- ދެ އަހަރުން 20 މިލިއަން ޑޮލަރު އިންވެސްޓް ކުރި
- އޭޝިއާގެ އެހެން ބޭންކްތަކަށްވުރެ ބީއެމްއެލް ރަނގަޅު
- ޝަރުއީ ގޮތުން ވިޔަފާރިއަށްފަހި މާހައުލެއް ރާއްޖޭގައި އެބައޮތް
ބޭންކިން ދާއިރާގައި އަޅާކިޔާ މިންގަނޑުތަކަށް ބަލާއިރު ރާއްޖެ އާއި ސަރަހައްދުގެ އެހެން ބޭންކު ތަކަށްވުރެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އުޅެނީ ކުރީގައި ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އޭޝިއަން ބޭންކާޒް އެސޯސިއޭޝަންގެ (އޭބީއޭ) ގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެންޑްރޫ ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާގައި ވާދަވެރިކަން އިތުރުވެ ސްޓޮކް އެކްސްޗޭންޖް ކުރިއަރައި ސޮވަރިން ކްރެޑިޓް ރޭޓިން އެއް ލިބުން އެއީ ރާއްޖެއަށް ލިބިފައިވާ ބޮޑު ކުރިއެރުންތަކެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ތަރައްގީވަމުން އަންނަ ކޮންމެ ގައުމަކަށްވެސް ހަރަކާތްތެރި، ވާދަވެރި ބޭންކިންގ ދާއިރާއެއް މުހިއްމު ކަމަށާއި ރާއްޖޭގައި މި ދާއިރާ ދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ.
"ފާއިތުވެދިޔަ މަސްތަކުގެތެރޭގައި އެކަނިވެސް އާ ބޭންކެއްވަނީ ޚިދުމަތް ދޭން ފަށާފައި އަދި އިތުރު އާ ކުންފުނިތަކެއްވަނީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފައި. އެތައްހާސް ފަރުދުންނާއި އާއިލާތަކާއި ވިޔަފާރިތަކުގެ ބައިވެރިއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ބޭންކުންދަނީ ފަޚުރުވެރިކަމާއެކު އިސް ދައުރެއް އަދާކުރަމުން،" އޭނާ ވިދާޅުވި އެވެ. "ބޭންކުގެ ފައިނޭންޝަލް، ކްރެޑިޓް އަދި ކެޕިޓަލް ރޭޝިއޯއަށް ބަލާއިރު އޭޝިޔާގެ އެހެން ބޭންކްތަކާއި އަޅާކިޔާއިރު އަޅުގަނޑުމެންގެ ބޭންކް ރަނގަޅު. ބޭންކުގެ ޚިދުމަތް ފުޅާކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ބޭންކުންވަނީ ވޭތުވެދިޔަ 2 އަހަރު ކޮންމެ އަހަރަކު 10 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައި. އަދި ކުރިއަށް އޮތްތަނުގައި އިންވެސްޓްމަންޓް މިއަށްވުރެވެސް އިތުރު ވެގެންދާނެ."
އެންޑްރޫ ވިދާޅުވީ ރާއްޖެއަކީ ވިޔަފާރިއަށް މީހުން ޝައުގުވެރިވާފަދަ ގައުމެއް ކަމަށާއި ޓެކްސް އަދި ޝަރުއީ ގޮތުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި އެބައޮތް ކަމަށެވެ.
"ދާދި ފަހުން ރާއްޖޭގެ ފުރަތަމަ ސޮވަރިން ކްރެޑިޓް ރޭޓިންގ ޝާއިޢުކުރުން ވެގެން ދިޔައީ ވިޔަފާރީގެ އިތުރު މަސައްކަތްތައް ރާއްޖޭގައި ފެށުމަށް އިންވެސްޓަރުންނަށް އިތުބާރު ލިބިގެންދިޔަ ކަމެއް" އޭނާ ވިދާޅުވި އެވެ.