ލައިފްސްޓައިލް

ވާހަކަ ނުދައްކައި ދަރިފުޅު ފޯނާ ކުޅެން އިންނާތީ ކަންބޮޑުވަނީތަ؟

Nov 16, 2016

އެހެން ކަމުގައި ވަނީ ނަމަ ތިޔައީ ކަންބޮޑުވާން ހަމަ އެންމެ ރަނގަޅު މައްސަލައެކެވެ. ފޯނު ނުވަތަ އެފަދަ އެހެން ސްމާޓް އާލާތެއް، "ކުޅޭ އެއްޗަކަށް ހަދައި" ދަރިފުޅުގެ އަތަށް ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ކުއްޖާ ހެދި ބޮޑުވަމުން އަންނައިރު އެ ކުއްޖާގެ އިސް ބެލެނިވެރިން ނުވަތަ އެކުގައި، އެއް މާހައުލެއްގައި ދިރިއުޅޭ ބަޔަކާ ރަނގަޅަށް މުއާމަލާތުކުރެވުމަކީ އޭގެ ސަބަބުން ނިކަން ބޮޑެތި ފައިދާތަކެއް އެ ކުއްޖަކަށް ކުރާނޭ ކަމެކެވެ. ނަމަވެސް ޒަމާން، ޒަމާންވި ވީނުން ގޮސް އަޅުގަނޑުމެން މި ވަނީ އަމިއްލަ ދަރިންނަށް ވެސް ވަގުތު ނުދެވޭ މިންވަރަށް ބިޒީވެ އެހެން ކަންކަމުގައި ޝާމިލުވެ އުޅެން މަޖުބޫރުވެފަ އެވެ.

ވަކިން ހާއްސަކޮށް މާލޭގައި ދިރިއުޅެން ޝައުގުވެރިވާ ނުވަތަ ހާލަތު ނިޔާކުރާ ގޮތުން މާލޭގައި ދިރިއުޅެން ޖެހިފައިވާ އާއިލާތަކުގައި މި މައްސަލަ އޮތީ ވަކިން ބޮޑުކޮށެވެ. ތޮއްޖެހިފައިވާ މުޖުތަމައެއްގައި އަވަދިނެތި އުޅެން މަޖުބޫރުވެފައިވާއިރު ދަރިފުޅާ އަނގައެއް ތަޅާލާނެ ވަގުތެއް ނުވިޔަސް ވަރަށް ގިނަ ބެލެނިވެރިންގެ ޒަމާނީ އާދައަކަށް މިއަދު ވެފައިވާ އެހެން ކަމެއް އެބައޮތެވެ.

އެއީ ކުއްޖާގެ އަތަށް ސްމާޓް ފޯނެއް ދީފައި ބޭއްވުމެވެ. ނުވަތަ އެފަދަ އެހެން ސްމާޓް އާލާތެއް ދީފައި ކުއްޖާ ހިތްހަމަޖެއްސުމެވެ. -- ރޮއިގަތަސް ނުވަތަ ނުކާން ބޮޑާހޭކިޔަސް އެންމެ ފަސޭހައިން ދިއްކޮށްލެވޭ އެއްޗަށް ވެފައި ވަނީ "ސްމާޓް ފޯނެކެވެ."

މިފަދަ އާލާތްތަކުން ކުދިންގެ ލޮލަށް ނޭދެވޭ އަސަރުތަކެއް ނުކުރާ ކަމަށް ތަޖުރިބާކާރުންނާއި ޑޮކްޓަރުން ބުންޏަސް މި އެންމެން ވެސް އިއްތިފާގުވާ އެހެން ކަމެއް އެބައޮތެވެ. އެއީ ނަފްސާނީ ގޮތުން ކުއްޖާ އަށް ކުރާ ނޭދެވޭ އަސަރެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން ޒަމާނީ މުޖުތަމައުގެ، ސްމާޓް އާލާތްތަކަކީ، މިސާލަކަށް ސްމާޓް ފޯނާއި އައިޕެޑް ފަދަ ތަކެއްޗަކީ ކުދިންގެ ސިކުނޑި ތަރައްގީކުރުމުގެ މަރުހަލާގައި ނަފުސާނީ އަނިޔާއެއް އެ ކުދިންނަށް ދީފާނެ އާލާތްތަކެެވެ. ވަކިން ހާއްސަކޮށް ވާހަކަ ދެއްކުމުގެ އުމުރަށް އެޅެމުން އަންނަ ކުއްޖާގެ ވާހަކަ ދެއްކުމުގެ ހުނަރު މުއްސަނދިވިޔަ ނުދީ ހިފަހައްޓަފާނެ ކަމެކެވެ.

ސަބަބަކީ، ސްމާޓް ފޯނަކުން މުއާމަލާތުކުރެވޭ ގޮތާއި ކައިރީގައި މީހަކު ހުރެގެން އެ ކުއްޖަކާ ވާހަކަ ދައްކައި ކަންކަން ބުނެދީގެން މުއާމަލާތުކުރެވޭ ގޮތް މާ ބޮޑަށް ވެސް ތަފާތުވުމެވެ. އާ ކަންކަން ދަސްކޮށް، އާ ބަސްތައް ދަސްކުރުމުގެ މަރުހަލާގައި އެ ކުދިންނާ ބެލެނިވެރިންނާއި އެ މާހައުލެއްގައި އުޅޭ އެހެން ބަޔަކު ވެސް ވީހާ ގިނައިން ނުވަތަ އާންމުކޮށް ވާހަކަ ދައްކައި މުއާމަލާތުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

މިގޮތަށް ޅަ އުމުރުގެ ފުރަތަމަ މަރުހަލާގައި ކުއްޖާގެ ބެސްޓް ފްރެންޑަކަށް ނުވަތަ އެންމެ ފެވަރިޓް ޓޯއިއަކަށް ސްމާޓް ފޯނެއް ހަދައިފި ނަމަ އޭގެ ނޭދެވޭ އަސަރު އެ ކުއްޖަކު ފުރާވަރަށް އަރައިގެން އަންނައިރު ފެނުމުގެ ފުރުސަތު ބޮޑެވެ. ވަކިން ހާއްސަކޮށް ވާހަކަ ދެއްކުމާއި، ވަށައިގެންވީ މާހައުލާއި މުޖުތަމައާ ގުޅުން ބަދަހިކޮށް މީހުންގެ ތެރޭގައި ހަމަޖެހިން އުޅުމުގެ ގާބިލުކަމާއި އިތުބާރާއި ޔަގީންކަން ލިބިގަތުމުގައި މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު ބޮޑެވެ.

ތަޖުރިބާކާރުން އިރުޝާދު ދެނީ، ޒަމާނީ ނުވަތަ ސްމާޓް ޓޯއިސްތަކުގެ ބަދަލުގައި، ސިކުނޑިއަށް ފައިދާކުރާނެ ޓްރެޑިޝަނަލް ޓޯއިސްތަކަށް ކުދިން ތައާރަފްކުރުމަށާއި އެ ކުދިންނަށް ފޮތް ފަދަ ތަކެތި ކިޔައިދިނުމުގައި ގިނަ ވަގުތު ހޭދަކުރުމަށެވެ.