ރިޕޯޓް

ލައިފް ޖެކެޓް ބޭކާރު އެއްޗަކަށް؟!

ރާއްޖޭގެ ކޮންމެ ހިސާބަކަށް ކަނޑުމަގުން ދަތުރުކުރިއަސް ފެންނަނީ އެއް މަންޒަރެކެވެ ބައެއް ފަހަރަށް އެއީ ފެރީ ނުވަތަ ބޯޓުގެ ޒީނަތްތެރިކަމަށް އަތުރާލާފައި ހުންނަ އެއްޗެހިތަކެކޭ ވެސް ހިތަށް އަރަ އެވެ. މިދައްކަނީ ފެރީ އާއި އެހެން ވެސް ކަނޑު އުޅަނދުތަކުގައި ހުންނަ ލައިފް ޖެކެޓްތަކުގެ ވާހަކަ އެވެ. ބައެއް ފެރީތަކުގެ ގޮނޑިދަށުގައި ލައިފް ޖެކެޓް ހުންނާނެ ކަމަށް ބުނާ ލިޔުންކޮޅެއް ފެރީގެ އެކި ހިސާބުތަކުގައި ހަރުކޮށްފައި ހުރެ އެވެ. ބައެއް ބޮޑެތި ބޯޓުތަކުގައި ލައިފް ޖެކެޓް މީ ފެންނަން ހުންނަ އެއްޗެއްވެސް ނޫނެވެ.

ލައިފް ޖެކެޓްގެ މަތިން ހަނދާންވަނީ ކުއްލިއަކަށް، ދަތުރުކުރަމުންދިޔަ އުޅަނދު ބަނޑުން ޖަހާލުމުން ނުވަތަ އަޑިއަށް ދާން ފެށުމުންނެވެ. އޭގެކުރިން ލައިފްޖެކެޓްގެ މަތިން އެއްވެސް މީހަކު ހަނދާނެއް ނުހުރެ އެވެ. އެ އުޅަނދެއްގައި ހަމައަށް ހުރިތޯވެސް ބަލައިނުލަ އެވެ. އެކަމަށް ޝައުގުވެރިކަމެއްވެސް ނުހުރެ އެވެ. އުޅަނދު ދުއްވާ ފަރާތްތަކުން އަދި ފަސިންޖަރުންވެސްމެ އެވެ. އެކަމަށް ހޭލުންތެރި ނޫނީ އެވެ.

"ބައެއް މީހުން މި އަރަނީ ނުލާހިކު ރީތިވެގެން. އެހެންވެ ބޭނުމެއް ނުވޭ ހެދުން ހަޑިވެ އިތުރު ރުލެއް އެއްޗެއް އަރާކަށް. އަދި އެހެން މީހުން އަޅާފައި ހުންނަ އެއްޗެއް އަޅާކަށް ބޭނުންނުވާ ފަހަރުވެސް އާދޭ. ގިނަ ފަހަރަށް ލައިފް ޖެކެޓް މީހުން ބޭނުންނުކުރަނީ އެކަށީގެންވާ ވަރަށް ހޭލުންތެރި ނުވަނީ. ހަގީގަތުގައި ފުރިހަމަ މީހާއަށް އެމީހާ އަމިއްލައަށް ލައިފް ޖެކެޓެއް ބޭނުންމިވަނީ ކިހާވަރަކަށްތޯ؟ މިސާލަކަށް ފަތަން އެނގޭ މީހަކު، އޭނަ މިސާލަކަށް 24 ގަޑިއިރު މޫދުގައި އޮންނަން ވެއްޖެޔާ ކިހިނެއް އޮންނާނީ؟ އަބަދު ނޯވެވޭނެ ފަތަފަތާއެއް. އެހެންވީމަ ލައިފް ޖެކެޓް މި މުހިންމުވަނީ. ލައިފް ޖެކެޓް އެޅުމުން 24 ގަޑިއިރު ނަމަވެސް 48 ގަޑިއިރު ނަމަވެސް މީހާއަށް ކަނޑުމަތީގައި އެބަ އޮވެވޭ އެއްވެސް ކަމެއް ނުކޮށް." ޕޮލިސް ކޯޕްރަލް ފަރީދު ޒާހިރު ވިދާޅުވި އެވެ.

ގިނަ ފަހަަރަށް ކަނޑުމަތީގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދަނީ އުޅަނދު ފަހަރުގައި އެކަށީގެންވާ ވަރަށް ލައިފްޖެކެޓް ފަދަ ވަސީލަތްތައް ނެތިގެނެއް ނޫނެވެ. ފެންނަ ހިސާބެއްގައި އެ ވަސީލަތްތައް ނެތުމުގެ ސަބަބުންނެވެ.

