ހަބަރު

ފުލުހުންނާ ދެކޮޅަށް ތިން މައްސަލައެއް މަހްލޫފް މަޖިލީހަށް ހުށަހަޅުއްވައިފި

Mar 8, 2015
5

މަޖީދީމަގުގައި ހުރި ފެން ފޯއް ރުށްތައް ކަނޑާލުމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށާއި ބައެއް މެމްބަރުންގެ މުދަލަށް ފުލުހުން ގެއްލުން ދީފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މަޖިލީހަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

މަހްލޫފް މިއަދު ހުށަހެޅުއްވީ ފެން ފޯއް ރުށްތައް ކަނޑާލި މައްސަލަ އާއި މިދިޔަ އަހަރުގެ ތެރޭގައި މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމަށް ޕޭވްމަންޓް ގަލަކުން ހަމަލާދިން މައްސަލައިގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ގެ ސައިކަލުގައި ރޯކޮށްލި މައްސަލަ އެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް މަލްހޫފް ވަކިވަކިން ފޮނުއްވި ސިޓީތަކުގައިވަނީ އެ އަމަލު ހިންގާފައިވަނީ ފުލުހުންގެ ބަޔަކު ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެހެންވެ އެ މައްސަލަ ބަލައި ދިނުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނާތީ އެކަން ބަލައި ދިނުމަށް މަޖިލީހުގެ ތިން މެމްބަރަކު ހުށަހަޅުއްވާފައިވާ މައްސަލަ އަވަސްކޮށް ދިނުމަށް ވެސް މަހްލޫފް ވަނީ ސިޓީ ފޮނުއްވައިފަ އެވެ.

ކުރިން ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މަހްލޫފް ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވުމުން އެ މައްސަލައިގައި އޭނާ ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.