ރިޕޯޓް

އިގްތިސާދު އެއްފައިމަތީގައި: މި ނޫން ގޮތެއް ހޯދަން ވެއްޖެ

Nov 19, 2016
6
  • ހަމައެކަނި ޓޫރިޒަމަށް ބަރޯސާވުން ބޮޑު ބިރެއް
  • އިގްތިސާދީ މަސައްކަތްތައް ފުޅާ ކުރަން ޖެހޭ
  • ތަރައްގީ ހަލުވިކުރަން ގިނަ މަސައްކަތް ފަށަން ޖެހޭ

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ކުރު ހުލާސާ އެކެވެ؛ "ޖީޑީޕީ ނޫނީ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ޓޫރިޒަމެވެ. މަސްވެރިކަމުގެ ސިނާއަތަކީ ދެ ވަނަ މަސައްކަތް ނަމަވެސް އިގްތިސާދުގައި މަސްވެރިކަމުގެ ހިއްސާ އަކީ ގާތްގަނޑަކަށް 1.1 ޕަސެންޓެވެ. ޖީޑީޕީގެ ނިސްބަތުން ދަނޑުވެރިކަމަކީ 1.8 ޕަސެންޓް ކަމަށް ލަފާކުރެވެ" އެވެ.

މުޅި އިގްތިސޯދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ ޓޫރިޒަމަށް އެކަނި ފުއްދާލައިގެން ތިބޭތިބުމެވެ. ނަމަވެސް ޓޫރިޒަމް ދާއިރާ އިން ވެސް ފެންނަނީ އިތުރު ކަންބޮޑުވުންތަކެކެވެ. މާޒީ އަށް ބަލާއިރު 2004ގެ ސުނާމީ އަށް ފަހު ރާއްޖޭގެ އިގްތިސާދު މިސްރާބެއް ނެތި އޮޔާ ދިޔަ އެންމެ ބޮޑު ސަބަބަކީ ޓޫރިޒަމަށް އެކަނި އިތުބާރު ކުރެވުމެވެ. އެކަން މިއަދު ވެސް އޮތީ އެހެނެވެ.

ޓޫރިޒަމަކީ ރަން ބިސް އަޅާ ކުކުޅުގެ ގޮތުގައި ބެލެވެނީ އެ އިންޑަސްޓްރީން ލިބޭ ބޮޑު ފައިދާގެ ސަބަބުންނެވެ. ނަމަވެސް އެއީ އެހާ ބޮޑު ޔަގީންކަމެއް ނެތް އިންޑަސްޓްރީއެކެވެ. މިހާރުވެސް، ޔޫރަޕްގެ ގައުމުތަކުގެ މާލީ މައްސަލަތަކާ ހުރެ އެ ސަރަހައްދުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމުގެ ބިރު އަދިވެސް އެބަ އޮތެވެ. އެކަމަކު ކޮންމެވެސް ވަރެއްގެ ރަނގަޅުތަކެއް ވެސް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ވެފަ އެވެ. ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު ވެސް ތިން ޕަސެންޓަށް ދަށްވި އެވެ. ސަރަހައްދުގައި ވާދަވެރި ގައުމުތައް ގިނަވުމާ އެކު އިންޑަސްޓްރީން ބައިއެޅިގެން ދާވަރު ވެސް ވަނީ ބޮޑުވެފަ އެވެ. މިހާރު ސުވާލަކީ ދެން ކުރެވޭނީ ކީއް ހެއްޔެވެ؟