ގިނަ މީހުންނަށް ލައިފް ޖެކެޓް އަޅާކަށް ނޭނގޭ، ފަތާކަށްވެސް ނޭނގޭ

ރާއްޖޭގައި އާންމުކޮށް ކަނޑުދަތުރު ފަތުރު ކުރާ ހުރިހާ އުޅަނދެއްގައިވެސް އެ އުޅަނދެއްގެ ކެޕޭސިޓީއާއި އެއްވަރަށް ލައިފްޖެކެޓް ހަމަކޮށްފައި ހުރެ އެވެ. މިތަކެތި ހަމަކޮށްގެން ނޫނީ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދައެއްވެސް ނުދެ އެވެ. އަދި މީގެއިތުުރުން އެންމެ ގިނައިން ކަނޑުދަތުރުކުރާ ދުވަސްވަރުތަކުގައި އެމްއެންޑީއެފުން ހާއްސަ އޮޕަރޭޝަންތައްވެސް ކުރިއަށް ގެންދެ އެވެ. ނަތީޖާ ރަނގަޅެވެ. ކޮންމެ އުޅަނދެއްގައިވެސް އުޅަނދުގެ ޖާގައަށް ވާވަރަށް ލައިފްޖެކެޓް ހަމަކޮށްފައި ހުރެ އެވެ.

ލައިފް ޖެކެޓްގެ މުހިންމު ވާހަކަ ދައްކާއިރު ލައިފް ޖެކެޓް އަޅަން ނުވަތަ ބޭނުންކުރަން އެނގޭ މީހުންގެ އަދަދަކީ ކޮބައިތޯ ބަލަން ޖެހެއެވެ. ގަބޫލުކުރަން ބޭނުންނޫން ނަމަވެސް ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއްގެ މީހުންނަކީ ލައިފް ޖެކެޓް އަޅަން ނޭނގޭ މީހުންނެވެ.

"ނޭނގެ ލައިފް ޖެކެޓް ބޭނުންކުރާކަށް. ދުވަހަކު ބޭނުމެއްވެސް ނުކުރަން. ފެނޭ ދަތުރުކުރާއިރު ދޯނީގެ މަތީގައި ދެ ފަރާތު އަރިމަތީގައި ލައިފްޖެކެޓްތައް ބަހައްޓާފައި ހުންނަތަން. އަދި މިހާތަނަށް އިރާދަކުރެއްވީތީ ކަނޑުމަތީގެ ހާދިސާއަކާ ދިމައެއް ނުވޭ. ފަތާކަށްވެސް ނޭނގޭނެ. ލައިފްޖެކެޓް އަޅާކަށްވެސް ނޭނގޭނެ" އާންމުކޮށް ކޮންމެ ދުވަހަކު ހުޅުމާލެއިން 20 މިނެޓުގެ ދަތުރުކޮށް މާލެ އަންނަ މީހަކު ބުންޏެވެ.

ބޮޑު މީހަކު ނަމަ މިނެޓެއް ތެރޭގައި ލައިފް ޖެކެޓް އަޅެން ޖެހޭނެ އެވެ. ނަމަވެސް އެއީ ބޮޑު އުޅަނދެއްގައި ދަތުރު ކުރާނަމަ އެވެ. ލޯންޗު ކަހަލަ ސްޕީޑް އުޅަނދެއްގައި ދަތުރުކުރާނަމަ އެއް މިނެޓަކީވެސް ވަރަށް ގިނަ ވަގުތެކެވެ.

"އާންމުކޮށް ސްޕީޑް އެއްޗެހީގައި ދަތުރުކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބުން ވަރަށް މުހިންމު. އެއީ ކަމެއް ދިމާވާ ހާލަތެއްގައި ހާއްސަކޮށް ސްޕީޑް އެއްޗެހީގައި މިލިބެނީ ވަރަށް ކުޑަވަގުތުކޮޅެއް. މިސާލަކަށް މުދާ އުފުލާ ބޮޑު އެއްޗެއް ނަމަ އެކްސިޑެންޓެއް ކަމެއްވިޔަސް އެހާ އަވަހަކަށް މީހާ ނުއެއް ވެއްޓޭނެ. ނަމަވެސް ސްޕީޑް އެއްޗެހީގައި ވީމަ ލައިފް ޖެކެޓް އަޅަން ލިބޭ ޓައިމް ކުޑަވާނެ" ފަރީދު ވިދާޅުވި އެވެ.

ރާއްޖޭގެ 99.7 އިންސައްތައަކީ ކަނޑުކަމަށްވާއިރު ފަތަން ނޭނގޭ އާބާދީވެސް އެހާ ބޮޑެވެ. ގާތްގަނޑަކަސް ރާއްޖޭގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ފަތާކަށް ނޭނގެ އެވެ. ކަނޑުމަތީގެ ހާދިސާތަކުގައި ގިނަ މީހުންގެ ފުރާނަ ގެއްލުމުގެ އެއް ސަބަބަކަށް އެކަންވެސް ވެ އެވެ.

