ލައިފްސްޓައިލް

ފޯނު ސްމާޓަސް، މީހާ ސްމާޓެއް ނޫން

Nov 21, 2016
1

މިއީ ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. މީހުން ސަމާސާއަކަށް ހަދައިގެން ވެސް ނިކަން ގިނައިން މިހެން ބުނެ އުޅެ އެވެ. -- އަތުގައި އޮތް ފޯނު ސުމާޓުވިޔަސް، މީހާ ސުމާޓެއް ނުވެ އެވެ.

ފަހުގެ ދިރާސާތަކުން ވެސް ދައްކަނީ ހަމަ މި ނަތީޖާ އެވެ. އެކަމަކު ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ އިންޒާރު އަދި މާ ބިރުވެރި އެވެ.

ނަމަވެސް ސްމާޓްފޯނާއި އިންސާނާއާ ދެމެދު މިއަދު މި ވަނީ ހިތާއި ހިތުގެ ގުޅުމެއް ގާއިމުވެ އެއިން އަތް ދޫކޮށްނުލެވޭ ވަރަށް ހާއްސަވެ މުހިންމުވެފަ އެވެ. ޚަބަރާއި އެހެނިހެން މައުލޫމާތު ކިޔައި ހޯދުމަށް އަދި ވީޑިއޯ އާއި ފޮޓޯ ނަގައި ބެލުމަށް ނުވަތަ ބޭންކް ޓްރާންސެކްޝަނެއް ފުރިހަމަ ކުރުމަށް ވެސް ސްމާޓް ފޯނު ވަރަށް މުހިންމެވެ.

އެކަމަކު ސްމާޓްފޯނުން އަތް ދޫކޮށްލުމަށް ފަހު އިރުކޮޅަކަށް ވިސްނާލަންވީ ކަމެއް އެބައޮތެވެ. ޓަޗް ސްކްރީނަކަށް މުޅި ދިރިއުޅުމުގެ ހުރިހާ ކަމެއް ބަރޯސާކުރުމަށް ވުރެ ބައެއް ކަންކަން އަމިއްލަ އަށް ކޮށްލުމަށް ވަގުތު ހޯދުމަކީ ކިހިނެތްވާނެ ކަމެއް ހެއްޔެވެ؟ ސައިންސްވެރިން ކުރަނީ އަދި ދޭ އިންޒާރަކީ ވެސް މިއީ އެވެ.

އެކަމަކު މިއަދުގެ ހާލާތަށް ބަލައިފި ނަމަ، ބައެއް މީހުން މި ފެންނަނީ، ދެ އަތަށް ދެ ސްމާޓް ފޯނު ލައިގެން ދާ މަންޒަރެވެ.

ސިކުނޑި ކަންނެތްކޮށްލަނީ

ކެނެޑާގެ ޕަބްލިކް ރިސާޗް ޔުނިވާސިޓީއެއް ކަމުގައިވާ ޔުނިވާސިޓީ އޮފް ވޯޓަލޫގެ ތަޖުރިބާކާރުން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގިފައިވާ ގޮތުން ސްމާޓްފޯނަކީ އެ ފޯނެއް ބޭނުންކުރާ މީހެއްގެ ސިކުނޑި ކަންނެތްކޮށްލާ އާލާތެކެވެ. އަމިއްލަ ސިކުނޑިން ކަންކަން ހައްލުކޮށް ހޯދައި ބެލުމުގެ ބަދަލުގައި ސްމާޓްފޯނަށް ބަރޯސާވެވުމަކީ އެހެންކަމުން ގޯހެކެވެ.

މިދިޔަ އަހަރުގެ މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ގޯޑަން ޕެނީކޮކް ވިދާޅުވެފައި ވަނީ ސްމާޓްފޯނެއް އަތުގައި އޮތުމަކީ، ނިކަން ފަސޭހައިން އަމިއްލަ އަށް ކޮށްލެވެން އޮންނަ ކަން ވެސް ނުކޮށް ސްމާޓްފޯނުން އެކަން ކޮށްލުމަށް ގިނަ މީހުންނަށް އާދަވާ ކަމެއް ކަމަށެވެ. އަދި އެނގޭ މައުލޫމާތެއް ހޯދަންވިޔަސް ނުވަތަ ކުޑަކޮށް ވިސްނާލައިގެން އެނގޭނެ މައުލޫމާތެއް ލިބިގަތުމަށް ވެސް ސްމާޓްފޯނަށް ބަރޯސާވާން އާދަވެފައިވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

ދިރާސާ އިން އެނގުނު ގޮތުގައި ހުރިހާ ކަމެއްގައި ސްމާޓްފޯނަށް ތަބާވެ ބަރޯސާވުމަކީ ތިމާ މީހާގެ ބުއްދިއާއި އިލްމާއި ހިލްމަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެކެވެ.

ސްމާޓްފޯނަށް ވުރެ ސްމާޓްވާން ބޭނުންތަ؟

އެހެން ކަމުގައި ވަނީ ނަމަ ސްމާޓްފޯނުގެ މުސީބާތް ލައިނުގަތުމަށް މިހެން ބައެއް ކަންކަން ކުރެވިދާނެ އެވެ.

  • ނޯޓިފިކޭޝަންސްތައް އޮފްކޮށްލާށެވެ. އޭރުން ދެވިހިފާ މިންވަރު ކުޑަވާނެ އެވެ.
  • ނިދަން އެނދަށް އެރުމުގެ ކުރިން، ކޮޓަރިން ބޭރުގައި ފޯނު ޗާޖަށް ޖަހާލާށެވެ.
  • ހެނދުނު ހޭލައިގެން ފޯނު ބަލާނެ ކަމެއް ނެތެވެ. މުހިންމު މީހުން ގުޅާނެ އެވެ.
  • ފޯނުން ސޯޝަލް މީޑިއާ އެޕްސްތައް ދެ ތިން ދުވަހަށް ޑިލީޓްކޮށްލާށެވެ.
  • ކޮފީއަކަށް ނުވަތަ ކާން ރެސްޓޯރެންޓަކަށް އަރާ ނަމަ ފޯނު ނިއްވާލާ
  • ފޯނުގެ ބަދަލުގައި ފޮތެއް، މެގަޒިންއެއް ނުވަތަ ނޫހެއް ކިޔާލާ