ޕޮލިސް ޓޯ ޔާޑް

ޓޯ ކޮށްފައިހުރި ގިނަ އަދަދެއްގެ ވެހިކަލްތައް ގެންދަން މުއްދަތު ދީފި

Nov 16, 2016

ގަވާއިދާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކްކޮށްފައި ވަނިކޮށް ފުލުހުންގެ ޓޯކޮށް ފުލުހުންގެ ޓޯޔާޑަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ވެހިކަލް އެބަހުރި ކަމަށާއި ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭ އެ ވެހިކަލްތަކުގެ ވެރިން ވެހިކަލްތަކާ ހަވާލުވުމަށް ފުލުހުން އަންގައިފި އެވެ.

ޓޯ ކޮށްފައިވާ ވެހިކަލްތަކުގެ ތަފްސީލު ފުލުހުން ވަނީ އާންމުކޮށްފައެވެ. އަދި ބުނީ ނުގެންގޮސް ހުރި 116 އެއްހާ ވެހިކަލް ޓޯޔާޑުގައި މިހާރުވެސް އެބަހުރި ކަމަށެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، ޓޯޔާޑުގައި ހުރި ވެހިކަލްތައް އަނބުރާ ގެންދިޔުމަށް އެތަކެތީގެ ވެރި ފަރާތްތަކަށް އެއްގަމު ދަތުރުފަތުރު ގާނޫނުގެ ދަށުން 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ވެރިފަރާތުން އުޅަނދުތަކާއި ހަވާލު ނުވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އުޅަނދުތައް ނައްތާލާނެ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، އާއްމު ދަތުރުފަތުރުތަކަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކްކުރުމުގެ ސަބަބުން އެ މަގުތަކުން ދަތުރު ކުރަން އާންމުންނަށް ދަތިތަކާއި ކުރިމަތިވާތީ ފުލުހަށް ޝަކުވާ ލިބެމުންދާ ކަމަށެވެ. ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ތަކެތި ނެގުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޕާކްކޮށްފައި ހުންނަ ތަކެތި ނަގަން އިސްކަމެއް ދޭނެ ކަމަށެވެ.

ޓޯޔާޑުގައި ހުރި ވެހިކަލްތަކުގެ ތަފްސީލު ހާމަކޮށް ފުލުހުން ނެރެފައިވާ އިއުލާނުގައި ވެހިކަލްތައް ޕާކުކޮށްފައި ހުރި ސަރަހައްދުތައް ހިމަނާފައިވެ އެވެ.