މާރާމާރީ ހިންގުން

މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

އިސްލާމިކް ޔުނިވާސިޓީ ކައިރީގައި ބަޔަކު ރޭ ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ރޭ 8:45 އެހާކަންހާއިރު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާ އޭޑީކޭ އަށް ގެންދިޔައިރު ވެސް އޭނާގެ ހާލު އޮތީ ވަރަށް ސީރިއަސް ކޮށެވެ. ޒަހަމްކޮށްލާފައިވަނީ 18 އަހަރު ޒުވާނެކެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ، ރޭ ޒަހަމްކޮށްލުމުން ފަރުވާ ދޭން އެ ހޮސްޕިޓަލަށް ގެންދިޔަ ޒުވާނާއަށް އަދިވެސް އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި "އޭނާ އޮތީ ކްރިޓިކަލް ހާލެއްގައި" ކަމަށެވެ. ނަމަވެސް ރޭގެ މާރާމާރީގައި އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު އަފްއާލް މިއަދު ވެސް ނުދެއްވަ އެވެ.

ރޭގެ މާރާމާރީއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި މާރާމާރީ ހިނގިތާ މާގިނަ އިރުތަކެއް ނުވެ އަށް މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ފަހުން ރޭ ދަންވަރު އިތުރު 12 މީހަކު ހައްޔަރުކޮށްފައިވެ އެވެ. މީގެ އިތުރަށް ތިން ސައިކަލެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދި އެވެ.

ރޭ ބޮޑު މާރާމާރީ ހިނގާފައިވަނީ، އިސްލާމިކް ޔުނިވާސިޓީ ކައިރީގައި އޮންނަ ލޮރެންޒޯ ޕާކާގުޅޭ ސަރަހައްދުގަ އެވެ. އެ ޕާކު ހިމެނޭ ސަރަހައްދުގައި މީގެ ކުރިންވެސް ޒުވާނަކަށް ހަމަލާދީ މަރާލާފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން މާލޭގައި މާރާމާރީތަކެއް ހިންގަން ފަށާފައި ވަނީ އެފަދަ މާރާމާރީތައް ނުހިނގާތާ ދުވަސްތަކެއްވުމަށްފަހު އެވެ.