ހަބަރު

ގާޒީ ބާރީ އާއި ޕީޖީގެ ބައްދަލުވުމެއް ވީޑިއޯކުރި ދެ މުވައްޒަފަކު ރޭ ހައްޔަރުކުރި: ރާއްޖެ ޓީވީ

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފާއި ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ކެފޭއެއްގެ ތެރޭގައި ބައްދަލުކުރަން ތިއްބާ ވީޑިއޯކުރި ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ރޭ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި ކަމަށް ރާއްޖެ ޓީވީއިން ބުނެފި އެވެ.

ގާޒީ ބާރީއަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގެ ދައުވާލިބޭ ފަސް ބޭފުޅުންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނޭ ފަނޑިޔާރެކެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލައިގެ ޝަރީއަތުގެ ރިޔާސަތު ބަލަހައްޓަނީ ވެސް ގާޒީ ބާރީ އެވެ.

ރާއްޖެ ޓީވީން ރޭ ކޮށްފައިވާ ޓްވީޓެއްގައިވަނީ ކެފޭ ލަޔާލީގައި ގާޒީ ބާރީ އާއި ޕީޖީ މުހުތާޒް ބައްދަލުކުރަން ތިއްބާ އެތަނަށް ދިޔަ އެތަނުގެ ނޫސްވެރިއަކާއި ކެމެރާމަނަކު ހައްޔަރުކުރީ އެސްއޯ ފުލުހުން ކަމަށެވެ. އޭގެފަހުން ކޮށްފައިވާ ޓްވީޓެއްގައިވަނީ ބަޔާން ނެގުމަށް ފަހު އެ ދެ ނޫސްވެރިން ވެސް ދޫކޮށްލާފައިވާ ކަމަށާއި އަދި ދޫކޮށްލުމުގެ ކުރިން ވީޑިއޯ ޑިލީޓްކޮށްފައިވާ ކަން ވެސް ކަށަވަރުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް މިހާތަނަކަށް ނުލިބެ އެވެ.