ރައީސް މުހައްމަދު ނަޝީދު

އިނގިރޭސި ސަރުކާރާ ދެކޮޅު މުޒާހަރާއެއްގައި ނަޝީދު!

Nov 20, 2016
11

އިނގިރޭސިވިލާތުގެ މައި އެއާޕޯޓް ހީތުރޯގައި އިތުރު ރަންވޭ އެއް އަޅާތީ އެކަމާ އިހުތިޖާޖުކޮށް އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް އިއްޔެ ކުރި މުޒާހަރާއެއްގައި އަމިއްލަ އަރުވާލައިގެން އިނގިރޭސި ވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި، ލަންޑަން އެއާޕޯޓުގައި ތިންވަނަ ރަންވޭ އެއް އެޅުމުން ތިމާވެށްޓަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ކުރި މުޒާހަރާގައި އިނގިރޭސި ސަރުކާރުން ސިޔާސީ ހިމާޔަތް ދެއްވާފައިވާ ނަޝީދު ބައިވެރިވެވަޑައިގެން އެތަނުގައި ތަގުރީރު ވެސް ކުރެއްވާ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައި ވެއެވެ.

ލަންޑަން އެއާޕޯޓުގެ އެމްފޯ ސްޕަ ރޯޑުގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ.

އެ މުޒާހަރާގައި ހައިވޭ ބަންދު ކުރުމާއި އަމަން ނަގާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި 15 މީހުން ހައްޔަރު ކުރިކަމަށް އިނގިރޭސި ވިލާތުގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ނަމަވެސް، އޭގެ ތެރޭގައި ނަޝީދު ހިމެނިވަޑައިނުގަންނަވާ ކަން "އަވަސް" އަށް ވަނީ އެނގިފަ އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވަނީ އާ ރަންވޭގެ ސަބަބުން ތިމާވެށްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކަންޑައަޅާފައިވާ ލަނޑުދަނޑި ތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

ނަޝީދު އިނގިރޭސި ހިމާޔަތް ހޯއްދަވާފައި ވަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބޭސް ފަރުވާއަށް ހޯއްދެވި ހުއްދައެއްގެ ދަށުން އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު އެވެ. އޭނާއަށް ހުކުމް ކޮށްފައި ވަނީ ވެރިކަމުގައި ހުންނަވައިގެން ގާޒީއަކު ހައްޔަރު ކުރެއްވި މައްސަލާގައި އުފުލި ޓެރަރިޒަމް ކުށުގެ ދައުވާ ސާބިތުވެގެނެވެ.