ދުނިޔެ

ކޯރަކަށް ވެއްޓުނު ކާރެއްގައި ތުއްތު ކުއްޖަކު މަރު ނުވެ 14 ގަޑިއިރު

އެމެރިކާގައި ކާރެއް އެކްސިޑެންޓްވެ ކޯރެއްގެ ތެރެއަށް ވެއްޓުނުތާ 14 ގަޑިއިރު ފަހުން އެ ކާރު ނަގައި ބެލި އިރު ދޮޅު އަހަރުގެ ކުއްޖަކު އޭގެ ތެރޭ މަރު ނުވެ އޮއްވައި ފެނިއްޖެ އެވެ.

އެމެރިކާގެ ޔުޓާގައި ހިނގި މި އެކްސިޑެންޓުގައި ސަލާމަތް ވެފައި ވަނީ އަންހެން ކުއްޖެކެވެ. ނަމަވެސް އެ އެކްސިޑެންޓުގައި އެ ކުއްޖާގެ، 25 އަހަރުގެ މަންމަ ވަނީ މަރުވެފަ އެވެ. އޭނާ މަރުވެފައި އިނީ ޑްރައިވަރުގެ ސީޓުގަ އެވެ.

ފުލުހުން ބުނި ގޮތުގައި ކުޑަ ކުއްޖާ ފެނުނު އިރު އޮތީ ކާރުގައި ފެންގަނޑުގެ ތެރޭ އެކޮޅުކޮޅުން އޮއްވަ އެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ވަރަށް ސީރިއަސް ކަމަށާއި އެކަމަކު މިހާރު އެހާ ނުރައްކާ ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތަހުގީގުކުރާ ފަރާތްތަކުން ބުނީ ކާރު ކޯރަށް ވެއްޓިފައި ވަނީ މަގުމަތީގައި ސިމެންތިން ހަދާފައި ހުރި ހުރަހެއްގައި ޖެހުމަށް ފަހު ރޭގަނޑު 13:30 އެހާއިރު ކަމަށް ބެެލެވޭ ކަމަށެވެ. ކޯރު ތެރޭގައި ކާރު އޮއްވައި ފެނުނީ އަނެއް ދުވަހުގެ ހެނދުނު، ކޯރުގައި މަސް ބާނަން އުުޅުނު މީހަކަށެވެ. -- ބީބީސީ