އިގްތިސާދީ ދާއިރާއެއްގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ދަތުރުފަތުރު އަދި މުވާސަލާތީ ދާއިރާ އިން ރާއްޖޭގެ އިގްތިސޯދު މިހާރަށް ވުރެ ބޮޑަށް ފުޅާކުރެވިދާނެ އެވެ. އަދި އައިޓީ ދާއިރާގައި ވެސް ރާއްޖެ އަށް ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވެ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގައި ރާއްޖެ އަށް ނަމޫނާ ގައުމަކަށް ވެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ރާއްޖޭގައި އަހަރަކު ހަތް މިލިއަން ޑޮލަރު ހަރަދުކުރޭ ކުކުޅު ބިސް އެތެރެކުރަން. އަޅުގަނޑުމެންނަށް އެނގުނު އެންމެ ހެއްވާ ކަމަކީ ރާއްޖޭގައި ކުކުޅު ގެންގުޅެން އުނދަގޫ ކަމަކީ ކުކުޅަށް ކާންދޭނެ އެކަށީގެންވާ ކާނާ ނުލިބުމޭ. އަވަށްޓެރި ގައުމުތަކުން މި ގެންނަނީ. ދެން އަޅުގަނޑުމެން ބެލީ އަވަށްޓެރި ގައުމުތަކުން އެ ހޯދަނީ ކޮން ތާކުންތޯ. އެމީހުން ބުނަނީ ފެލިވަރުގެ ފިޝްމީލް އާއި ޒުވާރީ އެއްކޮށްގެނޭ ކުކުޅަށް ކާންދެނީ. މިއީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތެއްތޯ؟ މިކަމުން ހަތް މިލިއަން ޑޮލަރު ސަލާމަތްވެ އިތުރު މަސައްކަތެއް ވެސް ދިރުވޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ބޭފުޅާ އެ ނެންގެވީ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމުގެ ކުޑަކުޑަ މިސާލެކެވެ. އޭނާ ދެކޭ ގޮތުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ބޮޑުކޮށް ހަނިމާދު އަކީ ދަތުރުފަތުރުކުރުމުގެ މަލްޓި ހަބަކަށް ހެދިއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދު މިހާރަށް ވުރެ މާ ބޮޑަށް ފުޅާކުރެވޭނެ އެވެ. އަދި ހުރިހާ އެއާޕޯޓެއްގައި ޑިއުޓީފްރީ ފިހާރަ ހުޅުވައި އެކޮނޮމިކް ފްރީ ޒޯންތަކެއް ގާއިމްކުރެވިއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދު ފުޅާކުރެވިދާނެ ކަމަށް ވެސް ގަބޫލުކުރައްވަ އެވެ. ނަމަވެސް އެކަމަށްޓަކައި ރާއްޖެ އަށް ގިނަ އިންވެސްޓްމަންޓް ބޭންކްތަކާއި އޮފްޝޯ ފައިނޭންސް ސެންޓަރުތައް ގާއިމްކޮށް ރާއްޖޭގެ ޝަރުއީ ދާއިރާއާ މެދު އިތުބާރު އުފައްދަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖެ މި ދާއިރާތަކަށް އިންވެސްޓްކުރެވިއްޖެ ނަމަ ދިވެހި ރާއްޖޭގެ އާމްދަނީ ރަނގަޅުކުރެވި ފެންވަރު ހުރި އިގްތިސޯދެއް އުފެއްދިދާނެ. އެއީ ނުވާނެ ކަމެއް ނޫން. އެތައް ގޮތަކުން ރާއްޖެ އަކީ ސުވަރުގެއަކަށް ހެދިދާނެ،" އެބޭފުޅާ ވިދާޅުވި އެވެ.

ސިންގަޕޫރާއި މެލޭޝިޔާ ފަދަ ނަމޫނާ އިގްތިސޯދުތައް ކުރިއަރަނީ އެފަދަ ގޮތްގޮތުންނެވެ. ސިންގަޕޫރުގެ އިގްތިސޯދު ކުރިއަރަން ފެށުމާ އެކު އެ ގައުމުގެ ބިންތައް ބޭރުގެ ކުންފުނިތަކަށް ހުޅުވާލި އެވެ. ކޯލް ސެންޓަރުތައް ގާއިމްކުރުމާއި ކުންފުނިތަކުގެ ބައެއް އޮފީސްތައް އެގައުމުގައި ބިނާކުރުމުގެ ފުރުސަތު ހުޅުވާލި އެވެ. އަދި ބޮޑެތި ކޮންޓެއިނަރުތަކާއި ބޮޑެތި އާގު ބޯޓުފަހަރުގެ ހިދުމަތްތައް އައްސޭރިފަށުގައި ތަރައްގީކުރި އެވެ. ނަތީޖާއަކަށްވީ އެ ގައުމުގެ އިގްތިސޯދުގައި ބޭރު މީހުންގެ ހިއްސާ ބޮޑުވެ އެކިދާއިރާތަކަށް ގައުމު ފުޅާވުމެވެ.

ނަމަވެސް ދިވެހިންނަށް ވިސްނުނީ ދިމާ އިދިކޮޅެވެ. ޓޫރިޒަމްގައި އެކަނި ދެމިތިބުމަށް އަމާޒު ހިފީ އެވެ. ނަތީޖާއަކަށްވީ ވެއްޓެމުން ހިނގާ ކުއްޖެއްގެ މިސާލަށް މުޅި އިގްތިސޯދު ބައްޓަންވުމެވެ. ޓޫރިޒަމަށް އަސަރުކުރާ އިރަށް ދިވެހިން ތިބެންޖެހެނީ ބޮޑު ބިރުވެރިކަމެއްގައި ދެން ވާނޭ ގޮތް ނޭނގިފަ އެވެ. އެއީ ފުދުންތެރި ގައުމަކާ މާ ބިރަށްޓެހި އުސޫލެކެވެ. ގިނަ އިގްތިސޯދީ މަސައްކަތްތަކަށް ގައުމު ދީލައިލުމަކީ ހަގީގަތުގައި އިގްތިސޯދީ އެހެން ފައިދާތަކެއްގެ ވެސް ފެށުން ކަމުގައި ބަލައިގަންނަންވެއްޖެ އެވެ.