ކަންކަމާ މެދު މާ އިދިކޮޅަށް ވިސްނައި ފިކުރު ބޮޑުވުމަކީ ހިތް ހުއްޓުމުގެ ޗާންސް 70 ޕަސެންޓް އިތުރުކޮށްދޭ ކަމެއް ކަމަށް ސިއްހީ ދިރާސާއަކުން ހާމަކޮށްފި އެވެ. އޭގެ ބަދަލުގައި ދުނިޔެއާއި ވަށައިގެން އުޅޭ މީހުންނާއި ހިނގާ ކަންތައްތަކާ މެދު އަބަދުވެސް ރަނގަޅު ނުވަތަ ޕޮޒިޓިވް ނަޒަރަކުން ވިސްނުމަކީ އޭގެ ސަބަބުން މީހާގެ ސިއްހަތަށް އެއްވެސް ބަދަލެއް އަންނަ ކަމެއް ނޫން ކަމަށް އެ ދިރާސާ ޓީމުން ވަނީ ބުނެފަ އެވެ.
ފިންލޭންޑްގެ ސިއްހީ ތަޖުރިބާކާރުންގެ ޓީމަކުން 50-76 އަހަރާ ދެމެދުގެ 2000 އަށްވުރެ ގިނަ އަަންހެނުންނާއި ފިރިހެނުން ހިމަނައިގެން ހެދި ދިރާސާއިން އެނގުނު ގޮތުގައި، ވަކި ކަމެއް ވަކި ގޮތަކަށް ވުމުން ދެން ވާނެ ގޮތަކާމެދު ސުވާލުކޮށް އެމީހުންގެ ޖަވާބު ހޯދައިގެން އެ ޓީމުން ވަނީ ހޯދުންތަކެއް ހޯދާފަ އެވެ. އަދި ބައިވެރިވީ މީހުންގެ ހަކުރު ހުރި މިންވަރާއި، ލޭގެ ޕްރެޝަރު ހުރި މިންވަރާއި ކޮލެސްޓްރޯލް ލެވެލާއި އެނޫނަސް ސިއްހީ އަދި ތޮބީއަތާ ގުޅިފައިވާ އެކި ޓެސްޓުތައް ވެސް ހެދިއެވެ.
ސިއްހަތާބެހޭ އޮންލައިން ވެބްސައިޓެއް ކަމަށްވާ ބީއެމްސީ ޕަބްލިކް ހެލްތުގައި ވެސް ޝާއިއުކުރި އެ ދިރާސާގެ ނަތީޖާ ރިޕޯޓުގައި ބުނެފައިވަނީ، އެ ދިރާސާގެ މީހުންނަށް އަންނަ ބަދަލު މެދު ނުކެނޑި 11 އަހަރު ދިރާސާކުރި އިރު، އޭގެ ތެރެއިން 122 މީހުން އެ ދެމެދުގައި މަރުވެފައިވަނީ ހިތް ހުއްޓިގެން ކަމަށެވެ. ދުންފަތާއި ހަކުރު ވެސް ކޮންޓްރޯލް ކޮށްފައިވާ އެމީހުން އެ މުއްދަތުގެ ތެރޭގައި މަރުވެފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ "ކަންކަމާ މެދު ދެކޭ ގޮތާބެހޭ ޓެސްޓު" ގައި ނެގެޓިވް ޖަވާބުތައް ދީފައިވާ މީހުންކަން ދިރާސާކުރި ޓީމަށް ވަނީ ފާހަގަވެފަ އެވެ.
މި ނަތީޖާއާ ގުޅިގެން އެ ދިރާސާ ޓީމުގެ އިސް ވެރިއަކަށް ހުންނެވި ފިންލޭންޑްގެ ސެންޓްރަލް ހޮސްޕިޓަލްގެ ސައިކޭޓްރިސްޓް ޑރ. މިކޯ ޕެންކްލެއިނިން ވިދާޅުވީ، މީހާގެ މިޒާޖާ، ވިސްނާ ވިސްނުމަކީ މީހާގެ އެތެރަހަށީގެ ސިއްހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އޭނާ ވަނީ އާންމުކޮށް ކަންކަމާމެދު އިދިކޮޅު ހިޔާލު ކުރެވި، ފިކުރު ބޮޑުވާގޮތަށް ވިސްނޭނަމަ ސިއްހަތަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.