އިސްތަށި ފޭބުމުގެ މައްސަލައަކީ މީހާގެ އުމުރުން ކޮންމެ ވެސް އެއް ހިސާބަކުން އަބަދުވެސް ލައިގަންނަ ކަމެކެވެ. އަދި މިކަމަށް ހައްލު ހޯދުމަށް އަބަދުވެސް ތަފާތު ވައްތަރުގެ ޓްރީޓްމަންޓްތައް ނަގަ އެވެ. އަދި މިގޮތަށް ނަގާ ޓްރީޓްމަންޓްތަކުގެ އަސަރު މާގިނަ ދުވަހަށް ދެމި ނުހުރެ އަނެއްކާވެސް ބޮލުން އިސްތަށިފައިބާ ނުވަތަ ހަންހޮފުޅުމުގެ އުނދަގުލާ ކުރިމަތިލާން ޖެހެ އެވެ. މި ހިމަނާލަނީ އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން އިސްތަށިފޭބުމުގެ މައްސަލަ އަށް ހައްލު ހޯދޭނެ ބައެއް ގޮތްތަކަށެވެ.
ބިސް މާސްކް
ބިހަކީ ކެއުމުގެ އިތުރަށް އިސްތަށިގަނޑަށް ވެސް ހަމަ އެހާފައިދާ ހުރި އެއްޗެކެވެ. ބިހުގެ ތެރޭ ހިމެނޭ ނިއުޓްރިއަންޓްސް އާއި ޕްރޮޓީންގެ ފައިދާތައް އިސްތަށިގަނޑަށް ވެސް ކުރެ އެވެ. އަދި އިސްތަށިގަނޑު ހެދި ބޮޑުވުމަށް ބޭނުންވާ ވިޓަމިން "ބީ" ބިހުގައި ހިމެނެ އެވެ. މި މާސްކް ތައްޔާރު ކުރާނެ ގޮތަކީ އެއް ބިހުގެ ތެރެއަށް އެއް ޖޯޑު ކިރާއި ދެ ސަމްސާ ލުބޯ ހުތް އަދި ދެ ސަމްސާ ޒައިތޫނި ތެޔޮ އަޅާ ރަނގަޅަށް މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސް ކޮށްލުމަށްފަހު، ބޮލުގައި ހެއާ މާސްކެއް ގޮތަށް އަޅާލުމަށްފަހު، ޝަވާ ކެޕް އަކުން ބޯ ނިވާ ކޮށްލާށެވެ. އަދި 20 މިނެޓް ވަންދެން ބޮލުގައި އަޅާލުމަށްފަހު ރީތި ފެންފޮދަކުން ދޮވެލާށެވެ. މި މާސްކަކީ އިސްތަށި ފޭބުމުގެ މައްސަލަ އަށް ހައްލެއް ލިބި އިސްތަށިގަނޑު އޮމާން ކަންމަތީ ބަހައްޓައިދޭ މާސްކެކެވެ.
ބަނާނާ ހެއާ މާސްކް
ދޮންކެޔޮ ހެއާ މާސްކް މިއީ އިސްތަށިގަނޑު ހަލާކުވެ ބޮލުން ހަންފޮޅުމުގެ މައްސަލަ ދިމާވާ ފަރާތްތައްކަށް ވަރަށް ރަނގަޅު މާސްކެކެވެ. އަދި އިސްތަށިގަނޑު މޮއިސްޗަރައިޒް ކޮށްދޭ މާސްކެކެވެ. މި މާސްކް ތައްޔާރު ކުރާނެ ގޮތަކީ ދެ ދޮންކެޔޮވަކުގެ ތެރެއަށް އެއް ސަމްސާ ޒައިތޫނި ތެޔޮ، އެއް ސަމްސާ ކާށިތެޔޮ އަދި އެއް ސަމްސާ މާމުއި އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. މި މާސްކް ބޮލުގައި އެޅުމަށްފަހު ރަނގަޅަށް ބޯ ނިވާކޮށްލާށެވެ. އަދި ފަސް މިނެޓް ފަހުން ބޯ ދޮވެލާށެވެ.
ހިކަނދިފަތް އަދި ކާށިތެޔޮ މާސްކް
މި މާސްކަކީ އިސްތަށި ފޭބުމުގެ މައްސަލަ ދިމާވެފައިވާ ފަރާތްތައް ބޭނުން ކުރަން ވަރަށް ރަނގަޅު މާސްކެކެވެ. އަދި އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅު ކޮށްދީ މޮއިސްޗަރައިޒް ކޮށްދޭނެ މާސްކެކެވެ. ދިހަ އެއް ނުވަތަ ބާރަ ހިކަނދިފަތް ދެ ސަމްސާ ކާށިތެލުގެ ތެރެއަށް އަޅާލުމަށްފަހު ތެލުލާލާށެވެ. ތެޔޮ ކޮޅު ހިހޫވުމުން ބޮލުގައި ރަނގަޅަށް މަސާޖް ކޮށްލާށެވެ. ވިއްސަކަށް މިނެޓް މަސާޖް ކޮށްލުމަށްފަހު ރީތި ފެންފޮދަކުން ބޯ ދޮވެލާށެވެ.
ގްރީން ޓީ ހެއާ މާސްކް
ގްރީން ޓީ ގައި ހިމެނޭ އެންޓި އޮކްސިޑެންޓްގެ ސަބަބުން ބޮލުތެރޭ އިސްތަށިތަކުގެ ބުޑުސާފުކޮށްދީ، އިސްތަށިގަނޑު ވަރުގަދަ ވުމަށް އެހީތެރިވެދެ އެވެ. އަދި އިސްތަށިފޭބުމުން ދުރުކޮށްދީ އިސްތަށިގަނޑަށް ލިބެންޖެހޭ ޕްރޮޓީން ލިއްބައިދެ އެވެ. މި މާސްކް ތައްޔާރު ކުރާނެ ގޮތަކީ އެއް ބިހުގެ ތެރެއަށް ދެ ސަމްސާ ގްރީން ޓީ އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އަދި ތައްޔާރު ކުރި މާސްކުން ރަނގަޅަށް ބޮލުގައި އުނގުޅަމަށްފަހު ވިހި މިނެޓް ފަހުން ދޮވެ ލާށެވެ. ރަނގަޅަށް ދޮވެ ލުމަށް ފަހު ޝޭމްޕޫލައިގެން ބޯ ދޮވެލާށެވެ.