ދައުލަތުގެ ބަޖެޓް

ގާނޫނުގައި ބުނާ މިންގަނޑަށް މިއަހަރު ދަރަނި ނުހިފެހެއްޓުނު

Nov 14, 2016
  • ޖީޑީޕީގެ 70 ޕަސެންޓަށް ދަރަނި ވަނީ އަރާފައި
  • ބަޖެޓް ޑެފިސިޓް %3.5 ގައި ހިފަހައްޓަން ޖެހޭ
  • އަންނަ އަހަރު ބަޖެޓް ޑެފިސިޓް 1.7 ޕަސެންޓްގައި

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ މިންގަނޑަށް މިއަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ހިފެހެއްޓިފައި ނެތް ކަމަށާއި ދައުލަތުގެ ޖުމްލަ ދަރަނި ޖީޑީޕީ ނޫނީ އުފެއްދުންތެރިކަމުގެ 70 ޕަސެންޓަށް މިއަހަރު ނިމޭ އިރު އަރާނެ ކަން ހާމަވެއްޖެ އެވެ.

ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ބަޖެޓްގެ ޖުމްލަ ޑެފިސިޓް 2016 ވަނަ އަހަރުގެ ނިޔަލަށް، ޖީޑީޕީގެ 3.5 ޕަސެންޓްގައި ބަހައްޓަންޖެހެ އެވެ. ފިނޭންސް މިނިސްޓްރި އިން ހިއްސާ ކުރި ހިސާބުތަކަށް ބަލައި އެމްއެމްއޭ އިން ބަޖެޓް ކޮމިޓީއަށް ހިއްސާ ކުރި ފަންނީ ލަފާގައިވާ ގޮތުގައި މިއަހަރުގެ ބަޖެޓް ޑެފިސިޓް 4.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 7.4 ޕަސެންޓެވެ.

މަޖިލީހުން ފާސްކުރި ބަޖެޓްގައި ޑެފިސިޓްގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް މިއަހަރު ޓޫރިސްޓުން އައިވަރު މަދުވުމުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމާއި އަލަށް އާމްދަނީ ހޯދަން ޖެހި ކަންކަން ތަންފީޒު ނުވުމުގެ ސަބަބުން ބަޖެޓް ޑެފިސިޓް ބޮޑުވީ އެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި، ޖީޑީޕީގެ 60 ޕަސެންޓަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ. އެހެން ނަމަވެސް ބަޖެޓްގައިވާ ގޮތުގައި، ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު ނިމޭ އިރު އުފެއްދުންތެރިކަމުގެ 70 ޕަސެންޓަށް އަރާ އެ އަދަދު 36.9 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

"ދެހާސްސޯޅަ ވަނަ އަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި ފާއިތުވި އަހަރުގެ އުފެންދުންތެރިކަމުގެ ނިސްބަތުން ބަލާ އިރު 70 ޕަސެންޓްގައި ހުންނާނެ ކަމަށް ލަފާކޮށްފައި ވާތީ، ގާނޫނުގައި ކަނޑައެޅިފައިވާ ލަނޑުދަނޑި ހާސިލު ނުވާނެކަން ފާހަގަ ކުރަމެވެ،" އެމްއެމްއޭގެ ލަފާގައިވެ އެވެ.

އެހެން ނަމަވެސް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް އުފެއްދުންތެރިކަމުގެ 0.5 ޕަސެންޓްގައި ބެހެއްޓޭނެ ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ. އަންނަ އަހަރު ބަޖެޓް ޑެފިސިޓް ވާނީ 303.7 މިލިއަން ރުފިޔާ އިންނެވެ. އަދި ބަޖެޓްގެ ޕްރައިމަރީ ބެލެންސަށް ބަލާއިރު ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 1.11 ބިލިއަން ރުފިޔާގައި ކަމަށް ވުމުން އެއީ ޖީޑީޕީގެ 1.7 ޕަސެންޓެވެ. އެމްއެމްއޭ އިން ބުނަނީ އަންނަ އަހަރުގެ ބަޖެޓަކީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ މިންގަނޑު ހާސިލް ކުރެވޭނެ ބަޖެޓެއް ކަމަށެވެ.

އެހެން ނަމަވެސް މުޅި ދައުލަތުގެ ޖުމްލަ ދަރަނި އަންނަ އަހަރު ވެސް 11 ޕަސެންޓް އިތުރުވެ، 41.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ ޖީޑީޕީގެ 65 ޕަސެންޓެވެ. ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ޖުމްލަ ދަރަނި 60 ޕަސެންޓްގައި ބަހައްޓަން ލާޒިމް ކުރާ އިރު އަންނަ އަހަރު ވެސް އެ ލަނޑުދަނޑި ހާސިލް ކުރެވޭނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ.

މީގެ އިތުރަށް ބަޖެޓްގައި ހިމަނާފައިވާ ގޮތުގައި، ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރު، 2.98 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.