ވިޔަފާރި

ޖީއެމްއާރަށް ފައިސާ ހަމަކުރީ އެމްއެމްއޭއިން ވިއްކި ބޮންޑަކުން

Nov 19, 2016

އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް އެމްއޭސީއެލް އިން ދައްކަން ޖެހޭ 271 މިލިއަން ޑޮލަރު ދެއްކުމަށް އެމްއެމްއޭ އިން 140 މިލިއަން ޑޮލަރުގެ ބޮންޑެއް އެމްއޭސީއެލް އަށް ވިއްކައިގެން ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނި ގޮތުގައި ޖީއެމްއާރު ކުންފުންޏަށް ފައިސާ ދެއްކުމުގެ ގޮތުން އެމްއެމްއޭ އިން އެމްއޭސީއެލްއަށް ބޮންޑް ވިއްކީ 4.9 ޕަސެންޓުގެ އިންޓަރެސްޓުގައި ތިން އަހަރުން ދައްކާ ހަލާސްކުރާ ގޮތަށެވެ. އަދި މި ފައިސާ އަންނަ މަހުން ފެށިގެން އެމްއޭސީއެލް އިން އެމްއެމްއޭ އަށް ދައްކަން ފަށާނެ އެވެ. އަދި މި ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ވެސް ޑޮލަރުންނެވެ.

އެނގިފައިވާ ގޮތުގަ މި ބަދަލުގެ ސަބަބުން ދައުލަތުގެ ރިޒާވް އަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އަދި އެމްއޭސީއެލްއިން ޑޮލަރުގެ ބާޒާރަށް ދޫކުރާ ޑޮލަރުގެ އަދަދަށްވެސް ބަދަލެއް ނާންނާނެ އެވެ.

ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، އައިއެންއައިއޭ އަތުލުމުން ބަދަލެއްގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައިވަނީ، 271 މިލިއަން ޑޮލަރު (4.18 ބިލިއަން ރުފިޔާ) އެވެ. ސަރުކާރުން ބުނެފައި ވަނީ އެ ފައިސާ ދެއްކީ ދައުލަތުގެ ބަޖެޓުން ނޫން ކަމަށާއި އެމްއޭސީއެލްގެ އަމިއްލަ ފައިސާއިން ކަމަށެވެ.