ހަބަރު

ސްކޫކް ވިއްކައިގެން އައިޖީއެމްއެޗްގެ އާ އިމާރާތަށް ފައިސާ ހޯދަނީ

Nov 13, 2016
1

އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތަށް ފައިނޭންސް ހޯދަން އިސްލާމިކް ސްކޫކް ނޫނީ އިސްލާމިކް ބޮންޑް ބޭރުގެ ފަރާތްތަކަށް ވިއްކައިގެން ފައިނޭންސް ހޯދަން ސަރުކާރުން ނިންމައިފި އެވެ.

އައިޖީއެމްއެޗްގެ ބާ އިމާރާތާ އިންވެގެން ހަދާ އެ އިމާރާތަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ ހަރަދުކުރާ އިމާރާތެކެވެ.

އަންނަ އަހަރަށް ލަފާ ކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައިވާ ގޮތުގައި، ޕީއެސްއައިޕީގެ ދަށުން ހިންގާ މެގަ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާގެ ތެރެއިން 1.44 ބިލިއަން ރުފިޔާ ހޯދާނީ، ބޭރު ފައިސާގެ ސޮވްރިން ސުކޫކާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވިއްކާ ފުރަތަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓްރުމަންޓުގެ ޒަރިއްޔާއިންނެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނި ގޮތުގައި އިސްލާމިކް ސްކޫކް ވިއްކައިގެން ހޯދާ 1.44 ބިލިއަން ރުފިޔާ ހަރަދު ކުރާނީ އައިޖީއެމްއެޗްގެ އިމާރާތުގެ މަޝްރޫއަށެވެ. އެހެން މަޝްރޫއުތަކަށް ހަރަދު ކުރާނީ ކޮންވެންޝަނަލް ބޮންޑް ވިއްކައިގެން ކަމަށް ވެސް ވަނީ ބަޖެޓްކޮށްފަ އެވެ.

ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ ހަވާލުކޮށްގެން ގެންދާ އެ މަޝްރޫއަށް މިހާރު ވެސް ވަނީ އެޑްވާންސްގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފަ އެވެ. އަދި އެ ފައިސާ ދައްކަން ޖެހުމުގެ ސަބަބުން ރާއްޖޭގެ ރިޒާވަށް ކޮންމެވެސް ވަރެއްގެ ހީނަރު ކަމެއް ވެސް ވަނީ އައިސްފަ އެވެ. އައިޖީއެމްއެޗްގައި އަލަށް ހަދާ އިމާރާތް 2018 ގައި ނިމުމުން އެ ހޮސްޕިޓަލް 500 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެން ދާނެ އެވެ.

ފިނޭންސުން ބުނީ ސްކޫކް ވިއްކައިގެން އެ މަޝްރޫއަށް ފައިސާ ހޯދަން ނިންމީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް ރާއްޖޭގެ މާލީ ބާޒާރު ބޭރުގެ ފަރާތްތަކަށް ހުޅުވާލައި އެ ދާއިރާ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި ބޭރު ގައުމުތަކަށް ސްކޫކް ވިއްކުމުގެ ސަބަބުން ރާއްޖޭގައި ހުރި ބޭރު ފައިސާ އިން އެ މަޝްރޫއަށް ހަރަދު ކުރަން ނުޖެހި ބޭރު ފައިސާގެ މާކެޓަށް އެކަމުން އަސަރުތަކެއް ނުކޮށް ހިފެހެއްޓޭނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ. އޭގެ ހެޔޮ އަސަރު ރަސްމީ ރިޒާވަށް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ލަފާކޮށްފަ އެވެ.

އައިޖީއެމްއެޗްއަށް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓް ވަނީ މިއަހަރަށް ވުރެ ދެ ގުނަ ބޮޑުކޮށް 653.1 މިލިއަން ރުފިޔާއަށް ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން 78.6 މިލިއަން ރުފިޔާ އަކީ އައިޖީއެމްއެޗްގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރަން ހިންގާ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާ އެވެ.