ރިޕޯޓް

އަހަރުގެ ޓޫރިޒަމް ސީޒަނާ މެދު ފޮނި އުންމީދުތަކެއް!

Nov 16, 2016
  • އޮކިއުޕެންސީ ދަނީ ރަނގަޅުވަމުން
  • ޔޫރަޕު މާކެޓު 11 ޕަސެންޓް މައްޗަށް
  • އޮކިއުޕެންސީ 70އިން 90 އަށް އުފުލޭނެ

ނިމިގެން ދިޔަ ދެ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް މާ ނަސީބު ރަނގަޅު އަހަރު ތަކެއް ނޫނެވެ. ނަމަވެސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑާއި އިންޑަސްޓްރީގެ މަސައްކަތުން މިކަން މި ވަނީ ބަދަލުވާން ފަށާފަ އެވެ. ދެން އޮތް ސުވާލަކީ މި މަސައްކަތުގެ ނަތީޖާ ކިހާ ވަރަށް ފެންނާނެ ހެއްޔެވެ؟ އަހަރުގެ ޓޫރިޒަމް ސީޒަން ފެށެން މިހާރު މި އޮތީ ގާތްގަނޑަކަށް ތައްޔާރުވެފަ އެވެ. މިހާރު ސުވާލަކީ މި އަހަރުގެ ޓޫރިޒަމް ސީޒަންގެ މަންޒަރު ކިހިނެއް ވާނެ ހެއްޔެވެ؟

"މި އަހަރުގެ ސީޒަންގައި ކުރިއަށް ފެންނަނީ ރަނގަޅަށް. ޓުއާ އޮޕަރޭޓަރުންގެ ވާހަކަތައް ވެސް ހުރީ މިގޮތަށް. ވަރަށް ޕޮޒިޓިވްކޮށް،" ރާއްޖޭގެ ޓުއާ އޮޕަރޭޓަރުގެ ޖަމިއްޔާ، މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. މިގޮތުން ރާއްޖޭން ބޭރުގެ ބޮޑެތި ފެއާތަކުގައި ރާއްޖެ އިޝްތިހާރު ކޮށްފައިވެ އެވެ. މިގޮތުން ރާއްޖެ ހޮސްޓް ގައުމުގެ ގޮތުގައި ބައިވެރިވި އައިޓީބީ ބާލިން ފެއާ އާއި މި މަހު ލަންޑަންގައި ބޭއްވި ޑަބްލިއުޓީއެމް ހިމެނެ އެވެ. މީގެ އިތުރުން ވެސް ޗައިނާ އާއި އިންޑިޔާގައި މާކެޓިން ގިނަ ހަރަކާތްތަކެއް ހިންގި އެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ލަފާކުރި ވަރަށް އަދި އުޅެނީ މަތީގަ އެވެ. ނަމަވެސް ކުރިން އަންދާޒާ ކުރި 1.5 މިލިއަން ޓޫރިސްޓުންގެ ލަނޑުދަނޑިއަށް ވާސިލްވުމުގެ އުންމީދު ކުޑަ އެވެ. އެހެންވެ މި އަދަދު ވަނީ 1.4 މިލިއަނަށް ދައްވެސް ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށް، އެ އަދަދު ފަހަނަ އަޅައި ވަނީ ގޮސްފަ އެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހަކީ ޓޫރިޒަމްގެ ޕީކް ސީޒަން ކަމަށްވުމުން މި އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. ދެން އޮތް ސުވާލަކީ ޓޫރިޒަމް ސީޒަނަށް ރާއްޖޭގެ ރިސޯޓު/ ހޮޓާ ތަކުގެ އެވްރެޖު އޮކިއުޕެންސީ ހުންނާނީ ކިހާވަރެއްގައި ހެއްޔެވެ؟ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޓޫރިޒަމްގައި ރިސޯޓު/ ހޮޓާ/ ސަފާރީ/ އަދި ގެސްޓް ހައުސްތަކުގައި ޖުމްލަ 34،803 އެނދު އޮޕަރޭޝަންގައި އެބަ ހުއްޓެވެ. ނަމަވެސް ޖުމްލަ އޮކިއުޕެންސީ ރޭޓްހުރީ 74 ޕަސެންޓުގަ އެވެ.

