ވިޔަފާރި

ބޮޑެތި ކުންފުނިތަކާއެކު އިންވެސްޓްމަންޓް ފޯރަމްގައި 400 ކުންފުނި

Nov 20, 2016
1
  • ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް ބައިވެރިވޭ
  • ފޯރަމް ފަށާނީ މާދަމާ
  • އިންޑިޔާގެ ބޮޑެތި ވިޔަފާރިތައް ހިމެނޭ

މާދަމާ އިންޑިޔާގައި ފަށާ، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި އިންޑިޔާ އާއި ރާއްޖޭގެ 400 ވިޔަފާރި ބައިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް އެގްޒެކެޓިވް ކޯޑިނޭޓަރު އިބްރާހިމް ޔޫސުފު "އަވަސް" އަށް ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްގައި 400 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވާއިރު ކުންފުނިތަކުގެ ތެރޭގައި އިންޑިޔާގެ ބޮޑެތި ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ.

"ވަރަށް ނަން މަޝްހޫރު ކުންފުނިތައް މިހާރު ވެސް ވަނީ ރަޖިސްޓްރީ ކޮށްފަ. އަދިވެސް ރެޖިސްޓްރޭޝަން ހުޅުވާލާފައި އޮތުމުން އިތުރު ފަރާތްތަކުން ބައިވެރިވާނެ ކަމަށް ބެލެވޭ،" އިބްރާހިމް ވިދާޅުވި އެވެ.

ނިއު ދިއްލީގެ ތާޖު ހޮޓެލްގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމް ކުރިޔަށްދާނީ 21 އިން 22 އަށެވެ. މިގޮތުން 21 ވަނަ ދުވަހު އޮންނަނީ ގާލާ ޑިނާ އެވެ. އަދި ރަސްމީ ކޮންފަރެންސް އޮންނާނީ 22 ވަނަ ދުވަހު އެވެ.

އިބްރާހިމް ވިދާޅުވީ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވާނެ ކަމަށެވެ.

"ރާއްޖޭގެ ވެސް އެންމެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން މި އިވެންޓުގައި ބައިވެރިވާނެ،" އިބްރާހިމް ވިދާޅުވި އެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭން 200 އަށްވުރެ ގިނަ ވިޔަފާރިތައް ބައިވެރިވާނެ އެވެ. މިގޮތުން ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައި ގަންނަވާނީ ނައިބް ރައީސް އަބްދުﷲ ޖިހާދު އެވެ. އަދި އިންޑިޔާއިން ބައިވެރިވުމަށް ހަމަޖެހިފައިވަނީ ކޮމާސް މިނިސްޓަރެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ އިންޑިޔާ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް [ފިކީ] އާ ގުޅިގެންނެވެ. މި ޖަމިއްޔާއަކީ އިންޑިޔާގެ ދެ ލައްކައަށްވުރެ ގިނަ މެންބަރު ކުންފުނިތައް ހިމެނޭ ޖަމިއްޔާ އެކެވެ.

އިންވެސްޓްމަންޓް ފޯރަމްއަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އަންގައި ދިނުމަށް ސަރުކާރުން ބާއްވާ ފޯރަމެކެވެ. އިންވެސްޓްމަންޓް ފޯރަމް މީގެ ކުރިން ސިންގަޕޫރާއި ޗައިނާގައި ވެސް ބާއްވާފައިވެ އެވެ.