އިސްލާމިކް ޔުނިވާސިޓީ ކައިރީގައި ބަޔަކު މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފި އެވެ. މާރާމާރީގައި ޒަހަމްވި އެ ޒުވާނާއޭޑީކޭހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ. މާރާމާރީގައި ޒަހަމް ވެފައިވަނީ 18 އަހަރުގެ ޒުވާނެކެވެ.
މީގެ ގަޑިއެއްހާ ކުރިން އިސްލާމިކް ޔުނިވަސިޓީ ކައިރީގައި ބަޔަކު މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބިފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދިނެވެ. މިރޭގެ މާރާމާރީ އައިސްފައިވަނީ އެ ޔުނިވާސިޓީ ކައިރީގައި އޮންނަ ލޮރެންޒޯ ޕާކާގުޅޭ ސަރަހައްދުގަ އެވެ. އެތާނގައި މީގެ ކުރިންވެސް ޒުވާނަކަށް ހަމަލާދީ މަރާލާފައި ވެއެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާ މިރޭ 8:45 އެހާކަންހާއިރު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ޒުވާނާ އޭޑީކޭ އަށް ގެންދިޔައިރު ވެސް އޭނަގެ ހާލު ވަރަށް ސީރިއަސް އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިރޭ ވިދާޅުވީ، ވަރަށް ސީރިއަސް ހާލަތުގައި އޮތް 18 އަހަރުގެ ޒުވާނަކު މީގެ އިރުކޮޅެއް ކުރިން އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ސާޖަރީއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލްތަކެއް އަފްއާލް ނުދެއްވަ އެވެ.
މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން ދަނީ މިހާރު ހަރަކާތްތެރިވަމުންނެވެ. އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް މާލޭގައި މާރާމާރީތައް މަދުވެފައި އޮތުމަށްފަހު މިދިއަ ހަފުތާގައިވެސް ވަނީ މާރާމާރީތަކެއް ހިނގާފަ އެވެ.