ދުނިޔެ

އިންސާނީ ހައްގުގެ ނަމުގައި ގައުމުގެ ދާހިލީ ކަންކަމާ ބެހިގެން ނުވާނެ: ސައޫދީ

އިންސާނީ ހައްގުތަކުގެ ނަމުގައި ސައޫދީ އަރަބިއްޔާގެ ދާހިލީ ކަންކަމާ ބެހި ނުފޫޒު ފޯރުވަން އުޅުން ބަލައި ނުގަނެވޭނެ ކަމަށް ބުނެ، ސައޫދީ ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައަށް ރައްދު ދީފި އެވެ.

ސައޫދީ ފޮރިން މިނިސްޓްރީން މިހެން ބުނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔުނު ކަމުގައި ކުށުގައި 1000 އެތިފަހަރުން ތައުޒީރުކޮށް 10 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރު ހުކުމް ކޮށްފައިވާ ރައީފް ބަދާވީގެ މައްސަލާގައި ސައޫދީ އަށް ފާޑުކިޔަމުން ދާތީ އެވެ.

މި މައްސަލާގައި އެކި ގައުމުތަކާއި ޖަމާއަތްތަކުން ސައޫދީ އަށް ފާޑު ކިޔަމުން ގެންދާތާ ދުވަސްތަކެއް ފަހުން، މިކަމުގައި ރަސްމީކޮށް ސައޫދީން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ބުނީ ގައުމުގެ ދާހިލީ ކަންކަމަށް ނުފޫޒރު ފޯރުވުމާ ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށެވެ. އަދި މި މައްސަލާގައި ކިޔަމުންދާ ފާޑުކިޔުންތަކާ މެދު ހައިރާންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ދާހިލީ ކަންކަމާ ބެހެން، އިންސާނީ ހައްގުތަކުގެ ނަމުގައި ކުރާ ކޮންމެ ކަމަކަށް މި ދައުލަތުން ދެކޮޅުހަދަން" ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީފް ތައުޒީރު ކުރުމުގެ ހުކުމް 20 ހަފުތާ ތެރޭ ފުރިހަމަ ކުރަން ހަމަޖައްސާފައި ވާއިރު އެންމެ ފުރަތަމަ 50 ފަހަރު ހަަމަކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު ޖިއްދާގެ މިސްކިތަެއްގެ ބޭރުގަ އެވެ.

ރައީފް ވަނީ "ލިބެރަލް ސައޫދީ ނެޓްވޯކް" ގެ ނަމުގައި އޮންލައިން ފޯރަމެއް ހަދައި ދީނީ އަދި ސިޔާސީ ބަހުސްތައް އުފައްދައިފަ އެވެ. އެ ފޯރަމް މިހާރު ވަނީ ސަރުކާރުން ބަންދުކޮށްފަ އެވެ. --ބީބީސީ