ވިޔަފާރި

ދިއްލީގެ އިންވެސްޓްމަންޓް ފޯރަމަށް ރާއްޖެ ތައްޔާރުވެފައި

  • މިރޭ އޮންނާނީ ގާލާ ޑިނާ
  • ރަސްމީ ހަފުލާ މާދަމާ އޮންނާނެ
  • އިންޑިޔާގެ ބޮޑެތި ކުންފުނިތައް ބައިވެރިވޭ

އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭން ފޮނި އުންމީދު ތަކެއް ކުރާ އިވެންޓެކެވެ. ސަބަބުތައް ގިނަ އެވެ. އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ ގިނަ މަޝްރޫއު ތަކެއް ފެށުމަށް ތައްޔާރުވުމެވެ. އެކަމަށް ރާއްޖޭގެ އިންވެސްޓްމަންޓް ފާހައުލު ހުޅުވައިލުމެވެ. އެހެންވެ ސަރުކާރުން ދަނީ އިންވެސްޓަރުންގެ ލޯ ހުޅުވާލުމަށް ގިނަ ހަރަކާތްތަކެއް ބާއްވާމުންނެވެ. މިގޮތުން އިންޑިޔާގެ ނިއު ދިއްލީގައި މިރޭ ފަށާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމްއައިއެފް 2016) ވެސް ރާއްޖެއަށް މުހިންމުވެ އެވެ. އެހެންވެ މި އަހަރުގެ އެމްއައިއެފް ފެށުމަށް ދިވެހި ވަފުދު މިހާރު ތިބީ ނިއު ދިއްލީގަ އެވެ.

ފުރަތަމަ އޮންނާނީ ގާލާ ޑިނާ

ރާއްޖޭގެ 200 އަށް ވުރެ ގިނަ ވިޔަފާރިއާއެކު ކުރިއަށްދާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި މިރޭ އޮންނާނީ "ޑިނާ" އެކެވެ. ނިއު ދިއްލީގެ ތާޖު ހޮޓެލްގައި "ދުރްބާރު ތާޖު" ގައި މިރޭ އޮންނަ ރަސްމީކޮށް ފަރިއްކޮޅުގައި ރާއްޖެ އާއި އިންޑިޔާގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ އެންމެ އިސްވެރިން ބައިވެރިވާނެ އެވެ. މިގޮތުން ރާއްޖޭން ބައިވެރިވާނެ ބައެއް ވިޔަފާރިވެރިންގެ ތެރޭގައި އެލިޔާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އާއި މަސީގެ ކުރީގެ ރައީސް އަދި އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ހިމެނެ އެވެ. މީގެ އިތުރުން އުރީދޫގެ ސީއީއޯ ވިކްރަމް ސިއްހަ އާއި މިނޫން ވެސް ގިނަ ކުންފުނިތަކުގެ ވެރިން ބައިވެރިވާނެ އެވެ. މީގެ އިތުރުން މި ހަފުލާގައި ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެ އެވެ.

ފޯރަމްގައި 400 އަށްވުރެ ގިނަ ވިޔަފާރި

އިންޑިޔާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އިންޑިޔާ ޗެމްބަރު އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް (ފިކީ) ގެ ބައިވެރިވުމާއެކު ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި އިންޑިޔާގެ ގިނަ އަދަދަކަށް މަޝްހޫރު އިންވެސްޓަރުން ވެސް ބައިވެރިވާނެ އެވެ. ފިކީއަކީ ދެ ލައްކައެއްހާ މެންބަރުން ހިމެނޭ އިންޑިޔާގެ އެންމެ ބޮޑު އެއް ޖަމިއްޔާ އެވެ.

އެމްއައިއެފްގެ ރަސްމީ ބައި 22 ގައި

އިންވެސްޓްމަންޓް ފޯރަމްގެ ރަސްމީ ހަރަކާތް އޮތީ އަންގާރަ ދުވަހު އެވެ. ތާޖު ހޮޓެލްގެ "ދުރްބާރު ބޯލްރޫމް" ގައި އޮންނަ މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވާނީ ރާއްޖޭގެ ނައިބް ރައީސް އަބްދުﷲ ޖިހާދު އެވެ. މި ރަސްމީޔާތު ފަށާނީ ދެ ދުވަހު އިންޑިޔާ ގަޑިން ހެނދުނު 9.30 ގަ އެވެ. މި ރަސްމިއްޔާތުގައި އިންޑިޔާގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ބައްދަލުކޮށް ވިޔަފާރީގެ އެކި މަޝްވަރާތައް ކުރިއަށްދާނެއެވެ. އަދި ރާއްޖޭގެ އިންވެސްޓްމަންޓް ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު އިންޑިޔާގެ ބޮޑެތި ވިޔަފާރިވެރިންނަށް ދޭނެ އެވެ.

ނިއު ދިއްލީން: މުހައްމަދު އަފްރާހު