ނަމަވެސް، ޔޫރަޕަށް ލައްވާލާފައިވާ ފިނި މޫސުމުން ސަލާމަތްވުމަށް އަންނަ މީހުންނާއެކު ރިސޯޓުތަކާއި ގެސްޓް ހައުސްތައް "ގާތްގަނޑަކަށް ފުރޭނެ" އެވެ. މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑަބްލިއު އާއި ނިޔާމަ އަދި ކޮންރެޑްގެ އިތުރުން އަނަންތާރާ އާއި ސެންޓާރާ އަދި ލަކްސް ފަދަ ޕްރޮޕަޓީތަކުގެ އޮކިއުޕެންސީ ރޭޓް ވެސް އެވްރެޖު ގޮތެއްގައި އުޅޭނެ ކަމަށްވަނީ 80-90 ޕަސެންޓުގަ އެވެ. މީގެ އިތުރުން ރާއްޖޭގެ 390 ގެސްޓް ހައުސް ހުރިއިރު، މި ތަންތަނުގެ އޮކިއުޕެންސީ ވެސް ދަނީ ރަނގަޅުވަމުންނެވެ.

މާލެ ކައިރީ ރިސޯޓެއް ކަމަށްވާ ފިހާޅޮހި ރިސޯޓުގެ ޖެނެރަލް މެނޭޖަރު އާދަމް އިބްރާހިމް ވިދާޅުވީ ޓޫރިޒަމް ސީޒަންގައި އެ ރިސޯޓުގެ އޮކިއުޕެންސީ ރޭޓް ހުންނާނެ ކަމަށް މިހާރު ލަފާވަނީ 90 ޕަސެންޓުގައި ކަމަށެވެ.

"މި ރިސޯޓަށް ގިނައިން މި އަންނަނީ ޗައިނީޒް އަށް ވުރެ ބޮޑަށް ޔޫރަޕު ޓޫރިސްޓުން. ސީޒަންގައި އެވްރެޖުކޮށް އުޅެނީ 80 ޕަސެންޓުން މަތީގައި. ބައެއް ދުވަސް ދުވަހު 100 ޕަސެންޓަށް ވެސް ޖެހިލާނެ،" އާދަމް ވިދާޅުވި އެވެ.

މި އަހަރުގެ ސީޒަންގައި ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ މަތިވާއިރު، މިކަމަށް ބައެއް ރިސޯޓުތަކުން ޑިސްކައުންޓް ވެސް އަޅުވާފައިވެ އެވެ. އަދި މި އަހަރުގެ ސީޒަންގައި ޔޫރަޕުން އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ބެލެވޭއިރު އިނގިރޭސި މާކެޓު ރަނގަޅުވުމަކީ ވެސް ޓޫރިޒަމަށް އޮތް އުފާވެރި ހަބަރެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޔޫރަޕުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ 381،350 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތުގައި 407،166 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ 6.8 ޕަސެންޓުގެ އިތުރުވުމެވެ. ޔޫރަޕަށް ބަލާއިރު ހުރިހާ ހިސާބަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އިނގިރޭސިވިލާތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ 76،083 ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ޒިޔާރަތް ކުރީ 68،519 ޓޫރިސްޓުންނެވެ. ގާތްގަނޑަކަށް މިއީ 11 ޕަސެންޓުގެ ކުރި އެރުމެކެވެ.

މި އަހަރުގެ ސީޒަން ފެށެން ވާއިރަށް "ރަނގަޅުވާނެ ކަމަށް ބަލައި" އެއާލައިން ތަކުން ވެސް ވަނީ ތައްޔާރުވާން ފަށާފަ އެވެ. މިގޮތުން ރާއްޖެ އަށް އުދުހޭ ބައެއް އެއާލައިންތައް ވެސް ވަނީ ތައްޔާރުވާން ފަށާފަ އެވެ. މިގޮތުން ޖާގަ ބޮޑު، ފްލައިޓްތަކަށް ބޮޑު ކުރުމަށް ވެސް އެއާޕޯޓްސް ކޮމްޕެނީއާ ވަނީ ވާހަކަ ދައްކާފަ އެވެ.

ޓޫރިޒަމްގެ ސީޒަން ފެށެނީ އެވެ. ފެށޭއިރު، މަންޒަރުން ފެންނަނީ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް މިކަން ކުރުމަށް ގައުމުގައި ހަމަޖެހުން އޮތުން މުހިންމެވެ.