ހައިކޯޓް

އަދީބުގެ ދެ މައްސަލައެއްގެ އިސްތިއުނާފު ބަލައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ދެ ހުކުމެއް އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

މިއަދު ހައިކޯޓުން ބަލައިގެންފައިވަނީ، ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއްގައި އިއްވި އަށް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އެވެ.

ލޯންޗުކޮޅުގެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅިތާ މިހާރު ވަނީ ފަސް މަސްވެފަ އެވެ. އަދި ހިޔާނާތުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ ވެސް ވަނީ ހަތަރު މަސްވެފަ އެވެ.

އަދީބުގެ މައްޗަށް އިތުރު ހުކުމެއް ވެސް ކުރިމިނަލް ކޯޓުން ކޮށްފައިވެ އެވެ. އެއީ، ފިސްތޯލައެއް ގެންގުޅުނު މައްސަލައެކެވެ. އެ މައްސަލަ ސާބިތުވެ 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ މައްސަލަ ވެސް ވަނީ އިސްތިއުނާފަށް ހުށަހަޅާފަ އެވެ.

މިހާރު ވެސް އަދީބުގެ ދެ މައްސަލައެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. އެއީ، ހިބަޅިދޫއިން ހަތިޔާރު ފެނުނު މައްސަލަ އާއި ރައީސް އަބްދުﷲ ޔާމީން އަވަހަރާކޮށްލުމަށް ސްރީލަންކާއިން ސްނައިޕަރެއް ގެނައި މައްސަލަ އެވެ.