ބޮޑަށް ރަނގަޅީ ފުޅިމެދު ލައިފް ޖެކެޓު

ލައިފް ޖެކެޓެއް ގިނަ ފަހަރަށް ބޭނުންކުރަން ޖެހެނީ ކަނޑުމަތީގެ ހާދިސާއެއް ދިމާވުމުންނެވެ. ނުވަތަ ފުލުހުންނާއި، އެމްއެންޑީއެފް، ޕްރިޒަންސް ނުވަތަ ރިސޯޓަކަށް ދަތުރުކުރާ އުޅަނދެއްގައި ދަތުރުކުރާ ނަމައެވެ. ނަމަވެސް ގިނަ ފަހަރަށް ގިނަ ފަހަރަށް އެ އުޅަނދުތަކާއި އާންމުކޮށް ދަތުރުކުރާ އުޅަނދުތަކުގައި ހުންނަ ލައިފް ޖެކެޓު ތަފާތުވެ އެވެ. ބޭނުންކުރާ ގޮތްވެސް ތަފާތެވެ.

ނަމަވެސް ފުލުހުން ބޮޑަށް ރިކޮމެންޑް ކުރަނީ އާދައިގެ ފުޅިމެދު ޖެކެޓު ބޭނުންކުރުމަށެވެ. ގިނަ ވަގުތު ފެންމަތީގައި އޮތުމަށް އެހީތެރިވެދެ އެވެ.

"ގިނަ މީހުން ގޮވައިން ބޮޑެތި އުޅަނދުތައް މިކުރާ ދަތުރުތަކުގައި ބޮޑަށް ރަނގަޅީ ފުޅިމެދު ޖެކެޓު. އެއީ އައިއެމްއޯ ސްޓޭންޑަޑުންވެސް ހަމަ ބޭނުންކުރާނީ އެ. އެކަމަކު ވައިޖަހާ ޖެކެޓުވެސް ރަނގަޅު. އެކަމަކު އޭގައި ވާ ގޮތަކީ މޫދުގައި އޮއްވާ ކަނދުފައްޗެއް، ލަކުޑި ގަނޑެއް އެއްޗެއް ޖެހޭއިރު އެ ލަކުޑި ގަނޑެއްގައި އިނދެދާނެ މޫދުގައި ހުންނަ ގާހަކައެއް ގާފޮރިއެއް އެއްޗެއް. ފަހަރެއްގައި ޖެހިފައި ފަޅައިގެން ދިއުން އެކަށީގެންވޭ. ވައިޖަހާ އެއްޗަކަށް ވުމުގެ ސަބަބުން. އެކަމަކު ފުޅިމެދު ޖެކެޓު އަޅައިގެން އެހެންގޮސް އެއްޗެއްގައި ޖެހުނަސް އޭގައި ނުވާނެ ގެއްލުމެއް. ގިނަ އިރުވެގެންވެސް ވައެއްވެސް ނުދާނެ" ފަރީދު ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 30،000 އަށްވުރެ ގިނަ މީހުން އަބަދުވެސް އުޅެނީ ކަނޑުމަތީގަ އެވެ. އެހެންކަމަށްވާނަމަ އެ އާބާދީއަކީ އެވަގުތުތަކުގައި ލައިފްޖެކެޓް އަޅައިގެން ތިބެންޖެހޭ ބައެކެވެ. ފުލުހުން އިލްތިމާސްކުރަނީ ކިތަންމެ ކައިރިތަނަކަށް ދަތުރުކުރި ނަމަވެސް ލައިފް ޖެކެޓް އަޅައިގެން ތިބުމަށެވެ. މީހަކު ކިޔާ އެއްޗަކަށް ބަލާނެ ކަމެއް ނެތެވެ. އަމިއްލަ މީހާގެ ސަލާމަތްކަން ހޯދާނީ އަމިއްލަ އަށެވެ. ކުއްލި ހާދިސާއެއް ކުރިމަތިވާނީ ބުނެފައެއް ނޫނެވެ. ކަނޑުމައްޗަށް ނިކުންނަ އިރު އުޅަނދެއްގެ ސަލާމަތްތާއި ރައްކާތެރިކަން ހުރީ ދަތުރު ކުރެވޭ ހާލަތެއްގައިތޯ ބަލަން ޖެހެއެވެ. ދަތުރަށް އަރާ ކޮންމެ މީހަކަށް ލައިފް ޖެކެޓު ހުރިތޯ ބަލައި ސަމުގާ އާއި މުއާސަލާތީ ވަސީލަތްތައް ހުރީ ރަނގަޅަށްތޯ ބަލަން ޖެހެއެވެ.

ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އެކަށީގެންވާ ވަރަށް ލައިފް ޖެކެޓް ފަދަ ވަސީލަތެއް ނެތް ނަމަ އެއުޅަނދަކަށް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ. ނުވަތަ ސޭފްޓީ ވަޔަލޭޝަންއެއް އައުމަކީ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމެކެވެ. އެއުޅަނދެއް ޖޫރިމަނާކޮށް އުޅަނދު ދުއްވަން ހުރި ކެޕްޓަން ނުވަތަ އެ އުޅަނދެއް ވަކި މުއްދަތަކަށް ސަސްޕެންޑުކުރެއެވެ. އަދި ވަކިވަރަކަށްވުރެ ބޮޑު ވެއްޖެނަމަ ލައިސަންސް ބާތިލްކުރެ އެވެ.