ރައްޔިތުންގެ މަޖިލީހު ޖަލްސާގައި މިއަދުވެސް އިދިކޮޅު މެންބަރުން އިހުތިޖާޖް ފެށުމާއެކު ޖަލްސާގެ ލައިވް ފީޑް ކަނޑާލައިފި އެވެ.
މިއަދުގެ ޖަލްސާ ފެށުމާއެކު ކުޑަ އިރުކޮޅަކަށް ލައިވް ކުރި ނަމަވެސް ފީޑް ކަނޑައިލީ އެމްޑީޕީގެ މެންބަރު މަޖިލީހުގެ ތަޅުމުގެ ތެރޭގަ އާއި ރިޔާސަތުގެ ކުރިމައްޗަށް ގޮސް ކަށިގަނޑު ފުމެ ހަޅޭއްލަވައި ނިޒާމުން ބޭރުން ހަރަކާތްތައް ހިންގަން ފެށުމުންނެވެ. ކަށިގަނޑު ފުމުމުގެ އިތުރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ވެސް އިދިކޮޅު މެންބަރުން ގޮވައިލަމުން ދިޔައެވެ.
މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން ޖަލްސާގެ މަންޒަރުތައް ދުރަށް ފޮނުވަމުންދިޔައިރު ވެސް އިދިކޮޅު ގިނަ މެންބަރުންތަކެއް ގޮނޑިން ތެދުވެ ވަޑައިގެން ރިޔާސަތުގެ ކުރިމަތީގަ އާއި އަތިމަތީގައި އެތުރިގެން ތިއްބެވި މަންޒަރު ފެނެ އެވެ.
މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ބިލްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމާއި ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.