ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނައިބު ރައީސް އަހުމަދު ތޮލާލް ފުލުހަކާ ދިމާލަށް "ތީ ބާޣީންނޭ" ބުނި ކަމަށް ބުނާ މައްސަލައާމެދު މަޝްވަރާ ކުރުމަށް ފުލުހުން ދެކޮޅު ހަދައިފި އެވެ.
އެޗްއާރްސީއެމްގެ މެމްބަރުންނާއެކު ފުލުހުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި އެޗްއާރްސީއެމުން އެ މައްސަލަ ބަލައި އެ މައްސަލައާ މެދު މަޝްވަރާ ކުރުމަށް ހުށަަހެޅި ނަމަވެސް އެމައްސަލަ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅިފައިވުމާއެކު ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން އެމައްސަލާގައި މަޝްވަރާ ކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ސީޕީ ވިދާޅުވެ އެ މައްސަލައާމެދު މަޝްވަރާ ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނާ ދިމާއަށް ތޮލާލް އެ ގޮތަށް ވިދާޅުވީ ދޫނިދޫގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށް ފަހު އޭނާ މާލެ ވަޑައިގެންނެވި ލޯންޗުމަތީގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަަންގެ ފަރާތުން ވަނީ އެކޮމިޝަންގެ ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ފުރިހަމަ ކުރުމުގައި ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ކިބައިން ބައެއް މައުލޫމާތުތަކާއި ބޭނުންވާ އެހެނިހެން ބައެއް ހައްގުތައް ކަށަވަރު ވެފައިވޭތޯ ބެލުމަށް ކުރިން އެންގުމަކާ ނުލައި އެމީހުންގެ ގާތަށް ޒިޔާރަތްކުރަންޖެހޭ ވަގުތުތަކުގައި އެކަންކަން ކުރިޔަށް ގެންދިއުމުގައި ފުލުހުންގެ ފަރާތުން މިހާރުވެސް ދެމުންދާފަދައިން އެއްބާރުލުން ދެއްވުމަށް ވެސް އެދިފަ އެވެ. އަދި އެފަދަ ދަތިތަކެއް ހުރިނަމަ ހައްލުކޮސްދެއްވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އެކޮމިޝަންގެ ރައީސާ މަރިޔަމް އަޒްރާ އަހުމަދާއި ކޮމިޝަނަންގެ ނައިބް ރައީސް އަހުމަދު ތޮލާލްއާއި ކޮމިޝަންގެ މެމްބަރު ޖީހާން މަހުމޫދުގެ އިތުރުން ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޝައްމޫން ހަމީދު ބައިވެރިވެ ވަޑައިގެންނެވި އެވެ. ފުލުހުންގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ސީޕީ ޙުސެއިން ވަހީދު އާއި ޑެޕިއުޓީ ސީޕީ ހަސަން ހަބީބު އާއި ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުޙައްމަދު އެވެ.