މީރާ

މީރާގެ އާމްދަނީ 9.2 ޕަސެންޓް އިތުރު، މިދިޔަ މަހު 888 މިލިއަން ރުފިޔާ!

މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ 9.2 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިއަ އޮކްޓޫބަރު މަހު މީރާއަށް 888.4 މިލިއަން ރުފިޔާ ބަލައިގަތެވެ. އެއާއެކު މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބަލައިގަތް ޖުމުލަ އާމްދަނީ 12.30 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ. މިއީ 2015 އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 9.2 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން މިދިޔަ މަހުން ބަލައިގަތް އާމްދަނީގެ ބޮޑު ޕަސެންޓެއް ޖީއެސްޓީން ލިބިފައިވާ އިރު، ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލިންނެވެ. ޖީއެސްޓިގެ ގޮތުގައި މިދިޔަ މަހު މީރާއަށް 545.18 މިލިއަން ރުފިޔާ ލިބުނު އިރު އެއީ މިދިޔަ މަހު ބަލައިގަތް އާމްދަނީގެ 61.4 ޕަސެންޓެވެ. ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިދިޔަ މަހު މީރާއަށް ލިބިފައިވަނީ 101.02 މިލިއަން ރުފިޔާ އެވެ. ތިންވަނަޔަށް އެންމެ ގިނަ ފައިސާ ލިބުނު ބީޕީޓީ ކެޓަގަރީން 48.98 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޖޫރިމަނާ ފައިސާ ގެ ގޮތުގައި 31.54 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއަށް ލިބިފައިވެ އެވެ.

މީގެ އިތުރުން ގްރީން ޓެކުހާއި އެހެނިހެން ޓެކުހާއި ފީގެގޮތުގައި ވެސް 112.74 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއަށް ވަނީ ލިބިފަ އެވެ.

މީރާއިން ބުނީ، މި އަހަރުގެ އޮކްޓޫބަރު މަހު ބަލައިގަތް އާމްދަނީ އަކީ 2015 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 23.8 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
މި މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ތިންވަނަ ްުއާޓާގައި ޖީއެސްޓީގެ ގޮތު ދައްކާފައިވާ އަދަދު އިތުރުވުން ކަމަށް އެ އޮތޯރިޓީން ނެރުނު ރިޕޯޓުގައި ބުނެފައިވެ އެވެ.