ރިޕޯޓް

އިތުބާރުގެ ވޯޓުގައި މަސީހު ދުއްވާލެވިދާނެތަ؟

  • މަޖިލިސް އޮތް ގޮތުން ގާތީ މިކަން ނުވުން
  • މި މަސައްކަތަށް ދޮރު ހުޅުވުނީ ޕީޕީއެމް ކަފިވުމުން
  • މިއީ އިދިކޮޅުން އަބަދު ވެސް ބޭނުންވާ ކަމެއް

ރައްޔިތުން މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ގިނަ ބަޔަކު މިހާރު އެންމެ އިންތިޒާރު ކުރަމުން ދާނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ކޮށާލާއި ފާސްވެގެންދާނެ ގޮތެއް ބެލުމަށެވެ. ދާއިރާތަކަށް ބަޖެޓްގައި އޮތީ ކޯންޗެއްތޯ ބެލުމަށެވެ. އެއާއެކު މަޖިލީހުގެ ތެރެއިން ސަރުކާރުގެ މެޖޯރިޓީ ދުއްވާލައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ ވެސް ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. އެކަން ކާމިޔާބު ވެދާނެތޯ ނޫންތޯ ގިނަ ބައެއްގެ ހިތުގައި މިހާރުވެސް ވަނީ ސުވާލު އުފެދިފައެވެ.

ސަތާރަ ވަނަ ރައްޔިތުން މަޖިލީހުގައި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭތޯ އިދިކޮޅު ފަރާތްތަކުން އެކިފަހަރު އެކި ގޮތްގޮތަށް ޓްރައިކޮށްފި އެވެ. މިހާތަނަށްވެސް އެކަން މާ ބޮޑަށް ހިނގައިގެންފައެއް ނުވެއެވެ. އެކަން ކުރަން ދޮރެއް ހުޅުވިގެން ދިޔައީ ކޯޅުމުގެ ތެރެއިން ޕީޕީއެމް ދެބައިވެ ބައެއް މެންބަރުން ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދިއުމުންނެވެ. އެއާއެކު އިދިކޮޅު ޕާޓީތަކުގެ ވިސްނުން އޮތީ އެ ފުރުސަތުގެ ބޭނުންކޮށްގެން ކުރިން ވެސް ބޭނުން ވެފައިއޮތް މަސީހުގެ އިތުބާރުގެ މައްސަލަ އަވަހާ ނިންމާލުމަށެވެ. މަޖިލީހުގެ ތެރެއިން ސަރުކާރުގެ މެޖޯރިޓީ ގެއްލުވާލާށެވެ.

މި ފަހަރު އެ މަސައްކަތް ކުރުމުގައި އިސްކޮށް އުޅުއްވާ ކަމަށް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުން ތުހުމަތު ކުރައްވަނީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށެވެ. އަދި ފާޑަކަށް ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ރައީސް މައުމޫން ގުޅިގެން އެ މަސައްކަތް ކުރާ ކަމަށް އެ މެންބަރުން ތުހުމަތު ކުރައްވަ އެވެ. އެގޮތުން މަޖިލީހުގައި ވެސް ކުރާ މަސައްކަތްތަކުގައި ޖޭޕީގެ އެހީތެރިކަން މައުމޫން ފަޅިއަށް އޮންނާނެ ކަމަށް ވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. އެކަމަކު މިއިން ޖޭޕީއަށް ސިޔާސީ ގޮތުން ލިބޭނެ މާ ބޮޑު ފައިދާއެއް ނުފެނެ އެވެ.

ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރަކު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި، ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތާއީދު ހޯދަނީ ގާސިމަށް މަޖިލީހުގެ ރައީސް ކަން ހޯދައިދޭށެވެ. އަދި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަޖިލީހުގެ މުޅި ބާރު އަނބުރާލުމަށެވެ. މި މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހިމް ކުރިމަތިލެއްވި އެވެ. ނަމަވެސް އޭރު އެކަން ކާމިޔާބެއް ނުކުރެއްވުނެވެ. ގާސިމަށް މަޖިލީހުގެ ރައީސްކަން ދޭން އޭރު އެންމެ ދެކޮޅު ހެއްދެވި ބޭފުޅަކީ ވެސް ރައީސް މައުމޫންއެވެ. އޭގެ ނަތީޖާއަކަށްވީ ޖުމްހޫރީ ޕާޓީއާއެކު ޕީޕީއެމުން ހަދާފައި އޮތް ކޯލިޝަން ރޫޅިގެން ދިއުމެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި މަސީހުގެ މައްސަލާގައި ގާސިމާއި ޖުމްހޫރީ ޕާޓީ ކުރިޔަށްދާ ގޮތަކުން ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީ އަށް އަދި ގާސިމަށް ވާން އޮތީ ފައިދާއެއްތޯ އެފައިދާގެ އަސަރު ކިހާ ދުވަހަކު ދެމި އޮވެދާނެތޯ ސުވާލު އުފެދެ އެވެ.

އެހެން އޮތް ނަމަވެސް އެމްޑީޕީގެ މެންބަރުންނާއި ގުޅިގެން މަސީހު މަޖިިލީހުގެ ރިޔާސާތުން ދުރުކުރެވޭތޯ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެމަސައްކަތަށް އެ ގޮތްގޮތުން ކުރެވިދާނެ ކަމަށް ދައްކާ ތިއަރީތައްވެސް ބޭރުވެގެން އުޅެއެވެ.

"މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މެންބަރުންގެ ވޯޓް ހަމަ ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް ކަމަށްވާތީ ހިތާމަ ކުރަން. އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމާ އެކުވެގެން އެމްޑީޕީ މެންބަރުންނަށް ހިތްވަރު ދީގެން މި މަސައްކަތުގެ އަދަދު ހަމަ ކުރެވޭތޯ އެބަ މަސައްކަތް ކުރޭ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަރަށް ބޭނުން ވެން ރާވާފައިވާ އެ މަސައްކަތަކީ ކާމިޔާބު ވާނެ މަސައްކަތަކަށްވުރެ ބޮޑަށް އެއީ ފަނުފުލުން ދާނެ މަސައްކަތެކެވެ.

ޕީޕީއެމަށް ނިސްބަތްބާ ބައެއް އެހެން މެންބަރުން ބުނާ ގޮތުގައިވެސް މަސީހުގެ އިތުބާރުގެ މައްސަލަ އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވުމުގެ ފުރުސަތެއް ނެތެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރެވިދާނެތަ؟

ޕީޕީއެމް ތެރޭގައި ދެ ފެކްޝަނެއް އުފެދުމުގެ ސަބަބުން ޕީޖީ ގްރޫޕު ވެސް ދެ ފަޅިވި އެވެ. އެ ދަނޑިވަޅުގައި މައުމޫން ފެކްޝަނުން ދިޔައީ އެފަޅިއަށް ޕީޕީއެމްގެ މަޖިލިސް މެންބަރުން އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަން ގަދަ އަޅަމުންނެވެ. ނަމަވެސް މައުމޫން ފަޅީފައި ކުރިން ތިއްބެވި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހަންމަދު މިހާރު ވަނީ ރައީސް ޔާމީންގެ ފަޅިއަށް ބަދަލުވެ ވަޑައިގެންފަ އެވެ. އެހެންކަމުން މަޖިލިސް މިހާރު އޮތް ގޮތުން މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރެވިދާނެ ހެއްޔެވެ؟

މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ ދެ ބައިކުޅަ އެއްބައި، ސިމްޕަލް މެޖޯރިޓީއެއް މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓުލައިފި ނަމަ އެވެ. އަދި އެ ވޯޓެއް ނަގަން، 15 މެންބަރުންގެ ސޮޔާއެކު މައްސަލަ ވައްދާ އިރު ސަބަބުތައް ވެސް ބަޔާން ކުރަން ޖެހެ އެވެ. އަދި ނޯޓިސް ދިނުމަށް ފަހު މައްސަލައާ މެދު ބަހުސްކޮށް ވޯޓަށް އަހަންޖެހެ އެވެ.

ޕީޕީއެމްގައި މިހާރު ތިއްބެވި މަޖިލީހުގެ 48 މެންބަރުންގެ ތެރެއިން މައުމޫން ފެކްޝަނުގައި ތިބީ ހަތަރު މެންބަރުންނެވެ. އެއީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ތިނަދޫ ދާއިރާގެ ސައުދުﷲ ހިލްމީ އެވެ.

ވޯޓެއް ނަގައިފިނަމަ އެމްޑީއޭ ފަރާތުން މަސީހާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ބެލެވެނީ އެ ފެކްޝަންއަށް ތާއީދު ކުރާ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެން އާރިފް އެވެ. ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުންނާއި އެމްޑީޕީގެ 21 ވެސް މަސީހާ ދެކޮޅަށް ވޯޓު ދޭނެ ކަމަށް ބެލެވެއެވެ. އެމްޑީޕީގެ މެންބަރެއް ކަމަށްވާ ހުޅު ހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އިންނަވާނީ މަޖިލީހުގެ ރިޔާސަތުގައެވެ. އެހެންކަމުން މި އަދަދުތައް އަޅާކިޔާއިރު މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދޭނީ 35 މެންބަރުންނެވެ. އަދި 49 މެންބަރުން މަސީހަށް ތާއީދު ކުރާނެ ކަމަށް ބެލެވެއެވެ.

"މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށް ބޮން ގޮއްވާލުމުގެ ކުރިން އޮންނާނީ އެ ބޮމުގެ ފިއުޒު ދުއްވާލާފައި. އަދި ރިޒާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ބޭނުންވާ މެންބަރުން ދާން ޖެހޭނީ ގެއަށް،" ޕީޕީއެމް އިން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑީއާރްޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ކޮންމެއަކަސް ރައީސް މައުމޫން ފަޅީގައި ތިއްބެވި މެންބަރުންތަކެއް ރައީސް ޔާމީން ފަޅިއަށް ބަދަލުވި ފަހުން އިތުބާރު ނެތްކަމުގެ ވޯޓުގެ އަޑު ވަރަށް މަޑުވެއްޖެ އެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ މިހާރު ވަރަށް އުނދަގޫ ކަމަކަށްވާނެ އެވެ. މިއީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. ހާއްސަކޮށް މިއީ ސިއްރު ވޯޓަކަށް ނުވާތީއާއެކު މި ޓެސްޓް ކުރުން ވާނީ ފެއިލް ޓެސްޓަކަށް ކަމަށް ބެލެވެ އެވެ.