި ވަގުތަކީ ގިނަ ބަޔަކު އަތިރިމަތީގައި ތިބި ވަގުތެއް ކަމަށާއި ގިނަ ބަޔަކު މޫދަށް އެރި އޭނާ ސަލާމަތްކުރަން މަސައްކަތް ކުރި ކަމަށެވެ.

"ސަލާމަތްކުރަން ދިޔަ އެކަކުގެ އަތުގައި ހިފިފައި ރާޅު އައި ގަޑީގައި އަތުން ދޫވީ. ދެން ފަހުން ސިރާޖުބެ ސަލާމަތްކުރެވުނު ނެތް އެއްވެސް ކަމެއް. ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައި ކަމަށްވަނީ" ސާމިރު ވިދާޅުވި އެވެ.

ސާމިރު ވިދާޅުވީ "ނަސްރު" ނަމަކަށް ކިޔާ އެ ދޯނި މިހާރު އެހެލާފައިވާ ކަމަށާއި ދޯންޏަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ ބިލެތްފަހި ކައުންސިލްގެ ރައީސް އަބުދުﷲ ޒިޔާދުގެ ބައްޕަ އެވެ.