ފްލައިމީ

ފްލައިމީން މާލެ، ކާޑެއްދޫ ދަތުރުތައް ފަށައިފި

Nov 14, 2016

ފްލައިމީއިން މާލެ އާއި ގދ. ކާޑެއްދޫއާ ދެމެދު ގެ ދަތުރުތައް މިއަދު ފަށައިފި އެވެ. މި ދަތުރުތައް ކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގެނިޔަލަށެވެ.

ފްލައިމީއިން މިއަދު ބުނި ގޮތުގައި، މި ހާއްސަ ދަތުރުތަކުގައި މާލޭއިން ފުރަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 8:00 ޖަހާއިރު ކަމަށާއި ކާޑެއްދޫއިން ފްލައިޓު އެނބުރި މާލެ އަންނަން ފުރާނީ ހެނދުނު 9:40 ގައި ކަމަށެވެ. މި ފްލައިޓުތަކުގެ ޓިކެޓު، 888ރ. ހާއްސަ ފެއާއެއްގައި ލިބެ އެވެ.

ފްލައިމީން ބުނީ ގދ. މަޑަވެލި، ހޯޑެއްދޫ އަދި ތިނަދޫއަށް ދަތުކުރަން ބޭނުންވާ ފަސިންޖަރުންނަށް ފެރީ ޓިކެޓާއި އެކު އެއާފެއާ، 1010ރ. ރުފިޔާއިން ފެށިގެން ލިބޭނެ ކަމަށެވެ. އަދި މި ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މި ދަތުރުތައް ކާޑެއްދޫއަށް ފެށި އިރު ކުރިން އެ މަންޒިލަށް ދަތުރުތައް ކުރަމުން އައިސް ހުއްޓާލާފައި ވަނީ މޭ 23، 2015 ގައެވެ.

ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުގެ ސަބްސިޑަރީ، ވިލާ އެއާއިން އޮޕަރޭޓުކުރާ ފްލައިމީގެ އޮޕަރޭޝަންތަކަށް ފަސް އަހަރު ފުރުނީ މިދިޔަ މަހު އެވެ. ފްލައިމީއިން ހަފްތާގެ ކޮންމެ ދުވަހަކުވެސް އދ. މާމިގިއްޔަށާއި ބ. ދަރަވަންދޫއަށް ޝެޑިއުލްޑް
ދަތުރުތައް ކުރެ އެވެ. ފްލައިމީން 68 ފަސިންޖަރުންގެ ޖާގައިގެ 500-72 ATR މަރުކާގެ ދެ އެއާކްރާފްޓް ބޭނުންކުރާއި އިރު ސީޕްލޭންގެ ހިދުމަތް ވެސް ދެއެވެ.