އަބްދުﷲ ޖިހާދު

ތަރައްގީ ކުރުމުގައި އިސްލާމީ އިގްތިސޯދަށް ރައީސް އިސްކަން ދެއްވާ: ނައިބު

Nov 17, 2016

އިސްލާމިކް އިގްތިސޯދަށް ރައީސް އަބްދުﷲ ޔާމީން އިސްކަން ދެއްވާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ހަމަހަމަކަމާއެކު ތަރައްގީ ގެނެސް ދިނުމަށްކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރަންސް ޝަރަފުވެރިކޮށްދެއްވާ ބަންޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ކޮންފަރަންސްގައި ނައިބު ރައީސް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ރާއްޖެ ތަރައްގީ ކުރުމުގައި އިސްލާމީ އިގުތިސޯދަށް އިސްކަންދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީގެ މައިގަނޑު މަޤްޞަދަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ގައުމުތަކުން ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ މައި ތަނަށް ހެދުން ކަމަށެވެ.

ހަލާލް ފަތުރުވެރިކަމަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ކުރިއަރަމުންދާ ކަމެއްކަމަށާ މި ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީވެސް ޙަލާލް ފަތުރުވެރިކަން ކުރާ ތަނެއްކަމުގައި ހަދަންކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ

ނައިބު ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު މިއަދަކީ ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުނު ދުވަހެވެ.