ޓެކްނޯލޮޖީ

ސެލްފީއަށް ހާއްސަ ކޯކް ފުޅި!

އަހަރަމެންގެ ތެރޭގައި މިހާރު އެންމެ މަޝްހޫރު އެއްޗަކަށް ވެފައި މި އޮއްނަނީ ސެލްފީ އެވެ. އުފާވެރި ކަމަކަށް ހީނލުމަކާއި އެއްކޮށް ނަގާލަނީ ސެލްފީއެކެވެ. ނުވަތަ މިހާރުގެ ޒުވާނުން ބުނާގޮތަށް ނަމަ "ކަނޑާލެވެނީ" ހަމަ ސެލްފީ އެކެވެ. ސެލްފީގެ އަވާގައި އެއްމެން ކަހަލަ ގޮތަކަށް މިތިބީ ޖެހިފަ އެވެ. މުސްކުޅިއެއް ޒުވާނެއް ކުޑަކުއްޖަކަށް ދުލެއް ނުކުރެ އެވެ. ބާގާ ކާލަމުން ވެސް ސެލްފީއެވެ. ކޯކް ބޮމުން ވެސް ސެލްފީއެކެވެ. އެހެންކަމުން މިފަހަރު ކޯކްއިން މިވަނީ ކޯކް ބޮމުން ސެލްފީ ނެގެނޭ ވައްތަރަށް ފަރުމާ ކޮށްގެން ކޯކް ފުޅިއެއް ތައާރަފް ކޮށްފައެވެ.

މަގްބޫލު އެޑްވަޓައިޒިން އޭޖެންސީއެއް ކަމުގައިވާ ގެފެން އާއި ގުޅިގެން ކޮކާކޯލާ ކުންފުނިން ފަރުމާކުރި މި އީޖާދަކީ މިހާރުވެސް މި ބޭނުންކުރާ އާދައިގެ ކޯކް ފުޅިތަކުގެ ފުލުގައި މައުންޓްކުރެވޭ ކުޑަ ކެމެރާއެކެވެ. މި އީޖާދަކީ ކޯކާކޮލާ ކުންފުނިން ހިންގާ ސަމާ ލަވް އައުޓްޑޯ ފެސްޓިވަލްއަކަށް ހާއްސަ ކޮށްގެނެ ނެރުނު ޕްރޮޑަކްޓެކެވެ.

މިޕރޮޑަކްޓަކީ ކޮކާކޯލާގެ މާކެޓިންގް ސްޓަންޓެކެވެ. އެގޮތުން މި ޕްރޮޑަކްޓްގައިވާ ކެމެރާ އެކްޓިވޭޓްވާނީ ކޯކް ފުޅި ބޯލަމުން 70 ޑީގްރީ އަށް ވުރެ މައްޗަށް ފުޅި ހިއްލާލުމުންނެވެ. 70 ޑްގްރީއަކީ އާމުގޮތެއްގައި ކޯކް އަދި އެހެން ނޫނަސް ފިޒީ ޑްރިންކްތަށް ބޯލުމަށް މީހުން ފުޅި ޓިލްޓް ކިރާ ވަރެވެ. މި ޑިގްރީއަށް ފުޅި ޓިލްޓް ވުމާއެކު އޮޓޯކޮށް ސެލްފީ ނެގެން ފަށާނެ އެވެ. މި ޕްރޮޑަކްޓުން ނެގޭ ފޮޓޯތަށް އެ ޕްރޮޑަކްޓް ބޭނުންކޮށްގެން ފޭސްބުކަށާއި އިންސްޓަގްރާމް އަދި ސްނެޕްޗެޓަށްވެސް އަޕްލޯޑް ކުރެވޭނެ އެވެ.

މި ޕްރޮޑަކްޓް އަދި ދުނިޔޭގެ ބާޒާރަށް ނެރެފައެއްނުވެއެވެ. ސެލްފީ ބޮޓަލް މިހާރު ބޭނުން ކުރަމުން ދަނީ ހަމައެކަނި އިޒްރޭލްގަ އެވެ. އެހެން ނަމަވެސް ޓެކްނޮލޮޖީ ދިރާސާ ކުރާ ފަރާތްތަށް ބުނާގޮތުގައި މި ޕްރޮޑަކްޓް ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް ކޮކާ ކޯލާއިން މުސްތަގްބަލުގައި ނެރޭނެއެވެ.