ވިޔަފާރި

ސީއައިޓީއެމް އިން ޗައިނާ މާކެޓް ގެސްޓްހައުސްތަކަށް ހުޅުވޭނެ

Nov 14, 2016

އޭޝިޔާގެ އެންމެ ބޮޑު ޓްރެވަލް ފެއާ ކަމަށްވާ ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާޓް (ސީއައިޓީއެމް) ގެ ސަބަބުން ގެސްޓްހައުސްތަކަށް ޗައިނާ މާކެޓު އިތުރަށް ހުޅުވިގެންދާނެ ކަމަށް މޯލްޑިވްސް ގެޓަވޭސް އިން ބުނެފި އެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓް ކުރުމަށް ހަރަކާތްތެރިވާ ޕީއާރް ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސްގެ މެނޭޖިން ޑިރެކްޓަރު އަހުމީމް ވިދާޅުވީ މި އަހަރުގެ ސީއައިޓީއެމް ފެއާ ރާއްޖެއަށް ވަރަށް ކާމިޔާބު ކަމަށް ބެލެވޭ ކަމަށާއި ހާއްސަކޮށް ގެސްޓްހައުސް ވިޔަފާރި އަށް ވަރަށް ރަނގަޅު ކަމަށެވެ.

"މި އަހަރު ވަރަށް ގިނަ މީހުން ސްޓޯލްތަކަށް ދިޔަ. އެހެންވެ ބުނެވިދާނެ ވަރަށް ކާމިޔާބު ކަމަށް. އިތުރަށް ޗައިނާ މާކެޓު ހުޅުވިގެންދާނެ،" ސީއައިޓީއެމްގައި ބައިވެރިވުމަށްފަހު، އަހުމީމް ވިދާޅުވި އެވެ.

މި އަހަރުގެ ސީއައިޓީއެމް ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބެލުމުގެ ދަށުން ރާއްޖޭގެ 23 ކުންފުނިން 52 ފަރާތެއް ބައިވެރިވެފައިވެ އެވެ. ރާއްޖޭގެ ވަފުދުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ޝާޒިލް ޝިޔާމް އާއި އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ބައިވެރިވެ އެވެ.

ސީއައިޓީއެމް ފެއާގައި، އޭޝިއާގެ ޓޫރިޒަމް އިންޑަސްޓްރީގެ އެކި ދާއިރާ ތަކުން 2،500 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެ އެވެ.