ދުނިޔެ

އުއްމީދު ދޫކޮށްލާ ވަރަށް ވުރެ އަންހެނުންގެ ބާރު މިއަދު ގަދަ

މިއަދަކީ ބައިނަލްއަގުވާމީ ފެންވަރުގައި އަންހެނުންގެ ދުވަހެއް ފާހަގަކުރަން ފެށިތާ 107 އަހަރު ފުރުނު ދުވަހެވެ. ފާއިތުވި އަހަރުތަކުގައި މި ކެމްޕޭނުން އަންހެނުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އަދިވެސް އަންހެނުންނަށް ކުރިމަތިވެފައިވާ ހުރަސްތަކާއި މައްސަލަތައް ވެސް މަދެއް ނޫނެވެ.

އަންހެނުންގެ ދުވަހެއް ފާހަގަކުރަމުންދާއިރު، މިއަދުގެ އަންހެނުން ތިބި ހިސާބަށް ބަލާލަމާ ހިނގާށެވެ. އެމީހުންގެ އާރާއި ބާރަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.

ސިޔާސީ މައިދާނުގައި މިއަދުގެ އަންހެނުން ހަރަކާތްތެރިވަމުން ދަނީ ފިރިހެނުންނާ އެއް ސަފެއްގައޭ ބުނެފި ނަމަ ބައެއް އަންހެން ބޭކަނބަލުން ހިތްހަމަނުޖެހިދާނެ އެވެ. ފަހަރެއްގައި ރައީސް ކަމުގެ މަގާމު ފަދަ ބާރުގަދަ މަގާމުތަކަށް އައުމަށް އަންހެނުން ކުރަން ޖެހޭ އިންތިޒާރު ފިރިހެނުންގެ އެ އިންތިޒާރަށް ވުރެ އަދިވެސް ދިގުވީމަ އެވެ.

އދ. ގެ ހިސާބުތައް ދައްކާ ގޮތުން ރައީސެއްގެ މަގާމު ފަދަ ނުފޫޒުގަދަ މަގާމަކަށް އަންހެނަކަށް އާދެވޭ އާންމު އުމުރަކީ 50 އަހަރެވެ.

ނަމަވެސް އުފާވެރި ޚަބަރަކީ، ދުނިޔޭގެ ސިޔާސީ މައިދާނަށް ބެލިކަމުގައި ވިޔަސް، ލީޑަރުންގެ ގޮތުގައި ތިއްބެވި އަންހެނުން ވަރަށް ވެސް ގިނަ ކަމެވެ. މިހާރު ވެސް ރައީސުންނާއި ބޮޑުވަޒީރުންގެ ގޮތުގައި 22 ގައުމެއްގައި އަންހެން ވެރިން އެބަތިއްބެވި އެވެ. މިއީ ތާރީޚުގައި ވެސް މި އަދަދު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

މަޝްހޫރު އަންހެން ވެރިންގެ ތެރެއިން ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް އާއި ބަންގާޅުގެ ބޮޑުވަޒީރު ޝައިހް ހަސީނާ ފަދަ، ވެރިކަމުގައި ގިނަ ދުވަސްވީ މޫނުތައް ވެސް ފާހަގަކޮށްލެވެ އެވެ.

މި ލިސްޓަށް ބަލާއިރު އަންހެން ވެރިން އެންމެ ގިނައީ ޔޫރަޕްގެ ގައުމުތަކުގަ އެވެ.

އެމެރިކާ އަށް ބަލާއިރު އެގައުމުގެ ރައީސް ކަމަށް ވެސް ކުރިއަށް އޮތް އިންތިހާބުގައި އަންހެން ވެރިއަކު ވަޑައިގަތުމުގެ ފުރުސަތު ބޮޑެވެ. ހިލަރީ ކްލިންޓަން ރިއާސީ ރޭހަށް ނުކުމެ ވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު އެކަމަނާ އަކީ އެމެރިކާގެ އެންމެ މަގްބޫލު އަންހެނާ އެވެ.

ފޯބްސް މަޖައްލާ އިން އަހަރަކު އެއް ފަހަރު އެކުލަވައިލާ "ބިލިއަނަރުންގެ ލިސްޓް" ގެ މި އަހަރުގެ ލިސްޓްގައި 197 އަންހެނުން ހިމެނެ އެވެ. މިއީ މި ލިސްޓް އެކުލަވައިލަން ފެށި ފަށުން އަންހެން ބިލިއަނަރުންގެ އަދަދު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މި މިއީ ތިން އަހަރު ތެރޭގައި އަންހެން މަހުޖަނުން ހޯދާފައިވާ 90 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ލިސްޓަށް ބަލާއިރު އޭގައި ހިމެނުނު އަންހެން ބިލިއަނަރުންގެ އަދަދަކީ 172 އެވެ.

އަންހެން ބިލިއަނަރުންގެ އަދަދު މައްޗަށް ޖެހިލާފައިވީ ނަމަވެސް މަހުޖަނުންގެ ލިސްޓް އަދިވެސް ޑޮމިނޭޓްކުރަނީ ފިރިހެނުންނެވެ. އަންހެނުންގެ ޕަސެންޓަކީ އެންމެ 11 ޕަސެންޓެވެ. މި ލިސްޓްގައި 1،826 ބިލިއަނަރުން ހިމެނެ އެވެ.

ދުނިޔޭގައި ހުރި އެންމެ މުއްސަނދި އަންހެނާ އަކީ އެމެރިކާގެ ކްރިސްޓީ ވޯލްޓަން އެވެ.

ސްވިޓްޒަލެންޑްގެ ކްރެޑިޓް ސުވިސް އިން ހިންގާފައިވާ ދިރާސާއަކުން ދައްކާ ގޮތުން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑްގައި އަންހެނުން ހިމެނުމަކީ ވިޔަފާރީގެ މައިދާނުގައި، ފިރިހެނުން ކޮންޓްރޯލް ޑިރެކްޓަރުންގެ ބޯޑްތަކަށް ވުރެ ކުރިއަރައިގެން ދިއުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. އެގޮތުން، ޑިރެކްޓަރުންގެ ގޮތުގައި އަންހެނުން ހިމަނައިގެން ރޭހުގައި ވާދަކުރާ ކުންފުނިތައް އުޅެނީ ފިރިހެނުން ކޮންޓްރޯލް ޑިރެކްޓަރުންގެ ބޯޑްތަކަށް ވުރެ އަބަދުވެސް ފަސް ޕަސެންޓް ކުރީގައި ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އަންހެނުންގެ ހިއްސާ ބޮޑު ކުންފުނިތަކުގެ ވިޔަފާރި ރަނގަޅު ކަމަށް ދިރާސާތަކުން ދައްކާއިރު ވިޔަފާރީގެ މައިދާނުގައި އަންހެނުން ކުރީ ސަފަށް އަރަމުންދާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

މިސާލަކަށް އެމެރިކާ އަށް ބެލިކަމުގައި ވިޔަސް ނުވަ މިލިއަން އަންހެނުންނަކީ އެމީހުންގެ އަމިއްލަ ވިޔަފާރިއެއް ހިންގާ މީހުންނެވެ. އެމީހުންގެ މި ވިޔަފާރިން އަހަރެއްގެ މައްޗަށް 1.4 ޓްރިލިއަން ޑޮލަރުގެ އާމްދަނީއެއް އުފައްދާއިރު 7.8 މިލިއަން ވަޒީފާ އުފައްދަ އެވެ.