ހަބަރު

ނަޝީދުގެ ވަކީލުން ކޯޓަށް ހާޒިރެއް ނުވި، ޝަރީއަތް ކެންސަލް

Mar 8, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި މިރޭ ބާއްވަން އޮތް ޝަރީއަތަށް ހާޒިރު ވެވެން ނެތް ކަމަށް ނަޝީދުގެ ވަކީލުން ކޯޓަށް އެންގުމުން ޝަރީއަތް ކުރިއަށް ނުގެންގޮސް މާދަމާ ރެއަށް ޝަރީއަތް ފަސްކޮށްފި އެވެ.

ވަކީލުންގެ ޓީމުން ނޫސްވެރިންނާ ބައްދަލުކޮށް ބުނީ ޝަރީއަތަށް ހާޒިރުވެވެން ނެތް ކަމަށް އެންގީ ނަޝީދާ ދެކޮޅަށް ރޭގެ ޝަރީއަތުގައި ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ އާއި އޯޑިއޯ ވަކީލުންނާ ހިއްސާކުރާނެ ކަމަށް ކޯޓުން ބުނި ނަމަވެސް ކޯޓުން ދިން ސީޑީގައި މައްސަލަ އުޅޭތީ ރަނގަޅު ކޮޕީއެއް ދިނުމަށް އެދުމުން މިރޭ 7:00 ވީއިރު ވެސް ރަނގަޅު ސީޑީއެއް ނުލިބުމުން ހެކި ދިރާސާ ނުކުރެވެމުންނެވެ.

މިއަދު ހަވީރު 4:00 ގައި ބާއްވަން އޮތް ޝަރީއަތް މިރޭ 8:00 އަށް ފަސްކޮށްފައި ވަނީ ހެކި ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތު ނެތް ކަމަށް ނަޝީދުގެ ވަކީލުން ކޯޓަށް އެންގުމުންނެވެ. 

ވެރިކަމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތްތައް މާ އަވަސް އަވަހަށް ބާއްވަމުން ދާތީ ނަޝީދު ރޭގެ ޝަރީއަތުގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ގާނޫނީ ޓީމުން މިރޭ ބުނީ ނަޝީދުގެ ދިފާއުު ތައްޔާރު ކުރުމަށް ދިރާސާކުރަންޖެހޭ ވަރަށް ގިނަ ލިޔެކިޔުންތައް އެބަހުރި ކަމަށާއި ކޯޓުން މިހާރު އަމަލުކުރަމުންދާ ގޮތުން ދިފާއުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ.

ވަކީލުން ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވި އިރު، ދޫނިގައި ބަންދުކޮށްފައި ހުރި ނަޝީދު މިރޭ ފުލުހުން ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ފުލުހުން ބުނީ ނަޝީދު މިހާރު ވަނީ އަނބުރާ ދޫނިދޫ އަށް ގެންގޮސްފައި ކަމަށެވެ.