ވިޔަފާރި

ޓޫރިޒަމް ރަނގަޅުވެ، އާމްދަނީ 23 ޕަސެންޓް އިތުރުވެއްޖެ

Nov 16, 2016
1
  • އާމްދަނީ އިތުރުވީ ޓީޖީއެސްޓީ އިތުރުވުމުން
  • ޓޫރިސްޓުން އައިވަރު ދެ ޕަސެންޓް އިތުރު
  • މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ އިތުރު

މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް ސަރުކާރަށް ލިބުނު އާމްދަނީ، މިދިޔަ މަހުގެ އެ މުއްދަތާ އަޅާބަލާ އިރު، 23.8 ޕަސެންޓް އިތުރުވެއްޖެ އެވެ.

މީރާ އިން މިއަދު އާންމު ކުރި މިދިޔަ މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ މަހު އެ އޮތޯރިޓީއަށް އާމްދަނީގެ ގޮތުގައި 888.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 717.8 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ މަހު ލިބޭނެ ކަމަށް މީރާ އިން ލަފާކުރި އަދަދަށް ވުރެ ވެސް 22.2 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ޖީއެސްޓީ އިން ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ހާއްސަކޮށް، މިދިޔަ މަހު އައި ޓޫރިސްޓުން އިތުރުވުމުގެ ސަބަބުން ޓީޖީއެސްޓީގެ އާމްދަނީ އިތުރުވުމަކީ މައިގަނޑު ސަބަބެކެވެ. އާމްދަނީގެ 61 ޕަސެންޓް ހިއްސާ ކުރި ޖީއެސްޓީގެ ގޮތުގައި 545.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ޓީޖީއެސްޓީ އިން އެކަނި ވެސް 308.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 944,544 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި، 919,277 ޓޫރިސްޓުންނަށް ވުރެ، 2.7 ޕަސެންްޓް އިތުރު އަދެދެކެވެ.

ދެން އާމްދަނީއަށް އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރި ޓޫރިޒަމަށް ދޫކޮށްފައިވާ ބިމު ކުލީގެ ގޮތުގައި 101 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ދެން އެންމެ ބޮޑު އެއްޗެއް ހިއްސާ ކުރީ ވިޔަފާޜި ފައިދާގެ ޓެކްސް ބީޕީޓީ އާއި އެއާޕޯޓް ސާވިސް ޗާޖުން ލިބުނު އާމްދަނީގެ ގޮތުގަ އެވެ.

މިއަހަރުގެ މިދިޔަ މަހާ ހަމަޔަށް މީރާއަށް ވަނީ އާމްދަނީގެ ގޮތުގައި، 12.3 ބިލިއަން ރުފިޔާ ހޯދައިފަ އެވެ. އެއީ މިދިޔަ އަހަރަު ލިބުނު، 11.2 ބިލިއަން ރުފިޔާއަށް ވުރެ ނުވަ ޕަސެންޓް އިތުރު އަދަދެކެވެ. ޑޮލަރުން ލިބުނު އާމްދަނީ ވެސް މިދިޔަ މަހު ވަނީ އިތުރުވެފަ އެވެ. އެގޮތުން ޑޮލަރު ލިބުނު އާމްދަނީ ވަނީ 28 މިލިއަނުން 34.5 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއަހަރުގެ މިހާތަނަށް ޑޮލަރު ލިބުނު އާމްދަނީ ވެސް ވަނީ 475.2 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.

މިއަހަރުގެ މެދު ތެރޭގައި އާމްދަނީއަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައި ނަމަވެސް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އަނެއްކާ ވެސް މި ވަނީ އާމްދަނީ އިތުރުވާން ފަށައިފަ އެވެ. މައިގަނޑު ސަބަބަކީ ޓޫރިޒަމަށް ކުރިއެރުން ލިބެން ފެށުމެވެ.