ދުނިޔެ

ފަލަސްތީނަށް އެއްވެސް ބިމެއް ނުލިބޭނެ: ނަތަންޔާހޫ

މިއީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިޝާރާތެކެވެ.

އިޒްރޭލާ އެއް ފަދަ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު ފަލަސްތީނަށް ދޭން ނަތަންޔާހޫގެ ލިކޫޑް ޕާޓީ އިން 2009 ވަނަ އަހަރު ތާއީދުކުރި ނަމަވެސް ޕާޓީ އިން މިހާރު ބުނަނީ އޭރުގެ ވިސްނުން މިހާރު މުހިންމެއް ނޫން ކަމަށެވެ.

މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ބޭނުން ވަނީ އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސް އެއްކޮށް ފަލަސްތީނުގެ ބާރުގެ ދަށަށް ދޫކޮށްލުމަށެވެ. ފަލަސްތީނުން އެމީހުންގެ ވެރިރަށަކަށް ހަދަން ބޭނުން ވަނީ އިރުމަތީ ގުދުސެވެ. ނަމަވެސް އިޒްރޭލުން ބުނަނީ އެއްވެސް ބިމެއް ފަލަސްތީނަށް ދޫކޮށްލުމުގެ ހިޔާލެއް ނެތް ކަމަށާއި އެގޮތަށް އަމަލުކޮށްފި ނަމަ މި ދުވަސްވަރުގެ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ފަލަސްތީނަށް ބިމެއް ނުލިބޭނެ ކަމަށް ވިދާޅުވަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ މި ދުވަސްވަރު އިޒްރޭލު ސިފައިން އެ ބިންތަކުން ފައިބައިފި ނަމަ އެ ބިންތަކުގައި އަތްގަދަކުރުމުގެ ފުރުސަތު ބޮޑީ އިސްލާމިކް ސްޓޭޓް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ހަނގުރާމަވެރިންނެވެ.

ހިފާފައިވާ ބިންތައް ދޫނުކޮށްލާނެ ކަމަށް އިޒްރޭލުން ތަކުރާރުކޮށް ބުނަމުން ދިއުމާ ގުޅިގެން ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ މަޝްވަރާތައް ވެސް ވަނީ މެދުކެނޑިފަ އެވެ. އެންމެފަހުން މި މައްސަލާގައި ކުރި އެރުމެއް ހޯދުމަށް ފަލަސްތީނުން ވަނީ މައްސަލަ އދ. އަށް ވެސް ހުށަހަޅައިފަ އެވެ.

ނަމަވެސް އެއްވެސް ދިމާލަކުން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް މާ ބޮޑު ކުރިއެރުންތަކެއް ލިބޭ ގޮތެއް ނުވެ އެވެ.