ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ މިރޭގެ އަޑުއެހުމަށް ވަކީލުން ހާޒިރު ނުވީ މަގްބޫލު ސަބަބެއް އޮވެގެން ނޫން ކަމަށާއި އެ ވަކީލުންނާ މެދު ފިޔަވަޅު އެޅުމާ މެދު ވިސްނާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން މިރޭ ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިރޭގެ އަޑުއެހުމަށް ނަޝީދުގެ ވަކީލުން ހާޒިރުނުވީ ދިފާއުވުމަށް އެކަށީގެންވާ ވަގުުތާއި ފުރުސަތު ކޯޓުން ނުދޭ ކަމަށް ބުނެ ކޯޓަށް ސިޓީ ފޮނުވުމަށް ފަހު އެވެ.
އެގޮތަށް ވަކީލުން ސިޓީ ފޮނުވުމުން މިރޭ ބޭއްވި މަޖިލީހުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެކަށީގެންވާ ވަގުތާއި ފުރުސަތު ނަޝީދުގެ ވަކީލުންނަށް ލިބިފައިވާ ކަމަށާއި ހުޅުމާލޭ ކޯޓުގައި މައްސަލަ އޮތްއިރު އެ ޝަރީއަތް މެދުކެނޑިފައި އޮތް މުއްދަތުގައި ވެސް ނަޝީދުގެ ވަކީލުންނަށް ވަގުތު ލިބޭނެ ކަމަށެވެ. އެހެންވެ ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް ބުނެ ދެއްކި ސަބަބަކީ މަގްބޫލު ސަބަބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާޒީ އަބްދުﷲ ވިދާޅުވި އެވެ.
ގާޒީ އަބްދުﷲ ވިދާޅުވީ އެ މައްސަލައިގައި ނަޝީދުގެ ވަކީލުންނާ މެދު ފިޔަވަޅު އެޅުމާ މެދު ކޯޓުން ވިސްނާނެ ކަމަށާއި ވަކީލުންނަކީ ކޯޓަށާއި ޝަރީއަތަށް ދަތިކުރަން ތިބެގެންވާނެ ބައެއް ނޫން ކަމަށެވެ. އަދި ބަންދުގައި ހުންނެވި ނަޝީދާ އެކު ތިބެގެން ހެކި ދިރާސާކުރަން އެކަށީގެންވާ ވަގުތު ވަކީލުންނަށް ދީފައިވާ ކަމަށް ފުލުހުން ކޯޓަށް އަންގާފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ އަބްދުﷲ ވިދާޅުވި ގޮތުގައި އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ރޭ ބާއްވާނެ އެވެ. އަދި އެ އަޑުއެހުމަށް ވަކީލުން ހަމަނުޖެހުނަސް މާދަމާ ރޭ އެ ޝަރީއަތް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާދަމާ ރޭ ވަކީލަކު ހަމަނުޖެހުނަސް ޝަރީއަތް ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވުމުން ނަޝީދު ވަނީ ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އެދި އަތް މައްޗަށް ނަންގަވައިފަ އެވެ. ނަމަވެސް އެ ވާހަކަ ދައްކަން ފުރުސަތު ނުދީ ގާޒީ ވަނީ މިރޭގެ އެ މަޖިލިސް ނިންމާލައި، ކޯޓު ރޫމުން ނިކުމެ ވަޑައިގެންފަ އެވެ.
ކޯޓު ރޫމުން ގާޒީން ނިކުމެ ވަޑައިގަތުމުން ނަޝީދު ވަނީ މާދަމާ ރެއަށް އެމަނިކުފާނަށް ވަކީލަކު ހަމަނުޖެއްސޭނެ ކަމަށް ކޯޓުގެ އިދާރީ މުވައްޒަފުންނާ މުޚާތަބުކޮށް ވިދާޅުވެފަ އެވެ. އަދި އެކަން ގާޒީންނަށް އަންގައި ދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
"އަޅުގަނޑަށް ވަކީލަކު ހަމަނުޖެއްސޭނެ މާދަމާ ރެއަކަށް. އަޅުގަނޑަކީ ހައްޔަރުގައި ހުރި މީހެއް. އެވާހަކަ ދަންނަވައި ދެއްވައި ފަނޑިޔާރުންގެ އަރިހުގައި." ނަޝީދު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެށި އެ މައްސަލައިގެ ޝަރީއަތުގެ މިރޭ ބާއްވަން ހަމަޖައްސާފައި އޮތީ ހަތް ވަނަ އަޑުއެހުމެވެ. އަބްދުﷲ ގާޒީ ބަންދު ކުރިކަމުގެ ދައުވާލިބޭ ފަސް ބޭފުޅުންގެ ތެރެއިން އެންމެ ބާރަށް މިހާރު ކުރިއަށް ގެންދަނީ ނަޝީދުގެ ޝަރީއަތެވެ.