ވިޔަފާރި

އަމިއްލަ ބޭނުމަށް ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމުގެ އުސޫލުތައް އާއްމުކޮށްފި

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަތަކެތިން ޑިއުޓީ މައާފްކުރުމުގެ އުސޫލުތައް މޯލްޑިވްސް ކަސްޓަމް ސާވިސަސް އިން އާއްމުކޮށްފި އެވެ.

ކަސްޓަމުން އާއްމުކޮށްފައިވާ މި އުސޫލުގައިވާ ގޮތުން އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި އަގުގެ ގޮތުން 6000،ރ. ނުވަތަ އެއަށްވުރެ އަގު ހެޔޮނަމަ އެތަކެތިން ޑިއުޓީ ނުނަގާނެ އެވެ. މިއީ މިހާރުވެސް އަމަލު ކުރަމުންދާ އުސޫލެވެ.

"...އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އަގު 6000ރ. އަށްވުރެ ބޮޑުނަމަ، އެތަކެތިން ޑިއުޓީ ނަގާނީ ތަކެތީގެ އަގުން 6000ރ. އުނިކުރުމަށްފަހުގަ އެވެ. މިސާލަކަށް އެފަރާތަކުން ގެނެސްފައިވާ ތަކެތީގެ އަގަކީ 10000ރ. ނަމަ ޑިއުޓީ ނަގާނީ 6000ރ. އުނިކުރުމަށްފަހު ބާކީވާ 4000ރ. އަށް އެ މުދަލަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ޑިއުޓީ ރޭޓުންނެވެ،" ކަސްޓަމުން ބުންޏެވެ.

މި އުސޫލުގައިވާގޮތުން ވިޔަފާރި މުދަލުގެ ގޮތުގައި ނުބެލެވޭ ނުވަތަ ކޮމާޝަލް ވެލިއު ނުހުންނަ ތަކެތި ޑިއުޓީ މާފްކޮށް ދޫކުރެވޭނެ އެވެ.

"...މީގެ ތެރޭގައި ޢާންމުކޮށް ހިލޭ ބެހުމަށް ގެންނަ އެކިއެކި ބާވަތްތަކުގެ ލީފްލެޓް، ބްރޯޝަރ ފަދަ ތަކެތި ހިމެނެއެވެ. އަދި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެނެވޭ ތަކެތީގެ އަގު 50 ޑޮލަރަށް އަށްވުރެ ބޮޑުނަމަ، އެއެއްޗެއް ހުންނަންވާނީ އެއީ ސާމްޕަލެއްކަން ދޭހަވާގޮތަށް ފާހަގަ ޖަހައި ނުވަތަ އެނޫން ގޮތަކަށް ވެސް އެކަން އެނގޭނެގޮތަށެވެ،" ކަސްޓަމުން ބުންޏެވެ.

ދަތުރުވެރިން ގެންނަ ތަކެއްޗަށް 6000 ރުފިޔާގެ އެލަވަންސް ކަނޑައެޅިފައިވީނަމަވެސް ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި އުޅެފައި ނުވަތަ ބޯޓް ދަތުރުކުރުމަށް އުޅެފައި އަންނަ ފަރާތްތަކުން އަމިއްލަ ބޭނުމަށް ގެނެވޭ ތަކެތީން ޑިއުޓީ މައާފްކުރެވޭނެ މިންވަރުވެސް މިއުސޫލުގައި ކަނޑައެޅިފައިވެ އެވެ.

"... ރާއްޖެއިން ބޭރުގައި ހަ މަހާއި އެއް އަހަރާ ދެމެދު އުޅެފައި އަންނަ މީހަކަށް އަމިއްލަ ބޭނުމަށް ގެނެވޭ ތަކެތިން 9000 ރުފިޔާ، އެއް އަހަރާއި ތިން އަހަރާ ދެމެދުނަމަ 11500 ރުފިޔާ އަދި ތިން އަހަރަށްވުރެ ގިނަދުވަހު އުޅެފައި އަންނަނަމަ 14000 ރުފިޔާގެ ތަކެތި ޑިއުޓީ މާފްކޮށް ދޫކުރެވޭނެ އެވެ. މިގޭ އިތުރުން މިމުއްދަތުގައި އެފަރާތްތަކުން ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ބޭނުންކޮށްފައިވާ ތަކެތިވެސް ޑިއުޓީ މައާފްކޮށް ދޫކުރެވޭނެ އެވެ،" ކަސްޓަމުން ބުންޏެވެ.

މިއުސޫލުގެ ދަށުން ޑިއުޓީގެ އިނާޔަތް ދިނުން އިސްތިސްނާވާނެ ހާލަތްތަކެއް ވެސް ކަނޑައެޅިފައިވެ އެވެ.

"... މިގޮތުން ޑިއުޓީ ރޭޓް 35 އިންސައްތަ އަށްވުރެ މަތީ އައިޓަމްތަކާއި، ވިޔަފާރި މުދާ ނުވަތަ މުދަލުގެ އަގުން ނުވަތަ ވެލިއުއިން ބަލާއިރު އެއީ ވިޔަފާރިމުދަލުގެ ގޮތުގައި ކަސްޓަމްސް އަށް ޤަބޫލުކުރެވޭ ތަކެތިވެސް ޑިއުޓީގެ އިނާޔަތްދިނުމުން އިސްތިސްނާވާނެ އެވެ،" ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނި ގޮތުގައި އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ އަގު 6000 ރުފިޔާއަށް ވުރެ ބޮޑުވުމުގެ ސަބަބުން އެތަކެތީގެ އަގުން 6000 ރުފިޔާ އުނިކުރުމަށްފަހު، ތަކެތި ދޫކުރެވިފައިވާނަމަ، ދެން އެފަރާތަކަށް އެގޮތުގެމަތީން 6000 ރުފިޔާ އުނިކުރުމަށްފަހު ތަކެތި ދޫކުރެވޭނީ އެންމެ ފަހުން ތަކެތި ދޫކުރެވުނު ތާރީހުން ފެށިގެން ތިން މަސް ހަމަވުމުން ކަމަށެވެ.